ބްރޯޑްކޮމްގެ ކުރީގެ މެންބަރުން ހިމެނޭހެން އާ ކޮމިޝަނަށް 10 ބޭފުޅުން ކުރިމަތިލައިފި

އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީޤް: ސަފާ ހިމެނޭހެން ބްރޯޑްކޮމްގެ ތިން މެންބަރަކު އާ ކޮމިޝަނަށް ކުރިމަތިލި -- ފޮޓޯ: ބްރޯޑްކޮމް

މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލް ގާނޫނާ އެކު އުވުނު ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީޤު ހިމެނޭހެން އެ ކޮމިޝަންގެ ކުރީގެ ބައެއް މެންބަރުން، ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ކުރިމަތިލައްވައިފިއެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް ސަފާގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރުން ކަމަށްވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރު މޫސާ ރިޟްވާނާއި އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލެއްވައި، މިނިވަން މުއައްސަސާ ކޮމިޓީގެ އިންޓަވިއު މަރުހަލާއިން ފެއިލްކޮށްލި މުހައްމަދު ފާރިސް ތާހާ ހިމެނެއެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވި ހަ ބޭފުޅުންނަކީ:

  1. ފާތިމަތު ފަހުމީ - ސީނަރީ / ގދ. މަޑަވެލި
  2. މުހައްމަދު ފަރުސަތު - ހ. ޓޫ ހާޓްސް
  3. އިބްރާހީމް މުހައްމަދު - ގ. ވިންޑް
  4. ޝެހެނާޒް އަދުނާން - ދަފްތަރު ނަންބަރު ރސ. 8580
  5. މުހައްމަދު ސާމިން - ފިނިވާގެ / އއ. ތޮއްޑޫ
  6. ޝަފީގާ ނައީމް - ބީޗްސައިޑް / ފ. ނިލަންދޫ

މި ނަންތައް ދިރާސާކުރުމަށް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާލައްވައިފައެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ނޫސްތަކުން އިންތިޚާބުކުރާ ދެ މެންބަރުންނާއި ބްރޯޑްކާސްޓަރުންގެ ތެރެއިން އިންތިޚާބުކުރާ ދެ މެންބަރުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ތިން މެންބަރުންނެވެ.

https://sun.mv/212367

މީގެ ތެރެއިން ނޫސްތަކުންނާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ހޮވާ ހަތަރު މެންބަރުން ވަނީ ހޮވައިފައެވެ. ނަމަވެސް، އިންތިޚާބުގައި ވޯޓުލާނެ މީޑިއާތަކުގެ ތަރުހީބު ކުޑަކަމުންނާއި އިންތިޚާބުގައި ވާދަކުރަން ނަން ދިން ބައެއް ކެންޑިޑޭޓުންގެ ތެރެއިން އެކަކު ނަން އަނބުރާ ގެންދިއުމުން، ހަތަރު މެންބަރުން ވަނީ އޮޓޮމެޓިކުން ހޮވިފައެވެ.

އެ މެންބަރުންނަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާނާއި ވަގުތު ނޫހުގެ ސިމާހާ ނަސީމްގެ އިތުރުން އަބްދުލްއަޒީޒް އިބްރާހީމެވެ.

comment ކޮމެންޓް