ދެމަފިރިންގެ ތެރެއިން އެކަކަށް ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައިވާނަމަ، އޭގެ ތެރެއިން، ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް ޝަރުތު ހަމަވީ މީހާއަށް ފުލެޓު ނުދީވޭތޯ ބެލި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ، ދެމަފިރިންގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާއަށް އެހެން ސްކީމަކުން ގެދޮރު ލިބިފައިވާނަމަ ފްލެޓު ނުދީވޭތޯ ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އިއުލާނުކޮށްފައިވާ އުސޫލުތަކަށް ބަލާއިރު ދެމަފިރިއަކަށް ވަކިން ދެ ފްލެޓު ދިނުން މަނާކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، އެހެން ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓު ލިބުނު މީހުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކޮށްފައިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އަމިއްލަ ނަފުސަށް ގަބޫލެއްނުކުރަން އެއް އާއިލާއަށް (ދެމަފިރިންނަށް) ދެ ތަން ދޭން ޖެހޭނެ ކަމަކަށެއް، އެހެންވީމާ އަޅުގަނޑުމެން މަސައްކަތްކުރީ ގާނޫނީގޮތުން ނުދީ ވާނެ ގޮތެއް ވޭތޯ، އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ބައްދަލުވުން ބޭއްވިން، ވާހަކަވެސް ދެއްކިން، އެ ބޭފުޅުންގެ ހިއުމަން ރައިޓްސް އޭންގަލަކުން އަޅުގަނޑުމެންނަށް މިކަން ހުއްޓުވިދާނެތޯ ނޫންތޯ،" މުއްތަލިބު ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް: ދެމަފިރިންގެ ތެރެއިން އެކަކަށް ކުރިން ފުލެޓެއް ލިބިފައިވާނަމަ، ގެދޮރުވެރިޔާ ފުލެޓް ނުދީވޭތޯ ބެލި ކަމަށް މިނިސްޓަރު ވިދާޅުވި --
އެހެން ނަމަވެސް މުއްތަލިބު ވިދާޅުވީ، އެ ފަރާތްތަކަށްވެސް ފްލެޓު ނުދީވާނެ ގޮތެއް ނެތް ކަމަށް މިނިސްޓްރީން ނިންމަންޖެހުނީ ކަމަށާއި، ސަބަބަކީ އެ ފަރާތްތަކުން ފްލެޓު އެއްބަސްވުން ހަދައި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާތީ ކަމަށެވެ.
ވުމާއެކު، އޭނާ ވިދާޅުވިގޮތުގައި އެހެން ސްކީމެއްގެ ދަށުން ފްލެޓު ލިބިފައި އޮތަސް އެ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރަށް މަޖުބޫރުވީއެވެ.
މުއްތަލިބު ވިދާޅުވީ މީގެ ކުރިންވެސް އެކި ސްކީމްތަކުގައި ފްލެޓު ލިބުނު 976 ފަރާތެއް ގެދޮރުވެރިޔާގެ ލިސްޓުގައި ހިމެނޭ ކަމަށާއި، އޭގެ ތެރެއިން 76 މާކްސް ލިބިފައިވާ 645 ފަރާތެއްވެސް ހިމެނޭ ކަމަށެވެ. އެކަމަކު ފްލެޓު ދޫކުރާ އުސޫލު ޔަގީންކުރެވުނު ނަމަ އެހެން އާއިލާތަކަށް އެ 645 ފްލެޓު ބެހެއްޓުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މިނިސްޓްރީން ވަނީ މިދިޔަ މޭ މަހުގެ ފަހުކޮޅު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް ލިބޭނީ ބިންވެރިޔާގެ ދަށުން ގޯތި ލިބިފައިވާ އަނބިމީހާ ނުވަތަ ފިރިމީހާގެ ތެރެއިން ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް އިއުލާނުކޮށްފައެވެ.
ނަމަވެސް، އެ ނިންމުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ޖުލައި މަހުގެ 19ވަނަ ދުވަހު ކުރި އިއުލާނެއްގައި މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ނުކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ބިންވެރިން ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި، ނޮވެމްބަރު 15، 2023ގައި އާންމުކުރި ފްލެޓު ލިސްޓުގައި ވާ އެއްވެސް ފަރާތަކަށް، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވިޔަސް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާނެއެވެ.