ލިސާން: ވާހަކަ --

"ތި އުޅާ ރަނީމްގެ އަތުން ނަގާލެވިދާނެތަ؟ ކުޑަވަގުތު ކޮޅަކަށް އަހަންނަށް ދެވިދާނެތަ؟" ނާވީ އެދުނެވެ.

"ނާވީ… އެއީ ކީއްކުރަން؟ މީ އަހަރެންގެ ބައްޕަގެ ހަދިޔާއެކޭ…" ރަނީމް ކަންބޮޑުވިއެވެ. ނާވީ އެދުނު ނަމަވެސް އެކަންތައް އޭނައަކަށް ނުކޮށްދެވޭނެއެވެ. އެ އަތުން އެ އުޅާ ވަކިނުކުރުމަކީ އޭނަ އަމިއްލަ ނަފްސަށްވެސް ކޮށްފައިވާ ވަޢުދެކެވެ.

"އެކީގައެއް ނޫނޭ. އެއްޗެއް ބަލައިލަންވެގެން." ނާވީ އެދުނެވެ.

"އެކަމަކު.... ދުވަހަކުވެސް އަހަރެންގެ އަތުން ވަކިނުކުރަން މާމައާއި ކާފަ ބުނި. ބައްޕައާ މާމައާ ކާފަގެވެސް ވަޞިއްޔަތަކީ އެއީ…" ރަނީމް ބުނެލިއެވެ. އެމީހުން ނެތް ދުނިޔެއެއްގައި އެ ވަޞިއްޔަތަށް އެންމެ ފުރިހަމައަށް ކަމޭހިތަން ރަނީމް ބޭނުންވިއެވެ. އޭނަ އެކަންތައް ކުރަން ބޭނުންނުވާ ސަބަބު ރަނީމް ނާވީއަށް ހާމަކޮށްދިނެވެ.

"އަހަރެން ހަމައެކަނި އެއްޗެއް ބަލާލަން… " އަނެއްކާވެސް ނާވީ އެދުނެވެ. އޭނަ އެ އުޅާގައި އަތް ޖައްސައިލިއެވެ.

"އެކަމަކު ނާވީ…އަހަރެންގެ މަންމަވެސް ބޭނުމެއް ނުވޭ ދުވަހަކު މި އުޅާ އަހަރެންގެ އަތުން ނަގާކަށް." ރަނީމްއަށް ބުނެވުނެވެ. އެ އަތުން ވަކިކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ނާވީ ބުނި ނަމަވެސް އެއީ ކުރަން އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ބައެއްފަހަރު އެންމެން އެ ގޮތަށް އޭނާގެ ގާތުގައި ބުނާތީ ޚުދު ރަނީމްވެސް ހައިރާންވެއެވެ. ކާފަމެން ދުނިޔޭގައި އެ ސުވާލު އޭނަ އުފެއްދިވެސް މެއެވެ. އެހެންނަމަވެސް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ. އެންމެންވެސް އޭނައަށް ދޭ ޖަވާބަކީ އެއީ ބައްޕަގެ ވަޞިއްޔަތެއް ކަމުގައެވެ. އެ ވަޞިއްޔަތަށް ކަމޭހިތުމަކީ ރަނީމްގެ ޒިންމާއެއް ކަމުގައެވެ. ރަނީމް އޭނަގެ އަތުގައި އަޅާފައި އޮތް އުޅާއަށް ބަލައިލިއެވެ.

"ރަނީމް އަހަނަށް އިތުބާރުކުރަންތަ؟" ނާވީ ސުވާލުކޮށްލިއެވެ. އޭނާ ސީދާ ރަނީމްގެ ދެލޮލަށް ބަލައިލިއެވެ. ރަނީމް ބޯ ޖަހައިލިއެވެ. އޭނާ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް ނާވީއަށް އިތުބާރުކުރެއެވެ. ނާވީ އޭނައަށް ގެއްލުމެއް ނުދޭނަކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮވެއެވެ. އެހެންނަމަވެސް އެ އުޅާ ހަށިގަނޑާ ވަކިކުރަން އޭނަގެ ޒަމީރު ދެކޮޅުހަދަނީއެވެ.

