ވޭތުވެދިޔަ 17 އަހަރު، ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫގެ އެއްވެސް އަވަށަކަށް ތަރައްގީ ނާންނަނީ ވައްކަން ކުރާތީ ކަމަށާއި، އައްޑޫގެ އަވަށްތައް ތަރައްގީކުރަން ދޭ ފައިސާއަށް އެ ސިޓީގެ ކުރީގެ މޭޔަރުން ހެއްދެވިގޮތް ބަލަން ޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަން ތަހްގީގުކުރުމަށާއި ފިޔަވަޅު އެޅުން އަވަސްކުރަން ގޮވާލައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން އައިބީ ވިދާޅުވީ، އައްޑޫ ތަރައްގީނުވަނީ ހުރިހާ ދިމާލަކުން ވައްކަންކުރާތީ ކަމަށެވެ.
"އަޅުގަނޑުމެން އައްޑޫ ސިޓީ ރައްޔިތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން މި ގާނޫނުއަސާސީގެ ދަށުން ފެށި ފަހުން ލާމަރުކަޒީއެއް ނޫން، އަޅުގަނޑުމެން މަރުކަޒީވީ،" އައިބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, ބްލޮކް ގްރާންޓްގެ ދަށުން ސަރުކާރުން އައްޑުއަށް 90 މިލިއަން ރުފިޔާ ދޭއިރު ފޭދުއަށް ލިބެނީ އެންމެ 4.2 މިލިއަން ރުފިޔާ ކަަމަށާއި، ކުދި ރަށްރަށަށް 22 މިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށެވެ. ވުމާއެކު ބްލޮކް ގްރާންޓްގެ ދަށުން ކޮންމެ އަހަރަކު އައްޑުއަށް ލިބޭ ފައިސާއަށް ވާނުވާ ބަލައި އޮޑިޓްކުރަން ޖެހޭ ކަމަށް އައިބީ ވިދާޅުވިއެވެ.
"އޮޑިޓްކުރަންޖެހޭ، އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތަކަށްވީ ގޮތް އެބަ ބަލަންޖެހޭ، މި 17 އަހަރުވެގެން ދިޔައިރު ޑިމޮކްރަސީގައި އައްޑޫ ސިޓީ އުފެދިގެން އައިފަހުން މިވީ ތަނުގައި އައްޑޫ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދުއާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ހައްގުވީ ފައިސާވީ ތަނެއް ބަލަން އެބަޖެހޭ. އެ ތަންތާ އޭރު ވެރިކަންކުރި މީހުން ފައިސާއަށް ހެދިގޮތެއް ބަލަން އެބަޖެހޭ،"
ވައްކަންކުރަނީ ހުރިހާ ދިމާލަކުން، ކަރަންޓު ކެނޑެނީ ވައްކަންކުރާތީ، ފެން ކެނޑެނީ ވައްކަންކުރާތީ ކޮންމެ ސަރުކާރެއް ގޮސްފައި އަންނައިރަށް ބުނާނެ ކޮބާހޭ ކަރަންޓު،އިބްރާހީމް ދީދީ - ފޭދޫ ދެކުނު ދާއިރާގެ މެންބަރު
ހުރިހާ ކައުންސިލަރުންނާއި މޭޔަރުންގެ މާލީ ބަޔާން އެނގެން ޖެހޭ ކަމަށާއި، އެ ފަރާތްތަކުގެ މާލިއްޔަތު އޮޑިޓްކުރަން ވެސް ޖެހޭ ކަމަށް ވިދާޅުވެ، އައިބީ ވަނީ އައްޑޫގެ ބިމުގެ ކަންކަމުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މަގާމުގެ ނުފޫޒު ބޭނުންކުރައްވަމުންދާކަމުގެ ތުހުމަތު ކުރައްވައިފައެވެ.
"އައްޑޫ ސިޓީއަށް ނިސްބަތްވާ މޭޔަރު، އެ ބޭފުޅާ ނިސްބަތްވާ އަތޮޅުގެ، އެ ބޭފުޅާގެ ގާތްތިމާގެ މީހުން ދައުލަތަށް ދައްކަންޖެހޭ ބިމުކުލި ހިތުހުރި ގޮތަކަށް މިލިއަނުން މިލިއަނުން މާފުކޮށްލާފަ އަދި އެބޭފުޅާ ބޭނުންވާ މީހުންގެ އަތުން ނަގަން ބޭނުންވާ ކަޓެއް ނަގައިގެން ބޭނުންވާ މީހުންނަށް މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ބިންތައް ބަހައި، އޭގެ ހައްގުވެރިންނަށް ބިން ނުދީ،" އޭނާ ވިދާޅުވިއެވެ.
ނިޒާރަށް ފާޑުވިދާޅުވެ އައިބީ ވިދާޅުވި ގޮތުގައި، އައްޑޫ ކައުންސިލުން ފޭދޫގައި ގޯތި ބަހާފައި އޮތީ މަގު މެދުންނާއި އެ އަވަށުގައި މިހާރު ހުރި ގޯތިތަކުގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ، އޭނާގެ ދާއިރާގެ އޮފީހުގައި ދާއިރާ ރައްޔިތުންނާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް، ދާއިރާ އޮފީހަށް ނިޒާރު ގުޅުއްވައި ބިރު ދައްކަވާފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އައިބީ ވަނީ ސިޓީ ކައުންސިލްތައް އޮވެގެންނުވާ ކަންކަން ރަށު ކައުންސިލްތަކުން ކުރާ ކަމަށާއި، ފޭދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވެއްޖެނަމަ ފޭދުއަށް ކުރާނެ ފައިދާ މާ ބޮޑުވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް މި ނަގަނީ އައްޑޫގެ އިދާރީ މަސައްކަތްތައް ކުރިއަށްދަނީ، އަދި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ސިޓީގެ ބައެއް ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހު ދަންނަވާތީ ކަމަށެވެ.
އައިބީ މިހެން ވިދާޅުވިއިރު، އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު ޚިޔާލު ހޯދުމުގެ ވޯޓެއް މި މަހު 25ގައި ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.