ކަނޑުގަދަވާ ގަޑިތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ވިއްސާރަވެ ކަނޑުގަދަވުން: ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައި. ވިއްސާރަވެ،ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވުމާ ގުޅިގެން ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު މޫސުމީ ލަފާއަށް ރިއާޔަތްކުރަމުން ފުލުހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކަނޑުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރެވިދާނެ ބައެއްކަންކަން:

  • ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި، ދަތުރުވެރިން، ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުން.
  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުން.
  • ވާރޭ ވެހޭއިރު މަގުމަތި ތެމި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށް ސަމާލުވުން.
  • ދުރު ފެންނަ މިންވަރު ކުޑަވުމަކީ އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވުމާއެކު، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުން.
  • މޫސުމާބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުން.
  • އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

ފުލުހުން ބުނީ މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، 911 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ.

comment ކޮމެންޓް