"އަހަރެން މި ބުނަނީ ރަނީމް އަބަދުގެ އަބަދަށް މި ތި ހަށިގަނޑާ ވަކިކޮށްލާކަށް ނޫނެއްނު. އަހަންނަށްޓަކާ މިކަންތައް ރަނީމްއަށް ނުކުރެވޭނެތަ؟" ނާވީ ބުނެލިއެވެ. އޭނަގެ އަޑުން ކުޑަކޮށް ހިތާމަވެރިކަމެއް ފާޅުވެލިއެވެ.

"އެއީ ކީއްކުރަންތޯ އަހަންނަށް އަހާލެވިދާނެތަ؟" ރަނީމް ސުވާލު އުފެއްދިއެވެ. އެ އުޅާއާ މެދު ނާވީ އެހާ ޝައުޤުވެރިވެގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ނާވީ ޚިޔާރުކުރީ ހިމޭންކަމެވެ. އޭނަ އެއްޗެއް ނުބުންޏެވެ. އެކަމުން ރަނީމްއަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ރަނީމްއަށް ބަލަހައްޓައިގެން ހުރި ނާވީ ދުރު ބަލައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ރަނީމް އޭނަގެ ހަށިގަނޑާ އެ އުޅާ ވަކިނުކުރާނެކަން ޔަޤީން ކުރެވުނީއެވެ. އޭނަ ބޭނުންވެއްޖެނަމަ ރަނީމްގެ މައްޗަށް ބާރު ފޯރުވައިގެންވެސް އޭނަ ބޭނުން ކަންތައް ކުރެވިދާނެއެވެ. އެހެންނަމަވެސް އެފަދަ ގޮތަކަށް ރަނީމްއާ ދޭތެރޭ އަމަލުކުރުމަށް ނާވީގެ ޒަމީރު އެއްބަހެއް ނުވެއެވެ. އޭނަ އަމިއްލަ ނަފްސަށް ވަޢުދުވެފައިވަނީ ރަނީމްގެ މައްޗަށް އެފަދަ ބާރެއް ނުފޯރުވުމަށެވެ. ރަނީމްއަކީ އޭނަގެ ލޯތްބެވެ. އޭނަގެ ހިތުގެ ފިނިކަމެވެ. ނާވީ ފަސް އެނބުރުނެވެ.

އެ މަންޒަރު ބަލަން ހުރި ރަނީމް ދެރަވިއެވެ. ނާވީގެ އެދުން ފުރިހަމަކޮށްދޭން އޭނާގެ ހިތް ގޮވަން ފެށިއެވެ.

"ނާވީ….ރުޅިއައީތަ؟" ނާވީގެ ފަހަތުގައި ހުރެފައި ރަނީމް ގޮވައިލިއެވެ. ނާވީ އޭނާއާ ފުރަގަސް ދިނުމުން ރަނީމްގެ ހިތަށް ތަދުވީއެވެ. އޭނާ ދެރަވީއެވެ. ރަނީމް ހީކުރީ ނާވީ ހިތްހަމަނުޖެހުނީ ކަމަށެވެ.

"ނޫން. އަހަންނަށް ރަނީމް ދެކެ ރުޅި އާދެވޭނެކަން ހީވޭތަ؟" އެހެން ބުނެލާފައި ފަސްއެނބުރިލި ނާވީ ހިނިތުންވެލިއެވެ. ރަނީމް އޭނާގެ އަތުގައި އޮތް އަުޅާއަށް ބަލައިލާފައި، އެ އުޅާ އޭނާގެ އަތާ ވަކިކޮށްލަމުން ނާވީއަށް ދިއްކޮށްލިއެވެ.

"ރަނީމް…" ނާވީއަށް ގޮވައިލެވުނެވެ. ނަވީ ރަނީމްގެ އަތުގައި އޮތް އުޅާނަގަން ވެގެން އުޅުނު ވަގުތު އެ އަތުގައިވެސް ނާވީއަށް ބީހިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނައަށް ބަލައިލެވުނީ ރަނީމްއަށެވެ. ސީދާ ރަނީމްގެ ދެލޮލަށެވެ. ދެން ފެނުނީ ރަނީމް އަރި އަޅައިލިތަނެވެ. އޭނަ ހުޝިއާރުކަމާއެކު، ރަނީމް އެ އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. ރަނީމް އޭނަގެ އަތަށް ދިން އުޅާއަށް ބަލައިލުމަށްފަހު ނާވީ، އެ އުޅާ ރަނީމްގެ އަތުގައި އަޅުވައިލަދިނެވެ. އެއަށްފަހު އެތަނުން ނާވީ ގެއްލުނީއެވެ. ހަމައެއާއެކު ފެހިނޫ އައްޔަކުން އެތަން ދިއްލިގެން ދިޔައެވެ.

ސިޓިން ރޫމުގައި ހުރި ފަތްޖެހިއެނދުގައި ރަނީމް ބާއްވަމުން ނާވީއަށް ފުންކޮށް ރަނީމްއަށް ބަލައިލެވުނެވެ. އޭރު އޭނާގެ އެތެރެ ހަށިވަނީ ހަލަބޮލިވެފައެވެ. މީހާގެ މޫނުމަތީންވެސް ނުތަނަވަސްކަމެއް ފެންނަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، އޭނަ ރަނީމްގެ އަތުގައި އޮތް އުޅާއަށް ބަލައިލާފައި އެ އަތުގައި ފިރުމައިލިއެވެ. އެއަށްފަހު ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލަމުން، ދެތިން ފަހަރު ރަނީމްއަށް ގޮވައިލިއެވެ.

"ރަނީމް… ރަނީމް…" ނާވީ ވަނީ ކުޑަކޮށް ހާސްވެސް ވެފައެވެ. ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓްފަހުން ރަނީމް އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އޭނައާ ދިމާލަށް ބަލަހައްޓައިގެން އިނދެ ނަމުން ގޮވަމުން ދިޔަ ނާވީއެވެ. ބޮލުގައި ބަރުކަމެއް ވާ ޙާލު ރަނީމް ފަތްޖެހިނއެދުން ތެދުވަން މަސައްކަތްކުރިއެވެ.

"ކިހިނެއްވީ؟" ބޮލުގައި އަތް އަޅައިލަމުން ރަނީމްއަށް ބުނެވުނެވެ. ސިކުނޑީ މަސައްކަތްކުރަން ހިނދުކޮޅެއް ނެގިއެވެ. ރުއްފަލުގައިވީ ކަންތައް ހަނދާންވުމާއެކު، އަމިއްލަ އަތަށް ރަނީމްއަށް ބަލައިލެވުނެވެ. އެ އަތުގައި އޮތް އުޅާ ފެނުމާއެކު، ސުވާލުގެ ނަޒަރަކުން އޭނަ ނާވީއަށް ބަލައިލިއެވެ. އެ އުޅާ ހަށިގަނޑާ ވަކިކޮށްލި ވަގުތު އޭނައަށް ފާޑެއްގެ އުނދަގުލެއް ވިއެވެ. މީހާގެ އެތެރެ ހަށި ހަލަބޮލިވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ ސަބަބަކީވެސް އެއީއެވެ.

"އެހެން އެވީ ކީއްވެތަ؟ މި އުޅާ ހަށިގަނޑާ ވަކިކޮށްލީމަ އަހަންނަށް އެހާ އުނދަގޫވީ ކީއްވެގެންތަ؟" ރަނީމްއަށް އަތުގައި އޮތް އުޅާއަށް ބަލައިލަމުން ސުވާލު ކުރެވުނެވެ. "ނާވީ…. "

ރަނީމް ޖަވާބެއް ބޭނުންވާ ފަދައަކުން ނާވީއަށް ގޮވައިލިއެވެ.

ނާވީ ބޯ ޖަަހައިލި ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބެއް އޭނައަކަށް ނޭނގުނެވެ. އޭނަ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލިއެވެ.

"އެއީ އުޅާ ނެގީމަ ވީ ގޮތެއް ނޫންކަމަށްވެސް ވެދާނެއެއްނު ހަމަ. އަހަންނަށް ހީވަނީ އަހަރެން ރުޅި އައިހެން ހީވީމަ ރަނީމް މާ ބޮޑަށް ދެރަވީހެން." ނާވީ ބޭނުންވީ ރަނީމް ހިތްހަމަޖައްސައިދޭށެވެ. އެހެންނަމަވެސް ރަނީމް ހުރީ އެ ވާހަކަތައް ޤަބޫލުކުރާނެ ގޮތަކަށް ނޫނެވެ. އޭނައަށް އައި ބަދަލާ އެ އުޅާ ހަށިގަނޑާ ވަކިކޮށްލުމާ ގުޅުމެއް ވެޔޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެންމެން އޭނަގެ ހަށިގަނޑުން އެ އުޅާ ވަކިނުކުރަން ބުނާނީ ގައިމު ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. މީގެ ކުރިން މާމައާއި ކާފަ ކުރި ވަސިއްޔަތަކީވެސް އެއީއެވެ. އަދި މިހާރު މަންމަވެސް އެދޭ އެދުމަކީ އެއީއެވެ. އެންމެން އޭނައަށް ސިއްރުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ނާވީ އެހާ ޝައުޤުވެރިވެގެން އުޅޭ އެ އުޅާގެ ސިއްރަކީ ކޮބައިހެއްޔެވެ؟

"ދެން އެކަމާ ނުވިސްނާ." ނާވީ ބުނެލިއެވެ. އެއަށްފަހު، އޭނަ ރަނީމްގެ އަތުގައި ބޮސް ދިނެވެ.

"މަންމަމެން އެންމެން އެދޭހެން މި އުޅާ ރަނީމްގެ ހަށިގަނޑާ ވަކިނުކުރާތި. ޚާއްސަކޮށް ރަނީމްގެ ބައްޕަގެ ވަޞިއްޔަތަކަށްވީތީ އެއަށް ކަމޭހިތަށް ވާނެ. އަހަންނަށް މާފުކުރޭ އެހާ ވަރުން ތީތި ރަނީމްގެ ހަށިގަނޑާ ވަކިކުރެވުނީމަ. " ނާވީވެސް އެދުނެވެ. ރަނީމް އިތުރަށް ހައިރާންވުން ނޫންކަމެއް ނުވިއެވެ. ސިކުނޑީގެ ތެރޭގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދެިގެން ދިޔައެވެ. މަންމަމެންނަށް ފަހު ނާވީ އެގޮތަށް އެދުމުން އެ އުޅާފައި ފޮރުވިފައިވާ ސިއްރެއްވާކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. އިތުރަށް ކަންތައްތައް އެނގުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދިގެން ދިޔައެވެ.

"އަހަރެންގެ ގާތު ބުނެބަލަ. ކިހިނެއްތަވީ؟ އަހަންނަށް އައި ބަދަލުތަކަކީ މި ނެގުމުން އައި ބަދަލުތަކެއް ދޯ. އެހެންވެެގެން ދޯ ނާވީ އެހާ ހާސްވީ…. " ރަނީމް ސުވާލުކޮށްލިއެވެ. ނާވީ ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ.

"ރަނީމް. އަހަންނަށް ވަޢުދުވޭ. ތި އުޅާ ހަށިގަނޑާ ވަކިނުކުރާނެކަމަށް. އޭރުން ހުރިހާ ވާހަކައެއް ކިޔައިދޭނަން." ނާވީ ބުނެލިއެވެ. ރަނީމްގެ ސިކުނޑިއަށް ޤަބޫލުކުރެވޭ ފެދަ ވާހަކަތަކެއް އޭނަ ދައްކަން އެބަ ޖެހެއެވެ. ނާވީއަށް ބަލައިލާފައި، ރަނީމް ބޯ ޖަހައިލިއެވެ.

"އަސްލު ތީ ރަނީމްގެ ހަށި ރައްކަލަކަށް ހަދާފައިވާ އެއްޗެއް. އަހަންނަކަށް ވެސް ނޭނގެ ކީއްވެގެންކަމެއް. އެކަން އެނގޭނީ ހަމަ ރަނީމްގެ ޢާއިލާއަށް. ތި އުޅާ ރަނީމްގެ ހަށިގަނޑުން ވަކިނުކުރަން މި ބުނަނީވެސް އެ ސަބަބަށްޓަކާ. އަހަރެންފަދަ މީހަކާ ރަނީމް ގުޅުން ބާއްވާކަން އަހަރެމެން ކަހަލަ މަޚްލޫޤުންނަށް އެނގިއްޖެއްޔާ އެމީހުންގެ އުނދަގޫ ރަނީމްއަށް ފޯރަފާނެތީ...…" ނާވީ ހެދީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އޭނަ ވާހަކަ ދެއްކީ ރަނީމްގެ ސިކުނޑިއަށް ޤަބޫލުކުރެވޭ ފަދަ ގޮތަކަށެވެ.

"ދެން ކީއްވެ ނާވީއަށް މިއުޅާ އޮތަސް އަހަންނާ ކައިރިވެވެނީ؟" ރަނީމް އަހައިލިއެވެ.

"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އިންސާނުންގެ މައްޗަށް ނުރުހުމުގައި ބާރު ފޯރުވާ މީހުން. އެފަދަ ގޮތަކަށް ކަމެއް ކުރަންޏާ އެކަމުގެ އަސަރު އެ އިންސާނަކަށް ކުރާނެ. އަހަރެން އެފަދަ ގޮތަކަށް އަމަލެއް ނުކުރަމެއްނު." ނާވީ ބުނެލިއެވެ.

"އެހެންވިއްޔާ ކުޑައިރު އަހަންނަށް އެކަހަލަ އުނދަގުލެއް ވީ ކަންނޭނގެ." ވިސްނަން އިނުމަށްފަހު، ރަނީމްއަށް ބުނެވުނެވެ.

"އެކަމާ ކަންބޮޑުނުވޭ. މިހާރު އަހަރެން މިހުރީނު." ނާވީ އެދުނީ ރަނީމް ކަންބޮޑުނުވުމަށެވެ. އޭނަ ހުއްޓާ ރަނީމްއަށް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ނާވީ ދިނެވެ. އެއަށްފަހު އަނެއްކާވެސް އޭނަ އެދުނީ އެންމެ ކަމަކުއެވެ. އެ އުޅާ ރަނީމްގެ ހަށިގަނޑާ ވަކިނުކުރުމަށެވެ.

"އަހަރެން މަންމަ ކައިރިން ހުރިހާ ވާހަކައެއް އަހާނަން." ރަނީމް ނާވީއަށް ބަލައިލިއެވެ.

"ނޫން… މަންމަ އެހާލުގައި ވަނިކޮށް އިތުރު ތަކުލީފެއް ދޭކަށް ނުވާނެ. އަދި އަމްދުން މި ދުވަސްކޮޅު. ރަނީމްއެއްނު ބުނީ މަންމަ ވަރަށް އުނދަގޫވާތީ އުޅޭ ވާހަކަ. އެހެންވީމަ އެހަަށް މަޑުކޮށްލާ. އެ ސުވާލުކުރަން އަދި ރަނީމްއަށް ފުރުސަތު ލިބޭނެ." ނާވީ ބުންޏެވެ.

"އެކަމަކު…" އޭގެ ހަޤީޤަތް އެނގެން ކެތްތެރިކަން ކުޑަވެފައިވާ ޙާލު ރަނީމްއަށް ބުނެވުނެވެ.

"އަހަންނަށް އިތުބާރުކުރަންތަ؟" ނާވީގެ ސުވާލާއެކު ރަނީމް ބޯ ޖަހައިލިއެވެ.

"އަހަރެން ދެކެ ލޯބިވަންތަ؟" ނާވީގެ ދެވަނަ ސުވާލާއެކު، ރަނީމް މިފަހަރުވެސް ބޯ ޖަހައިލިއެވެ.

"އެހެންވިއްޔާ އަހަރެން ބުނާ ގޮަތަށް ކަންތައް ކުރޭ." ނާވީ އަނެއްކާވެސް ބުނެލިއެވެ. ރަނީމްގެ މައްޗަށް ބާރު ފޯރުވައިގެން އެއްވެސް ކަމެއް ކުރުވާކަށް އޭނަ ބޭނުމެއް ނޫނެވެ. ރަނީމްއަށް ވިސްނައިދޭ ސަބަބަކީ އެއީއެވެ. ނާވީގެ ދެލޮލުން ފެނުނު އަސަރުތަކުގެ ސަބަބުން އެކަމަށް ރަނީމް އެއްބަސްވިއެވެ. ނާވީ ލުއިކޮށް ހީނލިއެވެ.

"އަހަރެން ދެން ގޮސްލަނީ އިނގޭ." ނާވީ ބުނެލުމުން ރަނީމް ބޯ ޖަހައިލިއެވެ.

ނާވީ ދިޔުމާއެކު ރަނީމްއަށް އަނެއްކާވެސް އޭނަގެ އަތަށް ބަލައިލެވުނެވެ. އުޅާގައި އަތް ޖައްސައިލަމުން އޭނަ ވިސްނައިލިއެވެ. އެ އުޅާ އަތުން ވަކިކޮށްލަން އޭނަގެ ޒަމީރު ގޮވަން ފެށިއެވެ. އުޅާ ހަށިގަނޑާ ވަކިކޮށްލާފައި، ވާގޮތެއް ބަލަން ބޭނުންވި ނަމަވެސް، މިވަގުތު އެކަން ކުރާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އެހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވާތީއެވެ. ޖެހިލުންވުމެއް ވާތީއެވެ.

ރަނީމްމެން ރަށުން ނާވީ އެމީހުންގެ ޝަހަރަށް ދިޔުމަށްފަހު، މަސައްކަތްފެށީ ރައާބިލްއާ ބައްދަލުކުރަން ބިންގަރާހަށް ވަނުމަށެވެ. އެކަމަށްޓަކާ ބިންގަރާހުގެ ބިއްދޮށު ގޭޓާ ދިމާ ޖަންގަލީގައި މިރޭ ފުދޭވަރަކަށް ގިނަވަގުތު އޭނަ ހޭދަކުރަން ޖެހުނެވެ. ކިތަންމެ ގިނައިރެއްވިޔަސް ރައާބިލްއާ ބައްދަލުކޮށްފައި ނޫނީ ނުދާން އިން ނާވީއަށް އެ ފުރުސަތު ލިބިގެން ދިޔުމާއެކު، އޭނަ ގޮސް ބިންގަރާހަށް ވަނެވެ. ނާވީ ރައާބިލްގެ ގޮޅިއާ ކައިރިވީވަރަކަށް، އޭނައަށް ބަޔަކު ދައްކާ ވާހަކަތަކެއް އަޑު އިވުނެވެ.

މިއަދު ރައާބިލް އެތަނުން ނުކުތުމަށް ގަދަހެދިކަން އޭނައަށް އެނގުނީ އެވާހަކަތައް އަޑު އިވުމުންނެވެ. ނާވީއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ރައާބިލްއަށް އެވަރަށް ނަޞޭހަތް ދިނުމުންވެސް އޭނަގެ ބަސް ޤަބޫލުނުކުރީތާއޭ ނަވީގެ ހިތަށް އެރިއެވެ. އެމީހުން ވާހަކަ ދައްކަމުން ދުރަށް ދާން ފެށުމުން ނާވީ މަޑުމަޑުން އެތެރެއަށް ވަންނަން ފެށިއެވެ. އޭނަ ރައާބިލް އޮތް ގޮޅިއާ ކައިރިވުމާއެކު، ފެނުނީ ހިލަހިލާތަކަކުން ރައާބިލް ހައްޔަރުކޮށްފައިވާ ތަނެވެ. އޭރު އޭނާގެ ހަށިގަނޑަށްވެސް ކޮންމެވެސް ކަހަލަ އަނިޔާތަކެއް ލިބިފައިވެއެވެ.

"އަހަރެން ބުނީމެއްނު އަހަންނަށް ވަގުތުކޮޅެއް ދޭން." ނާވީ ބުނެލިއެވެ. އޭނާ ކުޑަކޮށް ހިތްހަމަވެސް ނުޖެހޭ ގޮތްވިއެވެ.

"ކީއްކުރާނީ؟ އަހަންނަށް ރުޅިގަނޑު އަމިއްލަ ނަފްސުގެ ބާރުގެ ދަށަކަށް ނުގެނެވޭ. ނަމީރު އަހަންނަށް ދޮގު ހެދިކަމާ، އަހަރެންގެ ދަރިފުޅު ހެޔޮ ޙާލުގައި ހުރިކަން އެނގުނީމަ، މިތަނުން ނުކުމެގެން ދާން ބޭނުންވަނީ… " ރައާބިލް ބުންޏެވެ. އޭނަވަނީ ކޮންމެވެސް ވަރަކަށް ވަރުބަލިވެސް ވެފައެވެ.

"ތިގޮތަށް ކައްތައްކުރަންޏާ އެހީވާން އަހަންނަށްވެސް އުނދަގޫވާނެ. އަހަރެން އިރާދުކުރެއްވިއްޔާ ރަނީމްއާ ބައްދަލުކުރެވޭ ގޮތް ހަދައިދޭނަމޭ. ކެތްތެރިވޭ." ނާވީ ނަޞޭޙަތް ދިނެވެ.

"ކޮން އިރަކުން؟ ތީ ދުވަހަކު ވާނެ ކަމެއް ނޫން." ރައާބިލްވަނީ މާޔޫސްވެފައެވެ.

"ވަރަށް އަވަހަށް. މީ އަހަރެންގެ ވަޢުދެއް. ޤަބޫލުކުރޭ." ނާވީ ބުނެލިއެވެ. އޭނަ ރައާބިލްއަށް ޔަޤީންކަން ދޭން ބޭނުންވިއެވެ. "އަހަންނަށް އިތުބާރުކުރޭ."

"އިތުބާރަކީ އެހާ ފަސޭހައިން ކުރެވޭނެ އެއްޗެއް ނޫން. އެއީ އަހަންނަށް ކުރަންވެސް ފަސޭހަކަމެއް ނޫން... މީގެ ކުރިންވެސް އިތުބާރުކޮށްގެން ލިބުނު ފައިދާއެއް ނެތް. ލިބުނީ ހުސް ހިތާމައާއި ހިތްދަތިކަން." ރައާބިލް ބުނެލިއެވެ.

"އަހަންނަށް އިތުބާރުކުރުން ނޫން ގޮތެއް އެބައޮތްތަ؟" ނާވީ ވެސް އުފެއްދީ ސުވާލެކެވެ. ރައާބިލްއަށް ވިސްނައިލަން މަޖުބޫރުވީ ދެނެވެ.

"ކަލޭ މިރޭ އަނެއްކާ މިތަނަށް އައުމުގެ ބޭނުމަކީ ކޮބާ؟" ފުންނޭވާއެއް ދޫކޮށްލަމުން އެންމެފަހުން، ރައާބިލް ސުވާލުކޮށްލިއެވެ. ނާވީ އެއައީ ކޮންމެވެސް ބޭނުމެއްގައިކަން އޭނައަށް އެނގޭތީއެވެ.

"އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން." ނާވީ ފުންނަޒަރަކުން ރައާބިލްއަށް ބަލައިލިއެވެ. ރައާބިލް ބުމަ އުފުއްލައިލީ ކުރިއަށް ގެންދާށޭ ބުނާފަދައަކުންނެވެ.

"ރަނީމް… ރަނީމްގެ އަތުގައި އަޅާފައި އޮތް އުޅާގެ ބޭނުން އަހަންނަށް އެނގިއްޖެ." ނާވީ އޭނާއަށް އެނގުނު ހަޤީޤަތް ހާމަކޮށްލުމާއެކު، ރައާބިލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނަގެ މޫނުމަތީން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ހާސްވެފައިވާ ޙާލު ހިލިހިލާތަކާ އެކީ ކުރިއަށް ޖެހެން އޭނަ މަސައްކަތްކުރިއެވެ.

"ކީކޭ ތިކިޔަނީ؟ ކަލޭއަށް ކިހިނެއް އެކަން އެނގުނީ؟" ރައާބިލްއަށް ސުވާލުކޮށްލެވުނެވެ.

"އެނގުނު ގޮތެއް ނޫނެއްނު މުހިންމީ. އޭނަ އަތުން އެ އުޅާ ވަކިނުކުރަން ބުނި ސަބަބުވެސް އެނގިއްޖެ. އަދި، އެ އުޅާ ނެގުމުން ރަނީމްއަށް ވާގޮތްވެސް އެނގިއްޖެ." ނާވީ ބުނެލިއެވެ. އޭނަ ރައާބިލްގެ މޫނުމަތީގެ ކުލަވަރުތައް ދިރާސާކުރިއެވެ. ރައާބިލްގެ މޫނުމަތީން އޭނަ ކަމަކާ ބިރުގަތްފައިވާ އަސަރުތައް ފެންނަން ފެށިއެވެ.

"ހެޔޮނުވާނެ. ތި ވާހަކަ ނުދައްކާ. ތިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. ޚާއްސަކޮށް ކަލޭގެ ކާފައާއި ބައްޕަ ކައިރީގައި. " ރައާބިލް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އޭނަ މިހުރިހާ ދުވަހު ސިއްރު ކޮށްގެން އުޅުނު ހަޤީޤަތް ނާވީއަށް ފަޅާއެރުމުން، ރައާބިލްގެ ހިތުގައި ބިރުވެރިކަމުގެ ވިންދުތައް ޖަހަން ފެށިއެވެ. ނާވީ ކިތަންމެ ހެޔޮ އެދިގެން އުޅުނު ނަމަވެސް އެއީ ނަމީރުގެ ދަރިއެކެވެ. އަދި އިންޖާބުގެ ކާފަ ދަރިއެކެވެ.

"ހާސްނުވޭ. މިއިން އެއްވެސް ކަމެއް އަހަރެން އެއްވެސް މީހަކު ކައިރީގައި ނުބުނާނަން. އަހަރެން ބޭނުންވެއްޖެނަމަ މިވާހަކަތައް އެހެން މީހުންނަށްވެސް ކިޔައިދެވުނީސް. އެކަމަކު އެންމެ ފުރަތަމަވެސް މިތަނަށް މިއައީ ސަބަބެއް އޮވެގެނެއްނު. ދެން ބުނެބަލަ. އަހަންނަށް އިތުބާރުކުރާނަންތަ؟" ނާވީ ސުވާލެއް އުފެއްދިއެވެ.

"އެއްވެސް މީހަކަށް އިތުބާރުކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު މިހާރު އަހަންނަށް ކަލެއަށް އިތުބާރު ކުރުން ނޫން އިތުރު ގޮތެއް ނެތް." ރައާބިލް ބުންޏެވެ. "އެކަމަކު ބުނެބަލަ! އަހަރެންގެ ދަރިފުޅާ މެދު ތިހާ ޝައުޤުވެރިވެގެން ތި ހުރިހާކަމެއް ހޯދުމުގެ ބޭނުމަކީ ކޮބާ؟ ތި ހުރިހާކަމެއް ނުބަލާވެސް އަހަންނާ އެ ދަރިފުޅާ ބައްދަލު ކުރުވަން މަސައްކަތް ކުރެވުނީހެއްނު."

"އަހަރެން… އަހަރެން ބުނީމެއްނު އަހަރެން އިންސިއެއް ދެކެ ލޯބިވީ ވާހަކަ….." ނާވީ މަޑުޖެހިލިއެވެ. ރައާބިލް ބޯ ޖަހައިލިއެވެ. އޭނަގެ ހިތަށް ގޮތެއް ވެލިއެވެ.

"އެއީ… އެއީ… ރަނީމް…." ނާވީ ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު