ބޭނުމީ ގާނޫނެއް ނޫން، ފުލެޓު ކުއްޔަށް ދެނީ މިހެންވެ

ފުލެޓު ހަވާލުކުރުން: ފުލެޓު ކުއްޔަށް ދޭ މައްސަލަ އަނެއްކާ ވެސް ވަނީ ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހިޔާ ފުލެޓުގައި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބާ ކުއާޓާސް ހަދާފައި ހުންނަ ކަމަށް، މިއީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިތައް ހުރި ފަރާތްތަކަށް ދޭންހުރި ތަންތަނޭ، 20،000 ރުފިޔާ 25،000 ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މިއީއެއް،"

މިއީ އާދައިގެ މީހަކު ބުނި ވާހަކައެއް ނޫނެވެ. މިއީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަންބޮޑުވެވަޑައިގެން އިއްޔެ ދެއްކެވި ވާހަކަފުޅެކެވެ.

ކަންބޮޑުވުންތައް އަނެއްކާ ފެންމަތިވިޔަސް މިއީ އިއްޔެ މިއަދުގެ މައްސަލައެއް ނޫނެވެ. ރައްޔިތުންގެ ނަމުގައި ބޭރުގެ ކަރަކަރައިން ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށް ޓަކައެވެ. އެ ތަންތަން ކުއްޔަށް ދެނީ އެތައް ހާސް މީހުންނެއްގެ ތެރެއިން 'އެންމެ ބޭނުންޖެހިފައިވާ' މީހުންނަށެވެ. ''ހައްގުވެރިން''ނަށެވެ. ދިރިއުޅުމުގެ ހާލަތުގެ ސަބަބުން ފުލެޓެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައި ތިބި މީހުންނަށެވެ.

އެކަމަކު، ހަމަ ފުލެޓު ދޭއިރަށް އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަނީއެވެ. ދެން އެ ފުލެޓުގެ ބޭނުމެއް ނޯވެއެވެ. ކުއްޔަށް ދީފައި އެ މީހުން ދިރިއުޅެނީ ކޮންމެ ވެސް އެހެން ތަނެއްގައެވެ.

https://sun.mv/212488

މި ފަހުން އަނެއްކާ ވެސް މި މައްސަލަ ފެންމަތިވީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން)، މިދިޔަ ސަރުކާރުގައި ތަރައްގީކުރި ފުލެޓުތައް ދޭން ފެށިތަނާހެން އެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިއުލާނުކުރުމުންނެވެ. އޭރު އަދި ހުރިހާ ފުލެޓެއްދީ ނުވެސް ނިމެއެވެ. އެއްބަސްވުމުގައި ސޮއިކޮށް ވެސް އެކީ ނުނިމެއެވެ. ބައެއް ތަންތަނުގައި ކިރިޔާ މީހުން ދިރިއުޅެން ފެށީއެވެ.

މިނިސްޓަރުގެ ކޯފާ ހައްގެވެ. އެއީ، އާމްދަނީ ހޯދަން ހުރި ތަންތަނެއް ނޫނެވެ. އެއީ، އުޅެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށް ދައުލަތުން ކުޑަ އަގުގައި ދިން ތަންތަނެވެ.

މިނިސްޓަރުގެ ޚިޔާލަކީ ގާނޫނެއް ހެދުން

"މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން ގާނޫނުގެ ތެރެއަށް ލައިގެން ނަމަވެސް ހައްލުކުރުމުގެ މަސައްކަތްކުރާނަން،"

އެއީ މިނިސްޓަރުގެ އެއް ޚިޔާލެވެ.

"އޭގެ ސަބަބުން ކިތައް ރައްޔިތުންގެ ހައްގުތޯ އެ އުނިވެގެން ދަނީ؟ ކިތައް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށްތޯ އެ ހުރަސް އެޅެނީ؟" އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

https://sun.mv/212566

ފުލެޓު އެއްބަސްވުން އޮންނަ ގޮތުން މިހާރު ވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެ ތަންތަން ކުއްޔަށް ދޫކުރާ ނަމަ، އެޅޭނެ ފިޔަވަޅުތައް އެބަހުއްޓެވެ. އެ ތަންތަން އަތުލުމުގެ ބާރު ވެސް އެބައޮތެވެ. ހަގީގަތުގައި މިނިސްޓަރު ވެސް ކޮށްލައްވަންވީ ސުވާލަކީ އެކަން ނުކުރެވިގެން މި އުޅެނީ ކީއްވެތޯ ނޫންހެއްޔެވެ؟ ފުލެޓު އެއްބަސްވުމުގައި އެ ތަންތަން ކުއްޔަށް ދީގެން ނުވާނެކަމާއި އެހެން އެކަން ކޮށްފި ނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައި ހުރިއިރު އިތުރު ގާނޫނެއް ކޮންމެހެން މުހިންމު ހެއްޔެވެ؟ ކުއްޔަށް ދީފައި ހުރި ތަންތަން އަތުލަން އޮތް ގާނޫނީ ހުރަހަކީ ކޮބާބާއެވެ؟

އެންމެން ވެސް އިއްތިފާގުވާނެ އެއް ކަމެއް އެބައޮތެވެ. ކުޑަ އަގުގައި، ދައުލަތަށް ގެއްލުންވާހެން، މާކެޓް ޕްރައިސް ދަށްކުރުމުގެ ނިޔަތުގައި ދޫކުރާ 'ސޯޝަލް ހައުސިން'އެއް، މާކެޓް ޕްރައިސްގައި ކުއްޔަށް ދޫކުރީމާ އެއިން ނުކުންނަނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އެ ތަންތަނަކީ މިނިސްޓަރު ވިދާޅުވިހެން އާމްދަނީ ހޯދަން ދިން ތަންތަނެއް ނޫނެވެ.

އެއީ ކުރެވޭނެ ކަމެއް ނޫން

ހަގީގަތް ގަބޫލުކުރަމާތޯއެވެ؟ ގާނޫނެއް، ގާނޫނަކަށް ވަނީ އެ ތަންފީޒުކުރެވޭނެ ގޮތެއް އޮތީމައެވެ. އަމުދުން އެއަށް އަމަލުކުރާނެ ބަޔަކު ވެސް ތިބީމައެވެ. ނޫން ނަމަ، އެއްވެސް ގާނޫނެއް ގާނޫނަކަށް ނުވާނެއެވެ. އެހެންވީމާ، ފުލެޓުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައި، ގާނޫނެއް ލިޔުނަސް އެ ތަންފީޒުކުރެވޭނެތޯ އެއީ އެންމެ މުހިންމު ސުވާލެވެ. ނޫން ނަމަ، ގާނޫނެއް އޮތުމެކޭ ނެތުމެކޭ ހަމަ އެއްވެސް ތަފާތެއް ނޯންނާނެއެވެ.

ފުލެޓުވެރިންގެ ހައްގުގައި، ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ކަންކަމުގައި ވަކާލާތުކުރައްވާ މިދުއަމް ސައުދު ލިޔުއްވާފައި އޮތީ މިހެންނެވެ: "މައްސަލައިގެ އަސްލަށް [ރޫޓް ކޯސް] އަށް ގޮސް، އެ ބަދަލު/އިސްލާހުނުކޮށް މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް މިއީ ހުއްޓުވޭނެ ކަމެއް ނޫނެވެ،"

ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ: އެ ފުލެޓުތައް ވެސް ހަވާލުކޮށް ނުނިމެނީސް ކުއްޔަށް ދޫކުރަން ވަނީ ޕޯސްޓުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެފްޑީސީން ވެސް ކިތަންމެ އަޑަށް ބާރުލާފައި ކުއްޔަށް ދިނުން ހުއްޓުވާނަމޭ ވިދާޅުވިޔަސް އެއީ ތަންފީޒުކުރެވޭނެ ކަމެއް ނޫނެވެ.

