ބޭސް ކުންފުނީގެ މަސައްކަތް އެއްކޮށް ފަށަން އަދި ހަތަރު މަސް ނަގާނެ: ޝާހު

ޑރ. ޝާހް މާހިރު: ވިދާޅުވީ ބޭސް ކުންފުނީގެ ދަށަށް މަސައްކަތްތައް ބަދަލުކުރަން ފަށާފައިވާ ކަމަށާއި، މުޅިން މަސައްކަތް ފަށަން ހަތަރު މަސް އަދި ނަގާނެ ކަމަށް -- ފޮޓޯ/ އެކްސް، ޑރ. ޝާހް މާހިރު

ރާއްޖެއަށް ބޭސް އެތެރެކުރުމަށްޓަކައި ސަރުކާރުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކުންފުނީގެ މަސައްކަތް ފަށަން އަދި ގާތްގަނޑަކަށް ހަތަރު މަސް ނަގާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ މަސައްކަތް މުޅިން ފެށޭނީ ކިހާ ދުވަހަކުންތޯ 'ސަން'އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝާހު ވިދާޅުވީ، މި ވަގުތު ބޭސް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ބޭސް ކުންފުންޏަށް ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށާއި، މި ވަގުތު ކުރިއަށް ދަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ.

"[މިވަގުތު މި ކުރަނީ] ކުންފުނި ރަޖިސްޓާކޮށް ކުންފުންޏަށް މީހުން ހަޔާކުރުމާއި ރެގިއުލޭޝަންސްތައް ހެދުމާއި، ބޭހާ ބެހޭ އިޝޫގައި ދިމާވާ ބޮޓްލްނެކްސްތައް ރަނގަޅުކުރެވޭނެ ގޮތަކާއި އެވެއިލެބަލް ބޭސް ލިބުން ފަސޭހަވާނެ ގޮތެއް،" ޝާހު ވިދާޅުވިއެވެ.

އެހެންކަމުން ކުންފުނީގެ މަސައްކަތް އެއްކޮށް ފަށަން ތިން މަސް ނުވަތަ ހަތަރު މަސް އަދި ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/211067

މި ވަގުތު ބޭސް ކުންފުނީގެ ދަށަށް ބޭހުގެ ކަންކަން ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް، ޝާހު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ދަށަށް ހުރިހާ ޚިދުމަތެއް މުޅިން ބަދަލުވުމާ ހަމައަށް އެސްޓީއޯއިން މިހާރު ވެސް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރާނެއެވެ.

ޝާހު ވިދާޅުވީ، އެސްޓީއޯ ފަދަ ކުންފުންޏަކުން ގިނަ މަސައްކަތްތަކެއް ކުރާއިރު ބޭސް އެތެރެކުރުމުގެ މަސައްކަތަށް ސަމާލުކަން މުޅިން ނުދެވޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، ބޭހުގެ މަސައްކަތަށް ވަކި ކުންފުންޏެއް އޮތުމުގެ ސަބަބުން ބޭހުގެ އަގުތައް ރަނގަޅުވެ، ބޭސްތައް ލިބުން ކުރިއަށްވުރެ އަވަސްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، އާ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުގައެވެ.

މި ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

އެހެންކަމުން އާ ކުންފުނިން ބޭހުގެ އެންމެހާ ކަންކަމާ ހަވާލުވުމުން، ފާމަސީތައް ހިންގުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.

comment ކޮމެންޓް