ގާނޫނުން ވިޔަސް، ސޯޝަލް ހައުސިން ފްލެޓު ކުއްޔަށް ދޫކުރުން ހުއްޓުވާނަން: މުއްތަލިބު

މީހަކު ހިޔާ ފުލެޓެއް ކައިރީގައި: ގާނޫނުން ވިޔަސް، ފްލެޓު ކުއްޔަށް ދޫކުރުން ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ދެއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު މިހެން ވިދާޅުވީ، ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކުގެ އިތުރުން މިހާރު ދޫކުރަމުން އަންނަ ގެދޮރުވެރިޔާ ފުލެޓުތައް ވެސް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

އެ ތަންތަން ކުއްޔަށް ދޫކުރާ ފަރާތްތައް ހޯދުމަށް މަސައްކަތް ފަށައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.

https://sun.mv/212488

މުއްތަލިބު ވަނީ، ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ބައެއް މީހުން ކުލި ނުދައްކާ މައްސަލައަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެ މައްސަލައަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ސަރުކާރުތަކުގެ އެކި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި ކުލި ނުދައްކައި ތިބުމަކީ ސޯޝަލް ހައުސިންއަށް އެދޭ އެހެން ރައްޔިތުންގެ ހައްގުތަކަށް ވެސް އުނިކަމެއް އަންނާނެ ކަމެއް ކަމަށެވެ.

ސަރުކާރުތަކުން ފްލެޓުތައް އަޅަނީ ލޯނު ނަގައިގެންކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، ލޯނު ނަގަނީ ފްލެޓުތަކުން ކުލި ލިބޭނެކަމަށް ބެލުމަށް ފަހު ކަމަށާއި، ނަމަވެސް ކުލި ގަވައިދުން ނުލިބޭތީ ފްލެޓުތައް އަޅަން ލޯނު ލިބުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

"އޭގެ ސަބަބުން ކިތައް ރައްޔިތުންގެ ހައްގުތޯ އެ އުނިވެގެން ދަނީ؟ ކިތައް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށްތޯ އެ ހުރަސް އެޅެނީ؟" އޭނާ ވިދާޅުވިއެވެ.

އެއަށްފަހު، ފްލެޓުތައް ކުއްޔަށްދޭ މައްސަލައިގައި މުއްތަލިބު ވިދާޅުވީ، ވަރަށް ހާލުން ފްލެޓު ހޯދާ މީހުންވެސް އެ މީހުންނަށް ލިބޭ ފްލެޓުތައް ކުއްޔަށްދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިންސާފުގެ ނަޒަރުން ބަލާއިރު އެއީ ކޮށްގެން ވާނެ ކަމެއްނޫން ކަމަށާއި، ހައުސިން މިނިސްޓްރީއާއި އެޗްޑީސީއާއި އެފްޑީސީ ގުޅިގެން ފްލެޓުތައް ކުއްޔަށް ދީގެން އުޅޭ ފަރާތްތައް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/212551

"ހިޔާ ފްލެޓުގައި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބާ ކުއާޓާސް ހަދާފައި ހުންނަ ކަމަށް، މިއީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިތައް ހުރި ފަރާތްތަކަށް ދޭންހުރި ތަންތަނޭ، 20ހާސް ރުފިޔާ 25ހާސް ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މީކީއެއް،" މުއްތަލިބު ވިދާޅުވިއެވެ.

"މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން ގާނޫނުގެ ތެރެއަށް ލައިގެން ނަމަވެސް ހައްލުކުރުމުގެ މަސައްކަތްކުރާނަން."

https://sun.mv/212517

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓެއް ވެސް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. އެއީ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭ ކަމެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ އެޗްޑީސީ

ނަމަވެސް، ފްލެޓް ދޫކުރުމަށްފަހު އެ ތަނެއްގައި ވެރިން އުޅޭތޯ އެއްވެސް މިންވަރަކަށް ނުބަލާތީ ގިނަ ފަހަރު ކުއްޔަށް ދިނަސް އެ ކަން އިދާރާތަކަށް ފާހަގަނުވެއެވެ.

އެފްޑީސީން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މިމަހު ފަހެއްގައި ދިން މައުލޫމާތުގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން އެހާތަނަށް ތަޅުދަނޑި ހަވާލުކުރީ 62 މީހަކާ ކަމަށެވެ. އެހެންނަމަވެސް މިދިޔަ ހަފުތާގައި ވަނީ، އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޭ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔާ ދޫކުރާ ކަމަށް ބުނާ އިޝްތިހާރެއް ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އަސާސީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ މިފަދަ މަޝްރޫއުތަކުން، ފްލެޓް ހޯދަން މަސައްކަތްކުރާއިރު، އެންމެ ހައްގު މީހުންނަށް ނުލިބިދާނެ ކަމަށް އެތައް ކަންބޮޑުވުމަކާއި ޝަކުވާއެއް ގިނަ ބަޔަކު ކުރެއެވެ. ނަމަވެސް ފްލެޓް ހޯދުމަށްފަހު އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މާލޭ ސަރަހައްދުގައި ވަރަށް އާންމުވެފައި އޮތް މައްސަލައެކެެވެ.

comment ކޮމެންޓް