ފުރަތަމަ ކަމަކަށް 'އެންމެ ހައްގުވެރިންނަށް' ފުލެޓު ނުދެވޭކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ. މައްސަލައެއް ނެތް ފުލެޓު ލިސްޓެއް ނެރެވުނީ ކޮން ބޭފުޅަކަށް ހެއްޔެވެ؟ އެއީ މުޅި މައްސަލައިގެ ފެށުމެވެ. ގޮތެއް ނެތް މީހާ ނޫން ނަމަ، ފުލެޓު ކުއްޔަށް ވެސް ދޭނެ ނޫންހެއްޔެވެ؟

ހައްލުކުރަންވީ އަސްލު މައްސަލަ

މަސްތުވާތަކެތި ރާއްޖޭގައި ހުއްދަ ހެއްޔެވެ؟ ނޫންތާއެވެ. އެކަމަކު، އެ އެތެރެކުރުން ހުއްޓުވޭ ހެއްޔެވެ؟ ފުލެޓު ކުއްޔަށް ދޫކުރުމަކީ ވެސް އެ ޒާތުގެ ކަމެކެވެ. މިއީ ގާނޫނީ މައްސަލައެއް ނޫނެވެ. އިގުތިސާދީ މައްސަލައެކެވެ. އެހެންވީމާ ބޭނުންވަނީ ވެސް ގާނޫނީ ފަރުވާއެއް ނޫނެވެ. އިގުތިސާދީ ފަރުވާއެކެވެ.

"ޑިމާންޑް އޮތިއްޔާ ކަނޑުއަޑިން ވިޔަސް އެތެރެކުރާނެ،" މިއީ މަސްތުވާތަކެތީގެ މައްސަލައިގައި ގާނޫނީ ދާއިރާގައި ރާއްޖޭގައި ހުންނެވި ވަރުގަދަ ޝަހުސިއްޔަތެއް ވިދާޅުވި ވާހަކައެކެވެ.

ޑުރަގު އެތެރެކުރުން ވެސް ނުހުއްޓުވެނީ އެހެންވެއެވެ. ގާނޫނެއް ނެތީމާހެއްޔެވެ؟ ހުރިހާ ވެސް މައްސަލައަކީ އަސްލު މައްސަލައަށް ފޯކަސް ނުކުރުމެވެ. ޑިމާންޑް ކުޑަކުރަން މަސައްކަތް ނުކުރުމެވެ. ޑިމާންޑް އޮތިއްޔާ ގޮތެއް ހޯދައިގެން އެތެރެކުރާނެއެވެ. ސިނގިރޭޓު އަގު ބޮޑުކުރީމާ ވެސް ނުކުތީ އެ ނަތީޖާ ހަމަ އެ ގޮތަށެވެ. މިހާރު ކަން އެ ވަނީ ކިހިނެއް ހެއްޔެވެ؟

ވަގަށް އެތެރެކޮށްގެން ކަސްޓަމުން ހުއްޓުވި ސިނގިރޭޓު ކޮންޓެއިނަރުތަކެއް، ފަހުން ބެލިއިރު ހުރީ ހުސް ކޮންޓެއިނަރު އެކަންޏެވެ. އެ ހުރިހާ ސިނގިރޭޓެއް، 13.6 މިލިއަން ސިނގިރޭޓު އެކީ ވަގަށް ނެގީއެވެ. ވީނުވީއެއް ނޭނގުނެވެ. އެއީ އަލަށްވީ ކަމެއް ނޫނެވެ. ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ހިއްލައިލި ފަހުން ކަޅުބާޒާރުން އަގުހެޔޮ، ވަގު ސިނގިރޭޓު ހުހެއް ނުވެއެވެ. ކުޑަކުރަމުން ކުޑަކުރަމުން 60 ރުފިޔާއަށް ފޮއްޓެއް ޖެހޭހާ ކުޑަކޮށް ވެސް ކަޅުބާޒާރުގައި ސިނގިރޭޓު އެބަ ވިއްކައެވެ.

https://sun.mv/212437

ކިތަންމެ ނުރުހުންވިޔަސް ޑިމާންޑް އޮތްނަމަ ވަގު ވިޔަފާރި ހިނގާނެއެވެ. ޑޮލަރުގެ ކަޅުބާޒާރާއި، ސިނގިރޭޓުގެ ކަޅުބާޒާރާއި މަގުމަތީ އާންމުވެފައި އޮތް މަސްތުވާތަކެތީގެ ވަބާއިން ވެސް ބުނެދެނީ އެ ހަގީގަތެވެ.

ފުލެޓު ކުއްޔަށްދޭ މައްސަލައިގެ ހައްލަކީ ވެސް އެއީއެވެ. ޑިމާންޑް ރިޑަކްޝަން ނުވަތަ ޑިމާންޑް ކުޑަކުރުމެވެ.

ކުދިކުދި ތަންކޯކޮޅަށް ބޮޑު ކުލި ދައްކައިގެން ފަސް ހަ މީހުން އެއް ކޮޓަރީގައި ނިދައިގެން އުޅޭހާ ހިނދަކު ފުލެޓު ކުއްޔަށް ދޫކުރާ މައްސަލަ ހައްލެއް ނުވާނެއެވެ. ދިވެހި އާބާދީގެ ދެބައިކުޅައެއްބައެއްހާ މީހުން އުޅެނީ މި މާލޭގައެވެ. ގިނަ މީހުން ބޮޑު ކުލި ދައްކައިގެންނެވެ. އެހެންވީމާ އެ އެންމެންނަށް ގޮތެއް ނުލިބޭހާ ހިނދަކު ކުލިން ދިރިއުޅޭ މީހުން ތިބޭނެއެވެ. ކުއްޔަށް ނަގާ މީހާ ނަގަނީ ވެސް އެއީ މަނާ ކަމެއްކަން އެނގިގެންނެވެ. އެކަމަކު، ކުލިން ރުފިޔާއެއް ވިޔަސް ކުޑަވާން އޮތްނަމަ އެ ގޮތެއް ބޭނުންވާތީއެވެ.

ގާނޫނެއް ހެދިޔަސް ފުލެޓު ކުއްޔަށް ދޭނެއެވެ. އެ ކަން ހައްލެއް ނުވާނެއެވެ. ކިތަންމެ ބޭނުންވިޔަސް އެއީ ހުއްޓުވެން އޮތް ކަމެއް ނޫނެވެ.

މައްސަލައިގެ ހައްލު އެންމެންނަށް ވެސް އެނގެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ގޮތަށް ކޮންމެ މީހަކަށް ފުލެޓެއް ލިބުމުން މި މައްސަލައެއް ނޯންނާނެއެވެ. މުޅި މައްސަލަ ހައްލުވާނެއެވެ. އެ ނޫން ގޮތަކަށް އެ ކަމެއް ނުކުރެވޭނެއެވެ. ވަގު ސިނގިރޭޓު ވިއްކާގޮތަށް، މަސްތުވާތަކެތި ވިއްކާގޮތަށް، ހަމަ ފުލެޓު ވެސް ކުއްޔަށް ދޭނެއެވެ. ހަމައެކަނި ހައްލަކީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރު ކުރުމެވެ. އެ ނޫން ހައްލެއް ނޯންނާނެއެވެ.

ބޭނުމީ ގާނޫނެއް ނޫނެވެ. ފުލެޓު ކުއްޔަށް ދެނީ މިހެންވެއެވެ. ހައްލަކީ ވެސް އެއީއެވެ.

comment ކޮމެންޓް