އެމެރިކާ އިސްވެ އޮވެގެން މިސްރުގައި ބާއްވާ ސަމިޓަށް ދިން ދައުވަތު އީރާން ގަބޫލެއް ނުކުރި

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ

ތެހެރާން (13 އޮކްޓޯބަރު 2025) : ޣައްޒާގެ މައްސަލާގައި އެމެރިކާ އިސްވެ އޮވެގެން މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ސަމިޓަށް ދިން ދައުވަތު ގަބޫލުކުރުމަށް އީރާން ދެކޮޅު ހަދައިފިއެވެ.

މިކަމާގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވީ ސަމިޓަށް ދިން ދައުވަތަށް ޝުކުރު އަދާކުރާކަމަށާ ނަމަވެސް އީރާނުން ޝަރުމުއްޝައިޚްގެ ސަމިޓްގައި ބައިވެރި ނުވާނެކަމުގައެވެ.

އިރަގްޖީ ވިދާޅުވިގޮތުގައި އެމެރިކާ ގެންދަނީ އީރާނަށް ބިރުދައްކައި އީރާނުގެ ނިއުކްލިޔާ ހައްގުތަކަށް އިންކާރުކޮށް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި އެމެރިކާވަނީ އިސްރާއީލާ ގުޅިގެން އީރާނަށް އުދުވާނީ ހަމަލާތައްދީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް އަނިޔާވެރި ބޮޑެތި ޖަރީމާތަކެއް އީރާނާ ދެކޮޅަށް ހިންގާފައެވެ.

އެހެންކަމުން އެމެރިކާ އީރާނާދެކޮޅަށް ހިންގި އުދުވާނަށް ބަދަލުދީ އެކަމަށް މައާފަށް ނުއެދެނީސް އެމެރިކާ އިސް ދައުރެއް އަދާކުރާ ސަމިޓެއްގައި އީރާން ބައިވެރިނުވާނެއެވެ. އަދި އީރާނުން އެމެރިކާއާ ސީދާ ގޮތެއްގައި ވާހަކަވެސް ނުދައްކާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވިއެވެ.

ޣައްޒާގެ މައްސަލާގައި އެމެރިކާ އިސްވެ އޮވެގެން މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ސަމިޓް އޮންނާނީ މާދަމާ މިސްރުގެ ރެސޯޓް ރަށެއްކަމަށްވާ ޝަރުމުއްޝައިޚްގައެވެ. މި ސަމިޓްގައި ޓްރަމްޕްގެ އިތުރުން ދެން ބައިވެރިވެވަޑައިގަންނަވާނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން އާ ބެހޭގޮތުން އޭނާ މަޝްވަރާ ކުރެއްވި އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިން ނުވަތަ މަންދޫބުންނެވެ.

އެމެރިކާއާ ގުޅުންބޮޑު އަރަބި ހުރިހާ ގައުމުތަކަށް މި ސަމިޓަށް ދައުވަތު ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މުރާސިލުން ބުނާގޮތުން މި ސަމިޓަށް އީރާނަށް ދައުވަތު ދިނީ މިސްރުން ކަމަށް ވިޔަސް މިއީ އެމެރިކާ ގެ ރުހުމާނުލައި މިސްރަށް ކުރަން ކެރޭނެކަމެއް ނޫންނެވެ. އީރާނަށް ދައުވަތުދިނުމުގައި އެމެރިކާގެ ބޭނުމެއްކަމަށް ބެލެވެނީ މެދުއިރުމަތީގައި އެމެރިކާގެ ބަސް އަހައިގެން އެމެރިކާ ގެ ސިޔާސަތު ތައް ތަންފީޒުކޮށްދޭ މިސްރާއި ގަލްފުގެ އަރަބި ގައުމުތައް ފަދަ ގައުމަކަށް އީރާން ހެދޭޓޯ ބެލުމެވެ.

އީރާނަކީ އެމެރިކާއާ އިދިކޮޅު ޗައިނާއާއި ރަޝިއާ ފަޅީގެ ގައުމެކެވެ. އެމެރިކާއަކީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި އަދި އަނިޔާވެރި ފިޔަވަޅުތަކެއް އަޅާފައިވާ ގައުމަކަށްވެފައި އީރާނުގެ ނިއުކްލިޔާ ހައްގުތަކަށް އެމެރިކާ އިންކާރު ކުރުމަކީވެސް އަދި އެމެރިކާއަށް އީރާން އިތުބާރު ނުކުރުމަކީ ވެސް މިސަމިޓްގައި ބައިވެރި ނުވުމަށް އީރާން ނިންމި މައިގަނޑު ސަބަބެއްކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ.

އަނެއްކޮޅުން އެމެރިކާއަކީ ސަމިޓްގެ ތެރޭންވެސް އެމެރިކާ އީރާނަށް ލަނޑެއް ދީފާނެފަދަ މަކަރުވެރި ގައުމެއްކަން އެމެރިކާ އަމިއްލައަށް ވަނީ ސާބިތުކޮށްދީފައެވެ. އެމެރިކާގެ މިފަދަ ނާތަހުޒީބު ސުލޫކުގެ ސަބަބުން އެމެރިކާއާމެދު އީރާނުގެ އިތުބާރު މުޅިން ގެއްލިފައިވުމަކީ އީރާން މިކަމަށް އިޖާބަދޭން ދެކޮޅު ހެދި މައިގަނޑު ސަބަބެއްކަން މުރާސިލުން ފާހަގަ ކުރެއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދީ އުދުވާން ހިންގީ އެމެރިކާ އީރާނާއެކު ނިއުކްލިޔާ ވާހަކަތައް ދައްކަމުން ދަނިކޮށެވެ. މިހިސާބުން ޑިޕްލޮމަސީގައިވެސް އީރާނަށްވަނީ އެމެރިކާގެ އިތުބާރު މުޅިން ގެއްލިފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވިގޮތުގައި ޝަރުމުއްޝައިޚްގެ ސަމިޓްގައި އީރާން ބައިވެރި ނުވިނަމަވެސް ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށް ކުރާ ކޮންމެ ކަމަކަށް އީރާން މަރުހަބާ ކިޔާނެއެވެ. އަދި އެއްބާރުލުން ދޭނެއެވެ.

އެމެރިކާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިސް ސަފުތައި ހަރަކާތްތެރިވާ ގަތަރާއި މިސްރާއި ތުރުކީ އަދި ގަލްފުގެ ގައުމުތަކުގެ އިސްވެރިން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް