ހަތެއް، ފަހު ބައި

"އިސްލާމް ދީނުގައި އަންގަވާފައިވަނީ ﷲ ތައާލާގެ ރަހުމަތުން މާޔޫސްނުވުމަށެވެ. ދުނިޔެއަށް އައި މަގުސަދު ދެނެގަތުމަށެވެ. ގަޟާގަދަރަށް އީމާންވުމަށެވެ. އެކަނިވެރިކަން އިހުސާސްވިޔަދީގެން ސިކުނޑިއަށް ނުބައި ފިކުރުތަކަށް ދީލާލުމުގެ ކުރިން ﷲ ތައާލާ އަބަދުވެސް އެކީ ވޮޑިގެންވާކަމަށް ވިސްނުމެވެ. ޒިކުރުކުރުމާއި ގުރުއާން ކިޔެވުންފަދަ އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ދުނިޔޭގެ ނަޒަރުން އެކަނި ނުވިސްނާ ހެއްދެވި ފަރާތަށް ބަރޯސާވުމަކީ ފަރުވާގެ ފެށުމެވެ."

***

ފަރުޒާނާއަށް ހޭލެވުނުއިރު އޭނަގެ ކޯތާފަތް ތެމިފައިވިއެވެ.

ހެނދުނު އޭނަ ކުރު ނޯޓެއް ލިޔުނެވެ. މިއަޅާގެ މަސައްކަތްވެސް އެންމެ ފުރިހަމައެއްނޫން. އެކަމަކުވެސް ދުޢާތަކުން ފުރިފައިވީ...ﷲއަކީ އަލްލަތީފް....ދަ މޯސްޓް ސަޓްލް ދަ މޯސްޓް ކައިންޑް..."

***

ރުޚުސާ އައުމުން އަޒިއެލްއަށް ހައިރާންކަމެއް ލިބުނެވެ. އުމުރުދުވަހުވެސް ނުފެންނާނެކަމަށް ޔަގީން ކުރި މޫނެއް މާޒީން ނުކުމެ ކުރިމައްޗަށް ފުންމައިލީއެވެ. އޭނަ ދޮރުމަތީގައި ހުއްޓުނުގޮތަށް ނޭވާލާންވެސް ހަނދާނެއްނެތެވެ. ރުޚުސާއަށް މާ ބޮޑު ބަދަލެއް އައިސްފައެއްނެތެވެ. ކުރީގެ ރީތިކަމެވެ. އެކަމަކު ލޮލުގެ ކައިރި ކަޅުވެ ލޮލުން ވަރުބަލިކަން ފެނުނެވެ.

"އާޒް...މިރަށަށް އައީމަ ހަމަ އަނާ ދެކެލަން.."

"އަނާ ވީ ސްކޫލުގައި..."އަޒިއެލްގެ އަތް ޖިންސްގެ ޖީބަށް ޖަހައިލިއެވެ.

"އަމް........އަންނަންދެން މަޑުކޮށްލެވިދާނެ؟" ރުޚުސާ ކުޑަކޮށް ޖެހިލުންވާގޮތްވިއެވެ. ކުއްލިއަކަށް އަޒިއެލްގެ ފަހަތުން ނުކުތް ކައިލާ ފެނުމުން ރުޚުސާގެ ނަޒަރު އޭނައަށް ހުއްޓުނެވެ.

"ރުޚުސާ...އަހަންނަށް ހިޔެއްނުވޭ ތީ ރަަގަޅު ޚިޔާލެއްހެން..ތިހެން ހެދީމަ އަނާއަށް ނަފްސާނީ ގެއްލުމެއް ލިބުން ނޫންކަމެއްނުވާނެ. ރުޚުސާ ދިޔުމުން އަނާ މަސަލަސްކޮށް ހުއްޓުވަން އެތައް ދުވަހެއްނެގި. އެހާ ތުއްތުއިރުވެސް މަންމަ ގެއްލުމުގެ އިހުސާސުން އެކުއްޖާއަށް އެތައް މައްސަލައެއްކުރިމަތިވި..އެއީ ފަސޭހަކަމެއްނޫން. އަދި ކުޑަކުއްޖަކަށް މާ އުދަގޫވާނެ..ރުޚުސާއަކީ މަންމަކަން އެނގި ގާތުގައި ނުހުރެވެންޏާ ފެނިލާފައި ގެއްލުމަކީ ފަސޭހަކަމަކަށް ވެދާނެތަ؟ ރުޚުސާ މިކޮޅަށް ބަދަލުވީތަ؟"

"ނޫން.....މިހާރު މެރީކޮށްގެން ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފިން....."ރުޚުސާ ލަދުގަންނަގޮތްވިއެވެ. ކައިލާއާއި ހަތަރުކަޅި ހަމަކޮށްލަންވެސް އުދަގޫވިއެވެ.

"އޯ......"ކައިލާގެ ލޮލުން އެހެން އަސަރެއް ފާޅެއްނުވިއެވެ.

އަޒިއެލްވެސް ޚިޔާރުކުރީ ހިމޭންކަމެވެ. އެހިމޭންކަން ދިގުދެމިގެންދާން ހިނގައިގަތުމުން ރުޚުސާވެސް ދާންވެގެން އެނބުރުނެވެ.

"ރުޚުސާ..ވެއިޓް....އަހަރެން އެހެން ބުންޏަސް އަނާއާއި މީޓްކުރުވަން ތިއްތި ބޭނުމިއްޔާ އެކަންވާނެ...އިންސާނުންގެ ކުށްތަކާއި ފާފަތަކަށް ﷲ ތައާލާވެސް ފާފަފުއްސަވާދެއްވާ.ދަރިފުޅު އެއްލާލާފައި ދިޔުމުން ރުޚުސާއަށް ކުރެވުނު އަސަރުތަކެއް އަހަންނަށްވެސް ނޭގޭ...އަލުން އަނާއާއި ބައްދަލުކުރަން ބޭނުމިއްޔާ....މޭ ބީ...ތިއްތި ކީކޭ ބުނަނީ؟"ކައިލާ އަޒިއެލްގެ އަތުގައި އަތް އަޅުވައިލިއެވެ."ސޭ ސަމްތިން...ޕްލީޒް.."

"އަނާ ޑިސައިޑް ކުރާނީ...އަނާ ބޭނުންގޮތެއް..ހަގީގަތް ފޮރުވުމުގެ މާނައެއްނެތް.މަންމަ އަނާއާއި ބައްދަލުކުރަން އައުމުން ހުއްޓުވާފައި ފޮނުވައިލިކަން ފަހުން ދަރިފުޅަށް އެނގުމުން ވާނެގޮތެއް ނޭގޭ....ދަރިފުޅު އަންނަންދެން ވެއިޓްކުރެވިދާނެ.."އަޒިއެލްގެ އެ ޖަވާބުން ރުޚުސާއަށް ހުއްޓުމެއް އެރިއެވެ. ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ.

"ތެންކްސް..."

އޭނަ އަޒިއެލް ދޫކޮށްފައި ދިޔުމުންވެސް ބަދަލުހިފުމުގެ ރޫހެއް ނެތްކަން އެޖަވާބުން ހެކިދިނެވެ. ދުލުން އެއްބަސްނުވިޔަސް މާފުދިންކަމުގެ ހެއްކެކެވެ.

އަނާ ގެއަށް އައުމާއެކު އަޒިއެލް ދަރިފުޅު ގެންގޮސް ރުޚުސާއަށް ތައާރަފުކޮށްދިނެވެ. އަނާ ލަދުރަކިކޮށް ހީލާފައި ކުރި ސުވާލުތަކަށް ޖަވާބުވެސް ދިނެވެ. ނަމަވެސް ރުޚުސާއާއި މެދު އެހިތުގައި ޚާއްސަކަމެއްނެތެވެ. ބީރައްޓެއްސެއްފަދައެވެ. މަގުމަތިން މީހަކު ދިމާވިޔަސް އަނާގެ ހުންނަ "އެކުވެރި" ސިފަތަކުން ވާހަކަދައްކަފާނެއެވެ. އަދަބުވެރިކަން ހުރުމުން ބޮޑެތި މީހުންނަށް އިހުތިރާމްކުރަން އެކުއްޖާދަނެއެވެ. މަންމަގެ ގޮތުގައި ތައާރަފުކޮށް ދިނުމުންވެސް މަންމައެއްގެ ލޯތްބާއި ކުލުނުން ކުޑައިރުއްސުރެ މަހުރޫމްވެފައި ވުމުން އެގުޅުން ދެނެގަންނަން ނޭގުނެވެ. އޭނަގެ ހުރިހާވެސް އުފަލަކީ ލޯތްބަކީ ބައްޕައެވެ. ދުނިޔެއިން އެންމެ ލޯބިވާ މީހާގެ މަގާމަށް އެހެން މީހަކު އަންނާނެހެން ހިޔެއްނުވެއެވެ. ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަނާ އޭނަގެ ބައްޕަގެ އަތުން ދޫކޮށެއްނުލައެވެ. އެހެން މީހަކު ގެންގޮސްފާނެތީ ބިރުން ހުރިފަދައެވެ. ބައްޕައާއިއެކު ރާއްޖެއަށް ދެވުނިއްޔާ މަންމައަށްވެސް ޒިޔާރަތްކޮށްފާނެކަމަށް އަނާ ބުނެލީވެސް އެހާ ފޯރިއެއްނެތިއެވެ.

"ޓޮއިލެޓަށް ދާން ޖެހިއްޖެ...ދަނީ އިނގޭ..." އަނާ އެންމެ ފަހަރަކުވެސް "މަންމަ" އޭ ކިޔާފައި މުޚާތަބެއް ނުކުރެއެވެ. ރުޚުސާ ތެދުވެ ބައްދަން އުޅުމުންވެސް ލަދުގަނެގެން ފިޔަވަޅެއް ފަހަތަށް ޖެހިލުމުން ރުޚުސާއަށް އެހިތްވަރެއް ނުލިބުނެވެ. އަތް އުފުލައިލިއިރު އެލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އޭރު ދަރިފުޅު ސިޑިން އަރައިގެން ދަނީއެވެ.

