އަންނަ އަހަރު ނިމޭއިރު ލެބޯޓްރީ ޓެސްޓްތައް ނުހެދޭ އެއްވެސް ރަށެއް ނުހުންނާނެ: ރައީސް

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެ ރަށެއްގެ ނިސްބަތުން ލެބޯޓްރީ ޓެސްޓް ހެދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ނޫމަރާގައި ލެބޯޓްރީއެއް ހުޅުވުމުގެ މަސައްކަތް މި ސަރުކާރުން ކޮށްދޭނެ ކަމަށް މައުލޫމާތުދެއްވާފައެވެ. އަދި، ނޫމަރާ ފަދަ ރަށްރަށުން ބޭސިކް ސިއްހީ ޓެސްޓްތައް ނުހެދުމުގެ ސަބަބުން އެހެން ރަށްރަށަށް ރައްޔިތުން ދަތުރުކުރަންޖެހޭ ވާހަކަ ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރަށެއްގައި އެ ރަށެއްގެ ނިސްބަތުން ޓެސްޓްތައް ނުހެދޭނެ ރަށެއް ނުހުންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރަކު ނުހުންނާނެ ރާއްޖޭގައި އެންމެ ރަށެއް ވެސް އެ ރަށުގެ ނިސްބަތުން ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ޓެސްޓްތައް ހެދޭނެ ގޮތް ގާއިމުނުކުރާނެ ރަށެއް ނުހުންނާނެ،" ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެންމެ އަސާސީ ސިއްހީ ޓެސްޓްތައް ހެދޭނެ ގޮތް ފަހިކުރެއްވުމުގެ ޔަގީންކަން ދެއްވާފައި---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރަށެއްގެ ހެލްތް ސެންޓަރުގައި ވެސް އެ ރަށެއްގެ އާބާދީއާ އެކަށޭނަ އަދި އެންމެ އަސާސީ ޓެސްޓްތައް ހެދޭނެ ލެބޯޓްރީއެއް ހެދުމަކީ ރައީސް މީގެ ކުރިން ވެސް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ހަަމަ އެގޮތަށް ކުރީ ސަރުކާރުން ވެސް ވަނީ ހުރިހާ ރަށެއްގައި "މޯބައިލް ލެބޯޓްރީ ސާވިސް" ޚިދުމަތް ފަހިކޮށްދިނުމަށް ވައުދުވެފައެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ލެބޯޓްރީ ޓެސްޓް ހުރިހާ ރަށެއްގައި ހެދޭނެ ގޮތް ގާއިމުކުރުމަށް އޭރު ސަރުކާރުން ވެސް ވައުދުވެފައިވެއެވެ. އެގޮތުން، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީ ސަރުކާރުން ވަނީ މި ޚިދުމަތް ފުރަތަމަ ފަހަރަށް ލ. އަތޮޅުގެ ރަށްތަކުގައި ފަށާފައެވެ.

މޯބައިލް ލެބޯޓްރީ ޓެސްޓް މެދުވެރިކޮށް އެއް ރަށުން އަނެއް ރަށަށް ބަލިމީހުންގެ ސާމްޕަލްތައް ގެންގޮސް އެއް ދުވަހުގެ ތެރޭގައި އެ މީހެއްގެ ރަށު ސިއްހީ މަރުކަޒަށް ޓެސްޓްގެ ނަތީޖާ މެއިލް ކުރެވޭ ގޮތަށް އޭރުގެ ސަރުކާރުން ހަމަޖެއްސިއެވެ.

comment ކޮމެންޓް