އެންމެންނަށް ހުޅުވާލި ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފި

މަގުމަތީ ޕާކިން ޒޯނެއްގައި ކާރު ނުޖެހޭ ގޮތަށް ސައިކަލު ޕާކްކޮށްފައި: އެ ފަދަ ސައިކަލުތައް ޓޯކުރަން ވަނީ ފަށާފައި -- ފޮޓޯ/ ފުލުހުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވިއްކި ޕާކިން ޒޯންތައް އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުން، އެ ތަންތަނުގައި ޕާކްކުރާ ސައިކަލުތައް ފުލުހުން ޓޯކުރަން ފަށާފައިވާ ކަމަށް މިއަދު ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މަގުތަކުން ވިއްކި ޕާކިން ޒޯންތައް އެންމެންނަށް ބޭނުންކުރެވޭ ގޮތަށް މި މަހު އެއްވަނަ ދުވަހު ހުޅުވާލާފައެވެ.

އެ ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ޕާކިން ޒޯންތަކުގައި ޕާކްކުރާ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ފުލުހުން ނަގާނެ ކަމަށް ބުންޏެވެ.

"މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަންކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރެއްވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.

ޕާކު ކުރާނެ ޖާގައެއް ނެތް, ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން, ޕާކިން ސްލޮޓްތައް އޭރުގެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށް 1،500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ. މަގުތައް ވިއްކަނީ ކަމަށް ބުނުމާއި މި ކަމުގެ ފަހަތުގައި އިތުރަށް ފައިސާ ދޭ މީހުންނަށް އިސްކަން ދިނުން ފަދަ ކަންކަން އޮތް ކަމަށް ބުނެ, އޭރު ވަރަށް ފާޑުކިޔުން އަމާޒުވިއެވެ.

މާލޭގެ ގިނަ މަގުތަކަކުން ގިނަ އަދަދެއްގެ ޕާކިން ސްލޮޓް ވިއްކާފައިވުމާ އެކު, ބަންޑާރަ މަގުތަކުގައި ހުރި އެ ޒޯންތައް ގިނަ ބަޔަކު ބޭނުންކުރަނީ އެ މީހުންނަށް އެކަނި އެތަން ބޭނުންކުރެވޭ ގޮތަށް އެކި ގޮތްގޮތަށް ބަންދުކޮށް ހަދައިގެންނެވެ. މީގެ ސަބަބުން ޕާކް ކުރާނެ ޖާގަ ހޯދަން ވެރިރަށުން އިންތިހާއަށް ދަތިވެއެވެ.

https://sun.mv/212070

މި ގެނެވުނު ބަދަލާ އެކު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1,000 އެއްހާ ޕާކިން ސްލޮޓް މާލޭ މަގުމަތިން ހުސްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. ޚާއްސަކޮށް ވެހިކަލްތަކަށް ގަވާއިދުން ފީތައް ދައްކަމުން ދިޔަ ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކައި, ނުގަވައިދުން ޕާކް ކުރުމުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ފަދަ ކަންކަން ކުރާތީ ޝަކުވާ ބޮޑެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.

comment ކޮމެންޓް