ޣައްޒާ ހަނގުރާމަ: ރަހީނުން މިނިވަންކޮށްފި، ދެން އޮތީ ކޮން މަރުހަލާއެއް؟

އަސީރުން މިނިވަން ކުރުމުގެ ކުރިން ހަމާސްގެ ހަނގުރާމަވެރިން. ފޮޓޯ/ރޮއިޓާސް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ 20 އަސީރުން މިނިވަކޮށް، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 2000 ގައިދީން އިއްޔެ ވަނީ މިނިވަންކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އެ އެއްބަސްވުމަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ރަހީނުންނާއި ގައިދީން މިނިވަން ކުރުމާއެކު އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުނީއެވެ.

ހަމާސްއިން އިސްރާއީލުގެ ދެކުނަށް ހަތެއް އޮކްޓޯބަރު 2023 ގައި ދިން ހަމަލާގައި އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ 251 މީހުންނެވެ. އޭގެތެރެއިން ދިރިތިބި 20 މީހުން އިއްޔެ ދޫކޮށްލީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ރަހީނުކުރި މީހުންގެ ބަދަލުގައި އިސްރާއީލުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި އުމުރަށް ޖަލަށްލާފައިވާ ފަލަސްތީނުގެ 250 ގައިދީންނާއި ޣައްޒާއިން ބަންދުކޮށްފައިވާ 1،718 މީހުން މިނިވަންކޮށްފައެވެ.

އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނު ގައިދީން ކަރީމް ސާލީމް ހުރަސްކޮށް ޣައްޒާއަށް ވަންނަނީ. ފޮޓޯ/އަނަދޮލު

ދެން ވާނީ ކިހިނެއް؟

ޓްރަމްޕްގެ ޕްލޭންގައިވާ ގޮތުން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ ކުރިން އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ 53 ޕަސަންޓް ކޮންޓްރޯލް ލިބިފައިވާ ސަރަހައްދަކުން ފައިބައިފައެވެ. މިއީ ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމުގެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބަލަހައްޓާ ގާތްގަނޑަކަށް 200 ސިފައިން ހިމެނޭ މަލްޓިނޭޝަނަލް ފޯސްއަކުން ހަނގުރާމަ ހުއްޓާލުން މޮނިޓާ ކުރާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި އެ ބާރުގެ ތެރޭގައި މިސްރާއި ގަތަރާއި ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސިފައިން ހިމެނެއެވެ.

ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ދަށުން ޣައްޒާއިން އަސްކަރިއްޔާ ނައްތާލައި ހުރިހާ އަސްކަރީ، ޓެރަރިޒަމް އަދި އޮފެންސިވް އިންފްރާސްޓްރަކްޗާ ނައްތާލާނެއެވެ.

އަދި ޣައްޒާގައި ފުރަތަމަ ވެރިކަން ކުރާނީ ފަލަސްތީނުގެ ތަޖުރިބާކާރުން ހިމެނޭ ވަގުތީ އިންތިގާލީ ކޮމިޓީއަކުން ކަމަށް ވެސް ބުނެފައިވެއެވެ. ކޮމެޓީގެ މަސައްކަތްތައް މޮނިޓާ ކުރާނީ ޓްރަމްޕް އިސްކޮށް ހުންނަވައިގެން ޗެއާމަންކަން ކުރައްވާ "ބޯޑް އޮފް ޕީސް" އިންނެވެ. އެ ބޯޑުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ ވެސް ހިމެނިވަޑައިގަންނަވާނެއެވެ.

އޭގެފަހުން ޣައްޒާގެ ވެރިކަން ހަވާލުކުރާނީ އިސްލާހުތަކެއް ގެނައުމަށްފަހު، ފަލަސްތީނު އޮތޯރިޓީއާއެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޣައްޒާގެ ވެރިކަން ކުރަމުން އަންނަ ހަމާސްގެ އެއްވެސް ދައުރެއް ޣައްޒާ ހިންގުމުގެ ނޯންނާނެ ކަމަށް ވެސް ޓްރަމްޕްގެ ހުށަހެޅުމުގައި ވެއެވެ.

ހަމާސްގެ މެމްބަރުން ސުލްހަވެރިކަމާއެކު އެއްތަނެއްގައި އުޅެން އެއްބަސްވެއްޖެނެމަ، މައާފު ދޭނެ ކަމަށާއި، ނުވަތަ އެހެން ގައުމަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށް ވެސް ހުށަހެޅުމުގައިވެއެވެ.

ފަލަސްތީނުގެ އެއްވެސް މީހަކަށް ޣައްޒާ ދޫކޮށް ދާން މަޖުބޫރު ނުވާނެ ކަމަށާއި ފުރައިގެން ދިޔަ މީހުންނަށް އެނބުރި އައުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށް ވެސް ހުށަހެޅުމުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ އަސީރުންނަށް މަޑުކޮށްގެންތިބި ބައެއް އާއިލާތައް. ފޮޓޯ/އޭއެފްޕީ

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ފަހުގެ މަރުހަލާތަކާ ގުޅޭ މަޝްވަރާތަކުގައި ގިނަ ނުކުތާތަކެއްގެ ޚިޔާލުތަފާތުވުން އެކަށީގެންވެއެވެ.

އެގޮތުން ހަމާސްއިން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށް ހުށަހެޅުމުގައި ބުނެފައި އޮތް ނަމަވެސް އެކަން ކުރަން ހަމާސްއިން ވަނީ ދެކޮޅު ހަދާފައެވެ. އަދި ހަތިޔާރު ބަހައްޓާނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުވުމުން ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

އަދި އިސްރާއީލުން ޓްރަމްޕްގެ ޕްލޭނަށް ފުރިހަމައަށް އެއްބަސްވި ނަމަވެސް، ޣައްޒާ ހިންގުމުގައި ފަލަސްތީނު އޮތޯރިޓީގެ ބައިވެރިވުން ނޯންނާނެ ގޮތަކަށް ކަންކަން ކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް ބެލެވޭކަމަށް ވެސް ބީބީސީން ބުނެފައިވެއެވެ.

އޭގެއިތުރުން އިސްރާއީލުން ބުނާ ގޮތުގައި ޣައްޒާއިން ފޭބުމުގެ ކުރިން އެ ސަރަހައްދުގެ ގާތްގަނޑަކަށް 53 ޕަސަންޓް އިސްރާއީލުން ކޮންޓްރޯލު ކުރާނެއެވެ. ނަމަވެސް ޓްރަމްޕްގެ ހުށަހެޅުމުގައިވާގޮތުން ކޮންޓްރޯލު ކުރެވޭނީ 40 ޕަސަންޓެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން އިސްރާއީލުން ދިން ހަމަލާތަކަށް ނިމުމެއް ގެނައުމުގެ އެއްބަސްވުމަށް އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން އިއްޔެ ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް