މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންފި ކަމަށް އިދިކޮޅު ފަރާތްތަކާއި އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރު ސިޓެނީ ރަންޑްރިއާނަސޮލޮނިއަކޯ ރޮއިޓާސްއަށް ވިދާޅުވީ ރައީސް ރަޖޮއެލީނާ ފިއްލަވައިގެން ވަޑައިގަތީ، ޒުވާނުން އިސްނަގައިގެން އެ ގައުމުގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި ސިފައިންގެ ޔުނިޓްތަކަކުން ބައިވެރިވެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ފެށުމުން ކަމަށެވެ.
"އަޅުގަނޑުމެން ރައީސް އޮފީހުގެ މުވައްޒަފުންނަށް ގުޅައިފިން. އެ ބޭފުޅުން ވަނީ އެ މަނިކުފާނު ގައުމުން ވަޑައިގަތްކަން ކަށަވަރުކޮށްދީފައި." ރަޖޮއެލީނާ މިހާރު ހުންނެވި ތަނެއް ނޭނގޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
ރަޖޮއެލީނާ މިއަދުގެ ވަގުތެއްގައި ގައުމާ މުޚާތަބު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ.

މަޑަގަސްކަރައިގައި ކަރަންޓް ކެނޑުމާއި ފެން ނުލިބުމާ ގުޅިގެން ޒުވާނުން އިސްވެ އޮވެ މުޅި ގައުމުގައި ކުރަން ފެށި މުޒާހަރާއެއްގައި މަޑަގަސްކަރައިގެ އަސްކަރީ އުޅަނދެއްގެ ކައިރީގައި މުޒާހަރާގެ ބައިވެރިން ހިނގާލަނީ. ފޮޓޯ/ރޮއިޓާސް
އަސްކަރީ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޖޮއެލީނާ ގައުމުން ބޭރަށް ވަޑައިގަތީ ފްރާންސްގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. އެއީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާއެކު އެއްބަސްވުމެއް ހައްދަވައިގެން ކަމަށްވެސް ފްރާންސްގެ ރޭޑިއޯ އާރުއެފްއައިއިން ވަނީ ބުނެފައެވެ.
މަޑަގަސްކަރައިގައި މިދިޔަ މަހު 25 ވަނަ ދުވަހު މުޒާހަރާތައް ފެށީ، ފެނާއި ކަރަންޓް ހިމެނޭ ގޮތަށް އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެއެވެ. އެގޮތުން ޒުވާނުން އިސް ނަގައިގެން ފެށި 'ޖެން ޒީ' މުޒާހަރާތަކުގައި ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، ރައީސްގެ އިސްތިއުފާއަށް ގޮވާލިއެވެ.
އެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ފުރަތަމަ ބާރުގެ ބޭނުންކުރި ނަމަވެސް، ކެޕްސެޓްގެ ނަމުގައި މަޝްހޫރު ސިފައިންގެ ޔުނިޓަކުން ފަހުން ވަނީ މުޒާހަރާތަކާ ގުޅިފައި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ.
މިއީ 2009 ވަނަ އަހަރު އެ ގައުމަށް ގެނައި ބަޣާވާތުގައި އިސް ދައުރެއް އަދާކޮށް، ރަޖޮއެލީނާ ވެރިކަމަށް ގެނައުމަށް މަގުފަހިކުރި ޔުނިޓެކެވެ.
އެ ސިފައިންގެ ތާއީދު ގެއްލުމުން ރަޖޮއެލީނާ ފެނިފައި ވަނީ އިތުރަށް އެކަހެރިކޮށް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މަޑަގަސްކަރައިގެ އަންޓަނާނަރީވޯގެ މަގުމަތީގައި މުޒާހަރާގެ ބައިވެރިން މަލަގާސީގެ ދިދަ ހިފައިގެން. ފޮޓޯ/ރޮއިޓާސް
އޭގެފަހުން ރަޖޮއެލީނާ ވަނީ މަޑަގަސްކަރައިގައި ބަޣާވާތެއް ކުރަން އުޅޭ ކަމަށް ވެސް ވިދާޅުވެފައެވެ.
މަޑަގަސްކަރައިގެ ގާނޫނުގައި އޮންނަ ގޮތުން، ރައީސަކު ނެތް ހާލަތެއްގައި އިންތިޚާބު ބާއްވަންދެން ސެނެޓުގެ ލީޑަރު މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.
އެ ގައުމުގެ މުޒާހަރާތަކުގައި ސިފައިންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 22 މީހުން މަރުވެ، 100 މީހުން ޒަޚަމުވެފައިވާ ކަމަށް އދ.ގެ ހިސާބުތަކުން ދައްކައެވެ.
މަޑަގަސްކަރަކީ ވަސީލަތްތައް މުއްސަނދި ގައުމެއް ނަމަވެސް ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމެވެ. ދެހާސް ބާވީސް ވަނަ އަހަރު 32 މިލިއަން މީހުންގެ އާބާދީއެއް އޮތް ކަމަށް ދައްކާ އެ ގައުމުގެ 75 ޕަސެންޓް މީހުންނަކީ ޒަރޫރީ ތަކެތި ގަނެވޭވަރުގެ އާމްދަނީއެއް ނުލިބޭ މީހުން ކަމަށް ތަފާސްހިސާބުން ދައްކައެވެ.