"އާޒް..އައިމް ސޮރީ...ވެވެންޏާ މާފުކޮށްދީ...ނުވިސްނުނީ..."

އަޒިއެލް ބޯ ޖަހައިލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

"ވަރަށް ސްވީޓް..ދުވަހަކު އަނިޔާއެއްނުކުރޭ. އެހާ ރަގަޅު ފިރިއެއް މީހަކަށް ނުލިބޭނެ..އެކަމަކު ބައެއްފަހަރު ދެއްވާ ނިއުމަތަށް ޝުކުރުވެރި ނުވެވުނީމަ ލިބޭ ސަޒާކަން ނޭގޭ..މިހަރުގެ ހަޒްބެންޑް ކިހާ އަނިޔާވެރި.....އެއްވެސް އޯގާތެރިއެއްނޫން...އެހާ ޕްރައުޑް..ދީނީކަންވެސް އެހާ ކުޑަ.ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލާފައި އިނދެވުނުކަމުގެ މޮޔަހީވޭ..."ރުޚުސާ ނުކުމެން ހިނގައިގަތްއިރު އެތައް އެއްޗެއް ހިތަށް އަރާ ފޭބިއެވެ. އަޒިއެލްއާއި އަނާއާއެކު ކެތްކޮށްގެން ހުރެވުނުނަމަ ދިރިއުޅުން މާ އުފާވެރިވިސްކަން ނޭގެއެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. މާޒީ އަލުން އެނބުރި އިއާދައެއްނުވާނެއެވެ. އޭނައަށްވެސް އެހެން މީހަކަށް ހިތް ކިޔުނީއެވެ. އޭނަވެސް ތަރިބާލަދިނެވެ. ނަމަވެސް ކައިވެންޏާއެކު ބަދަލުވީ އޭނަގެ ހިތުގައި ހިތި ރަހަ ލައްވައިލަމުންނެވެ.

***

މާހިރާ އުމްރާއިން އައިފަހުން ގިނަވަގުތު އަޅުކަމުގައި ހޭދަކުރާތަން ފެނުމުން ޒޭބާގެ ހިތަށް އުފާވެރިކަން ލިބުނެވެ. މަޣުރިބު ގަޑިޖެހުމުން ބަގަރާ ސޫރަތް އަޑުއެހުމާއި ސަދަގާތް ދިނުންފަދަ ކަންތައްވެސް އިތުރުވިއެވެ. ދުޝްމިނެއްކަމުގައި އަބަދުދެކެމުން އައި ކުލްސޫމްއާއިއެކު ބާޒާރުކުރުމާއެކު ކެއްކުމާއި ބަގީޗާ ހެއްދުމުގައި އެކީ އުޅޭތަން ފެނެއެވެ. މަންމަގެ ހިތުގައިވި ހަސަދައިގެ ހުޅުކޮޅު ނިވުނުގޮތެއް ނޭގެއެވެ. އެނގެނީ ޒަމާނުއްސުރެ މަންމަގެ ގައިގާ އަށަގެންފައިވާ ވަބާއެއްފަދަ ހަސަދައާއި މީހުން ނެތްތަންތާގައި މީހުންގެ ވާހަކަދެއްކުން ހުއްޓުނުކަމެވެ. ﷲއަށް ޝުކުރުހުއްޓެވެ. ގިނަމީހުންނަށް ޣީބަ ބުނުމާއި ނެތިމޮށުން އަދި މީހުންގެ ވާހަކަދެއްކުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭގި އެކަމުގައި ދެމިތިބެވެއެވެ. އެކަމުން ތިމާއަށް ގެއްލުމާއި ހަލާކުނޫން އެއްޗެއް ނެތެވެ.

ޒޭބާ ބޮޑުކޮޓަރީގައި މަންމަގެ އިންތިޒާރުގައި އިންނަތާ ގަޑިއެއްހާއިރުވެއްޖެއެވެ. ކޮންމެހެންވެސް މަންމަ ގާތުގައި އަޒިއެލްގެ ވާހަކަދައްކަން މަޖުބޫރެވެ. އޭނައަށް ކައިވެނިކުރެވެން އޮތީ މަންމަގެ ރުހުން ލިބިގެންނެވެ. މާހިރާ ސަލާމް ގޮވާފައި ދޮރު ހުޅުވައިލިއެވެ. ދަތްތައް ފެންނަވަރަށް ހީލައިގެން ހުރެ ކޮތަޅުތައް ކައުޗްމަތީގައި ބެހެއްޓިއެވެ. ފަރުޒާނާއާއި ކުލްސޫމްއާއެކު ބާޒާރުކޮށް ރެސްޓޯރެންޓަކުން ކައިގެން އައިކަމުގައި ބުނެލިއެވެ.

"ޒޭބް ކައިފިންތަ؟"

"އާނ....މަންމާ...ޓަޔަޑް؟"

"ނޫނޭ...މަންމަ ހިނގަންފެށިފަހުން ވަރުބަލިކަމަކީ ދަންނަ އެއްޗެއްނޫން..ހެއްދެވި ފަރާތާއި އޮންނަ ގުޅުން ރަގަޅުކޮށް އިސްލާމީ އާދަތައް އަށަަގަނެ ގަޑިން ނިދާ ކުޑަކޮށް ކައިގެން ތިން ދުވަހު ރޯދަ ހިފާ ހެލިފެލިވެ އުޅުމުން ޖިސްމާނީ އަދި ނަފްސާނީގޮތުން މީހާ ފިޓްކޮށްދޭ...މަންމަ ކުރިން އެހާ ބުރަހެލިވީ ހިތުގައި އެހެން މީހުންނާއިމެދު ހަސަދައާއި ނުރުހުން އޮވެގެން...އުމްރާއަށް ދިޔުމާއެކު އެރޫހާނީ ބަލިތަކުން ސަލާމަތްވެވިއްޖެ...އާޒްވެސް އެހެރީނު....ބައިޕޯލާ ފަދަ ކޮންމެ ނަމެއް ދިނަސް އެކުއްޖާވެސް އެހާ ރަގަޅަށް އެހުންނަނީ ހަމަ ހެއްދެވިފަރާތާއި އޮތް ގުޅުމާއިހެދި..ރޫހާނީ ރުޅުން ވަރުގަދަކޮށްލީމަ އިރާދަކުރެއްވިއްޔާ ރަގަޅުވާނެ..މަންމައަށްވެސް އެކަން އިހުސާސްކުރެވިއްޖެ..މިއޮތީ ކުލްސޫމް މަންމައަށް ދިން ފައިވާނެއް..އަޅެ ރީއްޗެއްނޫންތަ؟" މާހިރާ ކޮތަޅު ހުޅުވައިލިއެވެ.

"ވަރަށް ލޯބި..."

"ޒޭބާއަށް ދައްތަ ދިން ދަބަހެއް މިއޮތީ...."

"ސުބުހާނަﷲ..ގުޗީ ލެދާ ބޭގެއް...މިހާއަގު ބޮޑު އެއްޗެއްނުދިނަސް ހަމަ އޯކޭވާނެއްނު......"ޒޭބާ އަވަސްވެގަތީ ފަރުޒާނާއަށް ޝުކުރުގެ މެސެޖެއްކޮށްލުމަށެވެ.

"ދައްތަގެ ހިތުގައި އެހެން ލޯތްބެއް އޮތީމަކަމަށްވާނީ.."މާހިރާ ހިނިގަނޑެއްޖަހައިލިއެވެ.

"މަންމަ ކޮން މާނައެއްގައި ތިހެންބުނީ؟" ޒޭބާގެ ހިތުގައި އުއްމީދުގެ އަލިކަމެއް ދިއްލުނެވެ.

"އާޒްއަށް ރަަގަޅުކުއްޖެއް ނުލިބިގެން އެވާހަކަ ދެއްކީމަ ކުލްސޫމް ބުނި ތިމަންނަގެ އެހެން އަންހެންދަރިއެއް ހުރިނަމަ އުފަލުން ދިނީމޭ...ހަގީގަތުގަައި އާޒް ވީ މަންމަމެން ހީކުރިގޮތަށް ބެޗާރާއަކަށްނޫން..ވަރުގަދަ ޝަޚުސިއްޔަތަަކަށް. ޒިންމާދާރު ބައްޕައެއް...އޯގާތެރި ދަރިއެއް...އެތައްބަޔެއްގެ ލޯބި ލިބޭ މަޝްހޫރު ސެލަބިރިޓީއަކަށް ވީނު..ކޮންމެމީހަކުވެސް ދަނބިދަރިއަކަށް ހަދަން ބޭނުންވާނެ.."

"މަންމަ ނޫނިއްޔާ..."ޒޭބާ ސަމާސާއަކަށް ހަދާފައި ހޭންފެށިއެވެ.

"މަންމަވެސް އާޒްގެ ސިހުރުގައި ޖެހިއްޖެ... ދައްތަ ގާތުގައި ބުނިން ޒޭބް އެހެރީ ނޫންހޭ...ހީވާގޮތުން ދައްތަ މި ދަބަސްދިނީވެސް އެކަހަލަ އެއްޗެއް ހިތުގައި އޮތީމަ.."

"މަންމަ އެހެން ބުނިންތަ؟ އަސްތަޣުފިރުﷲ..." ޒޭބާ އަނގަމަތީގަައި އަތްއެޅިއެވެ.

"އާނ...މަންމައަށް ކުރީގައި ހުރި އާޒް ކަމުނުދިޔަސް މިހާރު އެފެންނަނީ އާޒްގެ އަނެއް ފަރާތް....އެހާ ހަރުދަނާ ޒުވާނަކާއި ޒޭބް ގުޅެން މަންމަ ބޭނުންވަނީ...މަންމައަށް އާޒް ވަރަށް ރަގަޅަށް ދަސްވެއްޖެ..ރުޚުސާއަށް ގެއްލިގެން ދިޔައީ ޖަވާހިރެއް.." މާހިރާ ޒޭބާގެ މޫނުގައި ހިފެހެއްޓިއެވެ."ޒޭބް އެކަމާއި އުޅެންވީނު..މަންމަ ކުރިން ބުނިން ހިތް ހެޔޮނުކުރާނަމޭ...މިހާރު މަންމަގެ ހިތް ހެޔޮ....އެކަމާއި ހަމަ ވަރަށް ރުހޭ..އާޒްހާ ހެޔޮ މައުސޫމް ހިތެއް މަންމަ ނުދެކެން...އޯގާތެރިކަމުގެ ނަމޫނާއެއް...ދެކުދިން ވަރަށް ގުޅޭ..."

"ދޮންދަރިއެއް ހުއްޓަސް؟" ޒޭބާގެ ހިތުން ބޮޑު ބުރައެއް ލުއިވެގެން ދިޔަފަދަ އިހުސާސެއްވިއެވެ.

"އާނ..އެދަރިފުޅާއިމެދު އާޒް އަމަލުކުރާގޮތް ފެނުމުން ހަމަ ހިތްފުރޭ،ކޮންފަދަ މަތިވެރި ލޯތްބެއް..އަނާވެސް ބައްޕަދެކެ އެއޮތްވާ ލޯބި....ހިތަށް އެރިޔަސް ފެންކަޅިވޭ..މަންމައަށް ކުރިން އެކަން ވިސްނުނުނަމަ....ކުރިން އާއެކޭ ބުނެވުނުނަމަ...ﷲއަށް ޝުކުރުހުރި.އަދިވެސް ވަގުތު ފާއިތެއްނުވޭ. އިންސާނުންނަށް ފިލާވަޅުތައް ލިބޭނީ އެފަދަ ކަންތައްތަކާއި ކުރިމަތިވެގެން..."

ޒޭބާގެ ލޮލުގައިވެސް ގިނަވެގަތީ އުފާވެރިކަމުގެ ކަރުނައެވެ. ސަބުރާއި އިންތިޒާރުގެ ނިމުން ފޮނިއެއްޗަކަށްވާނެކަން އޭނައަށް މިއަދު ވިސްނިއްޖެއެވެ. ހުރިހާ ޝުކުރެއް ﷲ ތައާލާއަށެވެ.

***

އަޒިއެލްއާއި ޒޭބާގެ ކައިވެނި ކުރެވުނީ އާދައިގެ ގޮތަކަށެވެ. އެގޭ ބަގީޗާ ގެ ތެރޭގައެވެ. ޒޭބާއާއި އަޒިއެލްވެސް ތިބީ ހުދުކުލައިގެ ހެދުމުގައެވެ. ޒޭބާގެ ލޯވިދާއިރު ތުންފަތްމަތިން ފެނުނީ ދުވަހަކު ނުފެންނަވަރުގެ ފުޅާ ހިނިތުންވުމެކެވެ. ކައިވެނިކޮށްދިނީ އަމްރާންއެވެ. ކަމީލާގެ ލޮލުންވެސް ކަރުނަ އޮހިގަތެވެ. ފަރުޒާނާއަށް ތަސްބީހަ ކިޔުނު އަދަދެއްވެސް ނޭގެއެވެ. ދުޢާތަކަށްފަހު އަޒިއެލްގެ ހިތަށް ލިބުނު އަމާންކަމާއި ހަމަޖެހުން ހީވީ ހަމަ ގަނޑުފެންތަކެއް އަޅައިލިހެންނެވެ. އޭނަ ޒޭބާއަށް ބަލާލާފައި ހިނިތުންވެލިއެވެ

"ދުވަހަކުވެސް ހިތެއް ނުކުރަން ހަދިޔާއަކަށް ލޯބި ލިބިދާނެކަމަށް..ބިރަކާއި ނުލާ.."

"އަހަރެންވެސް ހިތަށް ނާރާ މިހެން ލޯބިވާ މީހަކު ލިބިދާނެެއޭ. އެމީހަކަށް ފިލައިގެން އުޅެން ނުޖެހި..." ދެމީހުންވެސް ހީލިއެވެ. އަޒިއެލްގެ ހުނުމުން ހީވީ ބަދެވިފައިވާ ކޮންމެވެސް ކަހަލަ އުދަގުލަކުން މިނިވަންވިހެންނެވެ.

އެރޭ އެންމެންވެސް އެއްވެ ތިބީ ހަނދުގެ ދަރުބާރުގައެވެ. އެއީ އެމީހުންގެ ސަގާފަތަކަށްވެފައިވިއެވެ. އެންމެން އެކީގައި ވާހަކަދައްކައިލަން ތިބިއިރު އެއްވެސް ފޯނެއް ކަހަލަ އެއްޗެއް އަތުގައި ނެތެވެ. ހަމައެކަނި ލޯބިން ފުރިގެންވާ ހިތްތަކެވެ. ކައިލާ ޒާމިލްގެ އަތުގައި ހިފަހައްޓައިލައިގެން އިންއިރު ދަރިފުޅު އޮތީ އުނގުގައި ނިދިފައެވެ. އަމްރާންގެ އަތްވެސް ވީ ކަމީލާގެ ވަށައިގެންނެވެ. ދެކުދިން ކައިރީގައި ހީ ސަކަރާތް ޖަހެން ތިއްބެވެ. ފަރުޒާނާއާއި ޔޫސުފް ތިބީ މެދުގައެވެ.

