އައިފޯން އެއާ ޗައިނާގައި ޕްރީއޯޑަރަށް ހުޅުވާލަނީ

އައިފޯން އެއާ އަކީ މިހާތަނަށް ނެރުނު އެންމެ ތުނި އައިފޯން ---

އެޕަލް ކުންފުނިން އެންމެފަހުން ތައާރަފްކުރި އައިފޯން ސީރީޒްގެ އެންމެ ގިނަބަޔަކަށް ކަމުދިޔަ އައިފޯން އެއާ ޗައިނާގައި ޕްރީ-އޯޑަރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

މިކަން މިހަފްތާގެ ފަހުކޮޅު ފެށޭނެކަމަށް ބެލެވޭއިރު، ޗައިނާގައި އައިފޯން އެއާގެ ވިޔަފާރި ފެށިގެން މިދަނީ ޗައިނާގެ ބޮޑެތި ޓެލެކޮމް ކުންފުނިތަކަށް އީ-ސިމް ހިދުމަތް ދިނުމަށް ރެގިއުލޭޓަރީ ހުއްދަ ލިބުމާ ގުޅިގެންނެވެ.

ޗައިނާގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި މިހާރު ވެސް ވަރުގަދަ ވާދަވެރިކަމެއް އޮތްއިރު، އީ-ސިމްގެ މި ހުއްދައާއެކު އެޕަލްއަށް ޗައިނާގެ ބޮޑު މާކެޓުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕަލް ކުންފުނިން ހޯމަ ދުވަހު ބުނި ގޮތުގައި، ޗައިނާގެ ބާޒާރަށް ތަޢާރަފްކުރެވޭ އައިފޯން އެއާގެ އަގު ފެށޭނީ 7,999 ޔުއާން (ގާތްގަނޑަކަށް 1,121.56 އެމެރިކާ ޑޮލަރު) އިންނެވެ. މި މޮޑެލްއަކީ ޗައިނާގައި އީ-ސިމް ހިދުމަތަށް ސަޕޯޓްކުރާ ހަމައެކަނި ފޯނެވެ.

އީ-ސިމް އަކީ ފޯނުގެ ތެރޭގައި ހުންނަ ފިޒިކަލް ސިމްގެ ބަދަލުގައި ބޭނުންކުރާ ޑިޖިޓަލް ސިމެކެވެ. މިއީ ފޯނު ބޭނުންކުރާ ފަރާތްތަކަށް ސިމް ކާޑު ބަދަލުކުރުމެއް ނެތި ނެޓްވޯކްތައް ފަސޭހައިން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ.

ޚާއްސަކޮށް ދަތުރުކުރާ މީހުންނަށް ނުވަތަ އެކި ނެޓްވޯކްތައް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ޗައިނާގައި އީ-ސިމް ހިދުމަތް މީގެ ކުރިން ބޮޑަށް ބޭނުންކުރެވެމުން އައީ ސްމާޓްވޮޗް ފަދަ ޑިވައިސްތަކަށެވެ.

ޗައިނާގެ އެންމެ ބޮޑެތި ތިން ކުންފުނި ކަމަށްވާ ޗައިނާ މޯބައިލް، ޗައިނާ ޓެލެކޮމް އަދި ޗައިނާ ޔުނިކޮމް އަށް، އީ-ސިމްގެ ތަޖުރިބާގެ ހިދުމަތްތައް ދިނުމަށް ރެގިއުލޭޓަރުން ހުއްދަ ދީފައިވާކަން، މިނިސްޓްރީއާ ގުޅިފައިވާ ވެބްސައިޓަކުން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ. މި ހުއްދައާއެކު، އައިފޯން އެއާ ބޭނުންކުރާ ފަރާތްތަކަށް ޗައިނާގެ ޓެލެކޮމިއުނިކޭޝަންގެ މައި ކުންފުނިތަކުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މިކަމަކީ އެޕަލްއަށް ޗައިނާގެ މާކެޓުގައި ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް، މިވަގުތު ޝަންހާއީގައި ހުންނަވައި، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯ މެދުވެރިކޮށް އިޢުލާންކުރައްވަމުން ވިދާޅުވީ، "އައިފޯން އެއާ އަންނަ ހަފްތާގައި ލިބެން ހުންނާނެކަމާއި، ޕްރީ-އޯޑަރުނެގުން އަންނަ ހުކުރު ދުވަހު، (އޮކްޓޯބަރު 17 ގައި) ފަށާނެކަމަށެވެ.

އައިފޯން 17 ޗައިނާގައި ނެރުނު ފަހުން މަހެއްވާން ކައިރިވެފައިވާއިރު، އައިފޯން އެއާގެ މި އިޢުލާނާއެކު ޗައިނާގެ ބާޒާރުގައި އެޕަލްގެ ހަރަކާތްތައް ވަނީ ހަލުވިވެފައެވެ. ޚާއްސަކޮށް ވާވޭ އަދި ޝިއޯމީ ފަދަ ޗައިނާގެ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އެޕަލް އިން މިފަދަ ބޮޑެތި ފިޔަވަޅުތައް އަޅަމުންދަނީ އެމީހުންގެ މާކެޓް ހިއްސާ އިތުރުކުރުމަށްކަމަށް ތަފާތު ތަހުލީލުތަކުން ދައްކައެވެ.

ޗައިނާގެ ޓެކްނޮލޮޖީ މާކެޓަކީ ދުނިޔޭގެ އެންމެ ބޮޑެތި މާކެޓުތަކުގެ ތެރޭގައި ހިމެނޭ މާކެޓެއްކަމުން، އެޕަލްގެ މިފަދަ ފިޔަވަޅުތަކަކީ އެކުންފުނީގެ ދުނިޔޭގެ ވިޔަފާރިއަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ބެލެވެއެވެ.

comment ކޮމެންޓް