ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅަން ލާޒިމްކޮށް މަޖިލީހުގެ ގަވައިދު ފާސްކޮށް ނިމުމާ އެކު، ޓައީ ނާޅުއްވައި ތިއްބެވި މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ދަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާއިރު ޓައީ އަޅައިގެން ތިބުން ހިމެނޭ ގޮތަށް، ހެދުން އެޅުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
ނަމަވެސް، ކޮމިޓީގެ ރިޕޯޓުގައި އޮތް ގޮތުން ޖަލްސާތަކުގައި ތިއްބަވާއިރު މެންބަރުންގެ ރަސްމީ ހެދުން ތުރުކުރައްވަންޖެހޭ ގޮތް އެހާ ސާފެއްނޫނެވެ.
އެހެންވެ، ކޮމިޓީ ރިޕޯޓަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި އިސްލާހުގައިވަނީ ކޮމިޓީ ރިޕޯޓުން އަރާ އޮޅުން ސާފުކޮށްދީފައެވެ. އެގޮތުން މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިގަންނަވާއިރު ފިރިހެން މެންބަރުން ކޯޓު ފަޓުލޫނާއި ޓައީ، ގަމީހާއި ޓައީއާއި ފަޓުލޫނު އަދި ގައުމީ ހެދުން ލެވޭ ގޮތަށް، އަންހެން މެންބަރެއް ނަމަ ހެދުން އެޅުމުގެ އާންމު އަދަބާ ޚިލާފުނުވާ ރަސްމީ ހެދުން ލެވޭ ގޮތް ހެދުމަށް، އޭނާ ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
އަޝްރަފް ހުށަހެޅުއްވި އިސްލާހާ އެކު، އެ ވަގުތު ތަޅުމުގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުން މަޖިލީހުގެ މެންބަރުން ޖަލްސާތަކުގައި ޓައީ އެޅުން ލާޒިމުކުރަން ވަނީ ފާސްކޮށްފައެވެ. މި އިސްލާހު ފާސްކޮށް ނިމުމުން އަބްދުއްރަހީމް ވަނީ މެންބަރުން ހެދުން އެޅުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ދަންނަވައިފައެވެ.
"އަދި މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ފާސްކުރި ގަވައިދާ ޚިލާފަށް އެއްވެސް މެންބަރަކު ވަޑައިގެން އިންނެވިކަމަށް ވާނަމަ އެ މެންބަރަކު ގަވައިދާ އެއްގޮތަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ޓައީ އެޅުއްވުމަށް، ނުވަތަ ރައްޔިތުންގެ މަޖިލިސް ދޫކުރައްވައި ވަޑައިގަތުމަށް ވަރަށް އިހުތިރާމާ އެކީގައި އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން،" ޖަލްސާގައި އެ ވަގުތު ޓައީ ނާޅުއްވައި ތިއްބެވި މެންބަރުންނަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.
ދެން މީގެ ފަހުން މަޖިލީހުގެ މެންބަރަކު ހެދުން އެޅުމުގެ މި އުސޫލާ ޚިލާފުވެއްޖެ ނަމަ ސުލޫކީ ފިޔަވަޅުތައް އެޅޭނެއެވެ. އެގޮތުން ވަކި އަދަދަކަށް ޖަލްސާތަކުގައި މެންބަރުންނަށް ބައިވެރިނުވެވޭގޮތް ހެދުމާއި، މެންބަރު އެ ކުރީ އުސޫލާ ޚިލާފު ކަމެއް ކަމަށް ތަޅުމުގައި އެކަން އިއުލާނުކޮށް މެންބަރަށް ނަސޭހަތްތެރިވުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުމާ ގުޅިގެންނެވެ.
އާއްމުކޮށް މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކުގައި ފިރިހެން މެންބަރުން ތިއްބަވަނީ ބެގީކޮށް, ޓައީ އަޅުއްވައިގެންނެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓް ތުރުކުރައްވައެވެ. އަދި, ބައެއް މެންބަރުން ވެސް ކޯޓުކޮޅުގައި ޖަލްސާއަށް ވަޑައިގަންނަވައެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ 15ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ޓައީ ނާޅުއްވައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަބަބާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އާ "ސަން"އިން އޭރު ސުވާލުކުރުމުން ވިދާޅުވީ, ރިޔާސަތުން މަޖިލިސް ހިންގަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށެވެ. ޓައީ ނޭޅުއްވީ އެކަމާ އިހުތިޖާޖުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުވެސް ވެސް "ސަން"އަށް ވިދާޅުވީ, މަޖިލީހުގެ ގަވާއިދަށް ރިޔާސަތުން އަމަލުނުކުރައްވާތީ އެކަމާ އިހުތިޖާޖު ކުރައްވަން ޓައީ ނޭޅުއްވީ ކަމަށެވެ.
ޓައީ ނާޅުއްވައި މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުން މަޖިލީހުގެ ރިޔާސަތުގައި އެ ދުވަހު އިންނެވި, އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއަކީ ރަސްމީ ގަޑިއެއް ކަމަށާއި އެ ގަޑީގައި ވަޑައިގަންނަވަން ވާނީ ރަސްމީ ހެދުމުގައި ޓައީ އަޅުއްވައިގެން ކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުމަކީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ އިދާރާ ނުހިންގުމެވެ. އެގޮތުން، މެންބަރަކު ވަޒީރަކަށް ސުވާލެއް ފޮނުއްވާތާ 14 ދުވަސް ތެރޭގައި ޖަވާބު ދެއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތްނަމަވެސް އެމްޑީޕީގެ މެންބަރުން ފޮނުއްވާ ސުވާލުތަކަށް ވަޒީރުން ޖަވާބު ނުދެއްވާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ. އަދި އެކަން އެގޮތަށް ހިނގާއިރު މަޖިލީހުން އެކަން ނުބައްލަވާތީ ވެސް އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައެވެ.