ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ވަޒީރުންނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ހަވާލުކުރުމުގެ މަސައްކަތް އިދިކޮޅު އެމްޑީޕީގެ މެންބަރުން ފަށާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ބައެއް ވަޒީރުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން މީގެ ކުރިން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެ މައްސަލައިގައި މިދިޔަ އޭޕްރިލް މަހު މަޖިލީހަށް ގަރާރެެއް ހުށަހަޅައި، އޮގަސްޓް މަހު އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ސިޓީއެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އޮޑިޓް ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޝަމްހީދު މިއަދު ވިދާޅުވީ، ޤާނޫނުއަސާސީގެ 98ވަނަ މާއްދާއާއި މަޖިލީހުގެ ގަވައިދުގެ 81ވަނަ މާއްދާއާ އަބްދުއްރަހީމް ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު --- ފޮޓޯ: މަޖިލިސް
ޤާނޫނުއަސާސީގެ 98ވަނަ މާއްދާގައިވާ ގޮތުން ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، ވަޒީރުންގެ ޒިންމާއާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދީ، އެ ޒިންމާތަކާ ގުޅޭގޮތުން މަޖިލީހުން އެދޭ ލިޔެކިއުންތައް ހުށަހަޅަން މަޖިލީހަށް އެންގިދާނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 81ވަނަ މާއްދާގައިވާ ގޮތުން، ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް ވަޒީރަށް ފޮނުވައި، 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ވަޒީރުންނާ ސުވާލުކުރަން ޖެހޭނެއެވެ.
ޝަމްހީދު ވިދާޅުވީ، އަބްދުއްރަހީމް ވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
"އެއީ އެ މާއްދާގެ ބާރު މަނިކުފާނު ކަނޑުއްވާފައި މި އޮތީ ވަޒީރުން މިތަނަށް ހާޒިރުކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި އެބައޮތް، އަދި މި މަޖިލީހުގައި އަޅުގަނޑުމެން ފާސްކޮށްގެން ތި ވިދާޅުވާ ގަވާއިދުގެ 81ވަނަ މާއްދާގައި 14 ދުވަސްތެރޭގަ ހާޒިރުކުރަން ބުނޭ،" އޭނާ ވިދާޅުވިއެވެ.
އެ މާއްދާގެ ބާރު ކަނޑުވާފައި މަޖިލިސް ހިންގާތީ އަޅުގަނޑު މިއަދުން ފެށިގެން މަޖިލީހުގެ ރައީސްގެ މައްޗަށް މި ގަވައިދުގައި ބުނާ 42ވަނަ މާއްދާއާއި 43ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ވާހަކަ އަޅުގަނޑު ހަމަ މިއަދު މި މަޖިލީހުގައި ބޭނުން، އެކަން އަޅުގަނޑުމެން ފައްޓާނެކަމުގެ ޔަގީންކަން ހާމަކުރަމުން މިއަދުގެ ވާހަކަ ނިންމާލާނަން،ޑރ. އަހްމަދު ޝަމްހީދު - ހުޅުމާލެ ދެކުނު ދާއިރާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله -- ފޮޓޯ/ މަޖިލިސް
ޝަމްހީދު މިހެން ވިދާޅުވި ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފުވެވަޑައިގެންފައިނުވާނެ ކަމަށާއި، މަޖިލިސް ހިންގަވަނީ މެންބަރުން ފާސްކޮށްފައިވާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 42ވަނަ މާއްދާއާއި 43ވަނަ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރަން އޭނާ އުޒުރުވެރިވެއްޖެނަމަ، ރިޔާސަތު ވަގުތީގޮތުން ހަވާލުކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއެވެ. އެފަދަ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގެ ނައިބު ރައީސްގެ އަތްމަތީގައެވެ.