ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓު، ގޭގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި، އެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭ މީހަކަށް ބިލުކުރެވޭ ގޮތަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކުލަވާލި ގަވައިދާ ގުޅޭ ގޮތުން ކުންފުނިތަކުގެ ކަންބޮޑުވުން ހުރުމުން އެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު އިސްލާހުކޮށްފައެވެ. އެ އިސްލާހުގައި ވަނީ، ފެނާއި ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް، އިސްލާހާއެކު ހައްލެއް ލިބޭނެ ކަމަށެވެ. އަދި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
އެ އިސްލާހުގައިވަނީ، ފެނާއި ކަރަންޓު ފަދަ އާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ޚިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވީ ނަމަވެސް، އެ ޚިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ޚިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅައިފައެވެ.
އެކަން ކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގަވައިދެއް، ނޮވެންބަރު 14، 2023ގައި ޝާއިއުކޮށްފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ކުއްޔަށް އުޅޭ މީހުންގެ ނަމަށް ބިލުތައް ބަދަލުކުރުމުގެ ގަވައިދަށް އަމަލުނުކުރުމާ ގުޅޭ ކަންބޮޑުުވުންތައް އޭނާ މަޖިލީހުގެ ސަމާލުކަމަށް ގެނެސްދެއްވި -- ފޮޓޯ/ ރައީސް އޮފީސް
އެހެންނަމަވެސް، ތަންތަން ކުއްޔަށްދޭއިރު އެ ތަނުގައި ވެރިފަރާތުގެ ނަމުގައި ހަރުކޮށްފައިވާ މީޓަރު ކުއްޔަށް ހިފާ ފަރާތުގެ ނަމަށް ބަދަލު ނުކުރެވޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުން އަންނަކަން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ފާހަގަކުރައްވަައިފައެވެ. އޭނާ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އެ މައްސަލަ ދިމާވާ ސަބަބެއް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާއި ފެނަކައިގެ ފަރާތުން ހޯދުމަށް އެދިވަޑައިގެންފައެވެ.
މިދިޔަ މެއި މަހު ކުޑޫ ހުށަހެޅުއްވި ސިޓީއަށް މަޖިލީހުގެ އިދާރާއިން މިއަދު ފޮނުވި ޖަވާބުގައިވަނީ، އެ މައްސަލައާ ގުޅިގެން، މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާއި ފެނަކައާއި އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ސާފުކުރި ކަމަށެވެ.
އެ ކުންފުނިތަކުން ވަނީ ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް، އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅައިފައިކަން މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި މިނިސްޓްރީން މިހާރު އަންނަނީ އެ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް، އެ މިނިސްޓްރީއާ ހަވާލާދީ ސިޓީގައިވެއެވެ.
މަޖިލީހުގެ އިދާރާއިން ވަނީ، އެންވަޔަރަމެންޓް މިނިސްޓްރީއާއި އެމްޑަބްލިޔުއެސްސީއާއި ސްޓެލްކޯއިން އެ މައްސަލަ ބެލި ކޮމިޓީއަށް ފޮނުވި ލިޔުންތަކެއް ވެސް ކުޑޫއާ ހިއްސާކޮށްފައެވެ.
އޭގެ ތެރެއިން އެމްޑަބްލިޔުއެސްސީން ކަމާ ގުޅޭ ގަވައިދާ ބެހޭ ގޮތުން ފާހަގަކޮށްފައިވާ އެއް ކަންބޮޑުވުމަކީ 10 ވަނަ މާއްދާއާ ގުޅޭ ގޮތުންނެވެ. އެ މާއްދާގައި އޮތީ، އިމާރާތް ބޭނުންކުރާ މީހާއަކީ، އެއްބަސްވުމަކާ ނުލައި އިމާރާތް ބޭނުންކުރާ މީހެއް ނަމަ، އެ މީހަކަށް ޚިދުމަތް ރަޖިސްޓްރީ ކޮށްދޭންވާނީ އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށެވެ.
އެ ޚިދުމަތް ރަޖިސްޓްރީކޮށްފައިވަނިކޮށް އެކަމަށް އިމާރާތުގެ ވެރިފަރާތުން އިއުތިރާޒު ކުރި ނަމަވެސް، ރަޖިސްޓްރީކޮށްދީފައިވާ ޚިދުމަތެއް މެދުކަނޑާލަން ވާނީ، ޚިދުމަތް ރަޖިސްޓްރީކޮށްދީފައިވާ ފަރާތުން އެކަމަށް އެދި، ލިޔުމަކުން ހުށަހެޅުމުން ކަމަށް ބުނެފައިވެއެވެ.
އެމްޑަބްލިޔުއެސްސީން ބުނެފައިވަނީ، އެ ކުންފުނީގެ ކަންބޮޑުވުމަކީ، މިހާރު އޮތް ގޮތުން، މީޓަރުން ޚިދުމަތް ހޯދާ ފަރާތުގެ ނަމުގައި ޚިދުމަތް ރަޖިސްޓްރީ ވުމުން، އިމާރާތުގެ ވެރިފަރާތުގެ ކޮންޓްރޯލް މުޅިން ގެއްލުން ކަމަށެވެ. ސަބަބަކީ، ޚިދުމަތް ރަޖިސްޓްރީ ވުމުން، ކުލީގެ މުއްދަތު ހަމަވިޔަސް، ޚިދުމަތް ރަޖިސްޓްރީކޮށްފައިވާ މީހާ އަމިއްލައަށް ޚިދުމަތް މެދުކަނޑާލުމަށް އެދެންދެން ޚިދުމަތް ދިނުން ލާޒިމުކޮށްފައި އޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރަށް ވެސް ކަންބޮޑުވުންތަކެއް އެމްޑަބްލިޔުއެސްސީން ފާހަގަކޮށްފައިވާއިރު، ސްޓެލްކޯއިން ފޮނުވި ސިޓީގައި ވަނީ، ގަވައިދުގައިވާ ގޮތަށް ޚިދުމަތް ފަށައިނުގަނެވެނީ ބައެއް މާއްދާތަކާ މެދު ހުރި ކަންބޮޑުުވުންތަކުން ސަބަބުން ކަމަށެވެ. އަދި އެކަންކަމަށް ހައްލެއް ހޯދުމަށް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފަައިވެއެވެ.
އެހެންވެ، މިނިސްޓަރު ޠާރިގް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވެސް ވަނީ، ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ހުށަހަޅައިފައިވާ އިސްލާހުތަކާ ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފައިވާ ކަމަށެވެ. އަދި ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް، މިދިޔަ އޮގަސްޓު މަހުގެ 20ގައި އޭނާ ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވެއެވެ.
 
											
										 
					 
                