"މިރޭގެ ދުއާ ޒޭބްވެސް އަހަންނާއެކު ކިޔަންވީނު.."އަޒިއެލް ބުނެލިއެވެ. ޒޭބާ އެއްބަސްވިއެވެ.

"ޔާﷲ... އިންތިޒާރުކުރި ކޮންމެ ހިތަކަށް....ހަލާކުވެފައި އަލުން ރަގަޅުވި ކޮންމެ ފުރާނައަކަށް އަމާންކަމާއި އޯގާތެރިކަން އަދި މަގުސަދެއް ދެއްވާދޭވެ...ޝިފާއަކީ ކޮންމެހެން ތަދު ނެތުމެއްނޫންކަމާއި ﷲ ތައާލާއާއެކުގައި ވުން ކަން ފަހަރެއްގައިވެސް ހަނދާން ނައްތާނުލަމާ..."

ހަނދުވަރުގެ މަޑު އަލީގައި ހިތާމައާއި މޮޅިވެރިކަމާއި މޮޔަކަމުގައިވެސް އެކީގައިވި އެންމެން ދުޢާކުރިއެވެ. ހަލާކުގެެން ދިޔަ ދިރިއުޅުމެއް އާރާސްތުކުރި އާއިލާއަށް ހަނދުވެސް ހިމޭންކަމާއެކު ބަލަހައްޓައިގެން އިންފަދައެވެ. ﷲތައާލާގެ އިރާދައާއެކު ހަޔާތުގެ އެތައް ދަތި އުދަގޫތައް ކަޑައްތުކޮށް އެހިސާބަށް އާދެވުނީއެވެ. އެންމެން އެކީގައެވެ.

އަޒިއެލްއާއި ޒޭބާ އަތުގުޅުވާލައިގެން ތިބެ ބަގީޗާތެރޭގައި ހިނގަމުން ދިޔައިރު ގިނައިން ވާހަކަދެއްކީ ޒޭބާއެވެ. މިހުރިހާ ދުވަހުގެ އިހުސާސްތަކާއި ލިޔުނު ސިޓީތަކުގެ ވާހަކައެވެ. އޭނަ އެވަރުންވެސް އުއްމީދުގެ ދާވަނިން އަތް ދޫކޮށެއްނުލިއެވެ. މިތަނުން ނުލިބުނަސް ދާއިމީ ދިރިއުޅުން އޮތީ ނޫންހެއްޔެވެ؟ގިޔާމަތް ދުވަހުން އެކީގައިވުމަށްވެސް ދުޢާކުރެވުނީ އެހެންވެއެވެ.

"އާޒްއަށް ހަތެއް ސްޕެޝަލްވެފައިވީކަން އެނގުމުން އަހަރެންވެސް ވިސްނައިލިއިރު ހަތެކާއި ގުޅުން ހުރިކަމަށް ވޭ..ބާތްޑޭއަކީވެސް ހަތެއް ޖެނުއަރީ...ދެމީހުން ފުރަތަމަ ދިމާވީވެސް ހަތްވަނަ ދުވަހު...އާޒްއަށް ދޭން ލިޔެވުނީވެސް ހަތްސަތޭކަ ސިޓީ...އެހެންވެ ކައިއާއި ދެމީހުންވެހެން ހަދަން މިއުޅޭ ޗެނެލްވެސް ސެވެންއާއި ގުޅުވައިގެން ނަމެއް ދޭންވެގެން މި ވިސްނަނީ..އިސްލާމީ އިލްމާއެކު ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި...އާޒް ބޭނުމިއްޔާ ހެލްޕްވެވިދާނެ......"

"ހަތެއް ދޯ...ހެހެ..ވާހަކަތަކާއި ޓްރެޑިޝަންތަކުގައި އަދި ދީންތަކުގައިވެސް ޚާއްސަ ނަމްބަރަކަށްވީ...އެކަމަކު މިހާރު ހަތެއް ހަދާން ނައްތާލާވަރުގެ ކުއްޖެއް މައިންޑްގައި އިނީ....އެކުއްޖާގެ އަތުގައި ހިފާލައިގެން މިހެން ހިނގައިލަން އައުމަށް އެދި ދުޢާކުރެވުނު....އެކަން އެނގޭތަ ޒޭބްއަށް؟"

"އޯ...ރިއަލީ؟"ޒޭބާގެ މޫނަށް ހޫނުވާގޮތްވިއެވެ.

"މްމްމް....އަހަރެންގެ ސިކުނޑި މަގުން ކައްސައިލާނެ އިރެއް ނޭގޭ...މަދުން ނަމަވެސް ބައެއްފަހަރު މޫޑު ބަދަލުވާން އުޅޭ. އެކަމަކު ﷲތައާލާ އަބަދުވެސް އެކީގައި ވޮޑިގެންވޭ....އަދި ތެރަޕިސްޓަކަށް ޒޭބް ހުރުމަކީ ހަމަ ރަހުމަތެއް...ދުޢާއަކީ ޒޭބް ބުނިހެން ޖަންނަތުގައިވެސް އެކީގައިވުން...."

ދެކުދިން ސިއްރު ވާހަކަތައް ދައްކަމުން ހެމުން ސަކަރާތްޖަހަމުން އެތައް އިރެއްވާންދެން ބަގީޗާތެރޭގައި ތިބެފައި ގެއަށް ވަންނާން ހިނގައިގަތްއިރުވެސް ދެއަތްތިލަވަނީ ގުޅައިލެވިފައެވެ.

***

އަހަރުތަކެއް ފަސް

އަމްރާންގެ ދަރިފުޅު މެލެކްއަށް ބާރައަހަރު ފުރުނުއިރު އޭނަގެ ބައްޕަފަދައިން ދިގު އިސްކޮޅަކާއި ދޮންކަން ލިބިފައިވިއެވެ. އެތާ ތޫނުފިލިއެވެ. އެކަމަކު ފަހަކަށް އައިސް މަޑުމަޑުން ކިޔެވުމާއެކު އަޚުލާގަށްވެސް ބަދަލު އަންނާންފެށިއެވެ. ހަވީރު ސްކޫލުން އައިގޮތަށް ޔުނިފޯމްއާއެކު ކައުޗްގައި ކުރުގެޅިން ދަރިފުޅު އޮތްތަން ފެނި ކަމީލާގެ ހިތަށް ފިނިވާގޮތްވިއެވެ. އަތުތެރޭގައި މުސްހަފް ވިޔަސް ނަޒަރު ހުއްޓިފައިވީ ދުރަށެވެ.

"ކޮންކަމަކާއި ތި ވިސްނަނީ ހަބިބްތީ؟"ކަމީލާ އެހިއެވެ.

"އެންމެންވެސް ބުނަނީ މިއަށްވުރެ ބޮޑަށް އަމިއްލަ ނަފުސަށް އިތުބާރުކުރަންވާނެއޭ... އެކަމަކު އެމީހުންގެ ފަދައިން އަހަރެންގެ ސިކުނޑި މަސައްކަތްނުކުރަންޏާ؟ ބައެއްފަހަރު ކަމަކާއިނުލާވެސް ހަމަ ދެރަވަނީ.."

ކަމީލާ ކައުޗްގެ މަގަތުގައި އިށީދެ ދަރިފުޅުގެ ހަށިގަނޑުގައި އަތް ވަށައިލިއެވެ."އޭގެ މާނައަކީ ދަރިފުޅު ކޮންމެހެން ސިކުނޑި ހަލާކުވީއެއްނޫން. އޭގެ މާނައަކީ ދަރިފުޅަކީވެސް އިންސާނެކޭ... އެގޮތަށް މީހުންނާއިމެދު ހަމްދަރުދީވެ އެކަން ރަގަޅަށް އިހުސާސްވާ ބަޔެއްގެ ތެރެއިން ދަރިފުޅުވެސް އައީ..."

އަމްރާން އިރުކޮޅެއްފަހުން ކޮޓަރިއަށް ވަނެވެ. އަދި މެލެކް ގާތު ކުޑަކަކޫ ޖައްސާލައިގެން އިށީނެވެ." އެނގޭތަ އަންކަލް އާޒް އެއްފަހަރު ބުނި ހިތާމަވެސް ހަނދެއްފަދައޭ...އިޓް ވެެކްސެސް އެންޑް ވޭންސް.... އެކަމަކު ދުވަހަކުވެސް އުޑުމަތިން ގެއްލިގެނެއްނުދޭ..."

"ޢޭގެ މާނައަކީ އަޅުގަނޑުވެސް އޯކޭވާނެއޭ؟"

"އޭގެ މާނައަކީ މިހާރުވެސް ހަމަ ރަގަޅޭ..މަންމައާއި ބައްޕަ އަދި އާއިލާގެ އެންމްނެވެސް ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގާނެއޭ.."

***

އަޒިއެލްއާއި ޒޭބާ ވެސް ތިންކުދިން ގޮވައިގެން އާއިލީ އެންމެނާއެކު އުމްރާ ދަތުރެއްގައި ބަައިވެރިވިއެވެ.އެހެން ކުދިންނާއިއެކު އަޒިއެލްއާއި ޒޭބާގެ ދެ ފިރިހެންކުދިން ކޮތަރުތަކަށް ކާންއަޅަމުން ކޮތަރުތައް ފަހާދުވުނުއިރު އަޒިއެލް ހުރީ ވީޑިއޯކުރުމުގައި އަަވަދިނެތިއެވެ. އަނާވެސް ފިނިން ސަލާމަތްވާން ކަޅުޖެކެޓަކާއެކު އެކުލައިގެ ސްކާފެއް އަޅައިގެންހުރިއިރު މޫނަށް ރަތްކުލަވެރިވެފައިވިއެވެ. އަނާ ޒޭބާގެ ގަޔަށް ލެނގިލައިގެން ހީލައިގެން ހުރިއިރު ޒޭބާއަށް ބޮލުގައި ފިރުމައިލެވުނެވެ.

"ބަނޑުހައިވޭތަ ސްވީޓްހާޓް؟" ޒޭބާ އަހައިލިއެވެ.

"ޔެސް މަމް...ކޮއްކޮމެން ސަކަރާތްޖަހާ ނިމުނީމަ އައިސްކްރީމްއަކާއިއެކު ޝަވަރުމާއެއް ކައިލަން ބޭނުންވަނީ.ކޮން އިރަކުން ތާއިފްއަށް ދަނީ؟ ސޯ އެކްސައިޓެޑް...ދިސްޕްލޭޒް އިޒް ލައިކް....އެ ޕީސް އޮފް ހެވެން..." އަނާ ބުނެލިއެވެ. އެހާ ކުޑަކުއްޖަކު ގެފުޅު ފެނިފައި ރުއިތަން ފެނުމުން ޒޭބައަށްވެސް އަސަރުކުރިއެވެ. އަނާއަށްވެސް މި މުގައްދަސް ބިންދެކެ އެހެން ހުރިހާތަނަކަށްވުރެ ލޯބިވެވިއްޖެއެވެ. ކޮތަރުތަކާއެކު ސަކަރާތްޖަހާފައި އެންމެން ކައިނިމިގެން ކްލޮކްޓަވަރުގައި ހުރި ކޮޓަރިތަކަށް ދާން ހިނގައިގަތްއިރު އަނާގެ އަތުގައި ހިފަހައްޓާލައިގެން ހުރީ މާހިރާއެވެ. އަނާއަށްވެސް މާހިރާއާއިމެދު ދެކެވެނީ ފަރުޒާނާފަދައިން މާމައެއްގެ ގޮތުގައެވެ.އެހާވެސް ޚާއްސައެވެ.

އަނާއަށް އޭނަގެ މަންމައާއި ދެތިންފަހަރު ބައްދަލުވެވުނެވެ. ދޭތެރެއަކުން ގުޅައިލައެވެ. ނަމަވެސް އަނާގެ ފަރާތުން އަބަދުވެސް ފެންނަނީ ބީރައްޓެހިކަމެވެ. އޭނައަށް މަންމައެއްގެ ގޮތުގައި ދެކެވެނީ ޒޭބާއެވެ. މަންމައަށް ދީނުގައި އޮންނަ މަގާމު އެނގޭތީ ވާހަކަދެއްކިޔަސް އިހުތިރާމްކުރިޔަސް އަނާގެ ހިތުގައި ހަގީގީ މަންމައަކަށް އޮންނަންވީ ލޯބި އުނިވީއެވެ. އެއީ ރުޚުސާގެވެސް އިހުމާލެވެ.

***

ފަރުޒާނާ މާހިރާ އަދި ކުލްސޫމްގެ އާއިލާގެ އިތުރުން ޒާމިލްގެ އާއިލާގެ އެންމެންހެން އިސްލާމްދީން ގަބޫލުކޮށް އުމްރާ ވުމަށްޓަކާ އެދަތުރުގައި ބައިވެރިވިއެވެ. އެންމެން ތަވާފުކޮށްނިމިގެން ދުޢާކުރަން ތިބިއިރު ކުދިބޮޑު އެންމެންގެ މޫނުމަތިން ފެންނަނީ ރޫހާނީ ހިތްހަމަޖެހުމެވެ. ޚާއްސަކޮށް ޔޫސުފްއާއި ފަރުޒާނާއަށް އިހުސާސްކުރެވުނީ ތަފާތު އުފަލެކެވެ. ދުޢާ އިޖާބުކުރެއްވުނުކަމުގެ ހިތްހަމަޖެހުމެވެ. ކުޑައިރުއްސުރެން އަޒިއެލްއާއިމެދު ވިސްނާ އެތައްރެއެއްގެ ނިދި ބޭކާރުވުމަށްފަހުގައިވެސް ތަހައްޖުދުގައި ދުޢާކުރަމުންގޮސް އިންތިޒާރުގެ ނިމުން އަތުވެއްޖެއެވެ. ﷲތައާލާގެގެ ރަހުމަތާއެކު އެހެން ދަރިންފަދައިން އަޒިއެލްއަށްވެސް ރީތި ދިރިއުޅުމެއް ލިބުނީއެވެ.

ނިމުނީ

ވާހަކަ ނިންމުމުގެ ތައުފީގު ދެއްވިކަމަށްޓަކާ ﷲ ތައާލާއަށް ހަމްދުކުރަން..އަދި ހުރިހާ ކިޔުންތެރިންނަށް ހިތުގެ ފުންމިނުން ޝުކުރުކުރަން..ވަރަށް އަވަހަށް އެހެން ވާހަކައެއް ގެނެސްދޭނަން އިންޝާﷲ..

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު