ޣައްޒާ ހަނގުރާމަ ނިމި މެދުއިރުމަތި އާންމު ހާލަތަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޣައްޒާ ސުލްހައިގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/އޭއެފްޕީ

ޣައްޒާގެ ހަނގުރާމަ ނިމި މެދުއިރުމަތި އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އިއްޔެ ޣައްޒާގެ ސުލްހައިގެ ސަމިޓަށް ފުރާވަޑައިގަންނަވަމުންނެވެ.

"ހަނގުރާމަ ނިމިއްޖެ. އެކަން އެނގޭތަ؟" ވޮޝިންޓަނުން އިސްރާއީލަށް ވަޑައިގެންނެވުމުގެ ކުރިން އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ހަމަލާތައް މެދުކަނޑާލުން އެގޮތުގައި ދެމި އޮންނާނެތޯ ސުވާލުކުރުމުން ވިދާޅުވީ އެކަން އެހެން އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސުލްހައިގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވަޑައިގަންނަވާނީ އިސްރާއީލަށެވެ. ހަމާސް އިން މިނިވަންކުރާ އިޒްރޭލުގެ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި އަދި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެއެވެ.

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގެ މައިގަނޑު މަރުކަޒު ކަމަށްވާ ޣައްޒާ ސިޓީއާ ދިމާލަށް ފަލަސްތީނުގެ އެތައް ހާސް ބަޔަކު މިހާރު ދަތުރުކުރަމުން ދަނީ ހަމަލާތައް ހުއްޓާލުމުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުންމީދުކޮށްގެންނެވެ.

ޓްރަމްޕް ހުށަހެޅުއްވި ހަނގުރާމަ ނިންމުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއާއި އިސްރާއީލުން ހަމަލާތައް ހުއްޓާލަން އެއްބަސްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އެ އެއްބަސްވުމުގެ ދަށުން ހަމަލާތައް ހުއްޓާލާތާ، 72 ގަޑިއިރު ތެރޭގައި ހަމާސްގެ ބެލުމުގެ ދަށުގައިތިބި އަސީރުން މިނިވަން ކުރަންޖެހެއެވެ. އެހެންވެ، މިއަދުގެ ވަގުތެއްގައި އަސީރުން މިނިވަން ކުރާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހަމާސްއިން އިސްރާއީލުގެ 20 މީހުން މިނިވަންކުރުމުން ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަން ކުރަންޖެހެއެވެ.

ހަމާސްއިން ރަހީނުން މިނިވަންކުރަނީ އިސްރާއީލުން އުމުރަށް ޖަލަށް ލާފައިވާ، ފަލަސްތީނުގެ 250 މީހުންނާއި އިތުރު 1،700 މީހުން އަދި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އެންމެން ދޫކުރުމުގެ ބަދަލުގައެވެ.

comment ކޮމެންޓް