މެލޭޝިއާގައި ގާތްގަނޑަކަށް 6000 ސްކޫލް ދަރިވަރުންނަށް އިންފުލުއެންޒާ ޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޑިސްޓްރިކްޓް ހެލްތު އޮފީހުގެ ލަފާގެ މަތިން ބައެއް ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
އެޑިއުކޭޝަން ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު އަޒާމް އަހުމަދު ކަށަވަރުކޮށްދެއްވި ގޮތުގައި ސްކޫލްތައް ބަންދުކޮށްފައިވަނީ ސިއްޙަތާބެހޭ ވުޒާރާއިން އެކުލަވާލާފައިވާ، ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ ސަލާމަތާ ބެހޭ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށެވެ.
އިންފްލުއެންޒާ ފެތުރުން ހުއްޓުވުމަށް ސްކޫލްތަކަށް ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އަންގާފައެވެ.
އެގޮތުން ފޭސް މާސްކް ބޭނުން ކުރުމަށް ހިތްވަރު ދިނުމާއި ދަރިވަރުން އެއްވެގެން ހިންގާ ހަރަކާތްތައް މަދުކުރުން ހިމެނޭ ގޮތަށް ގައިޑްލައިންތަކަށް އަމަލު ކުރުމަށް ހަނދާންކޮށްދީފައިވާ ކަމަށް އަޒާމް ވިދާޅުވިއެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލު ކުރުމުގެ ތަޖުރިބާ މިހާރުވެސް އަޅުގަނޑުމެންގެ އެބަހުރި." ނޫސްވެރިންނާ ވާހަކަދައްކަވަމުން އަޒާމް ވިދާޅުވިއެވެ.
އެޕިޑެމިއޮލޮޖިކަލް ވީކް 40/2025 ގައި އިންފްލުއެންޒާ އޭ އަދި ބީ އިންފެކްޝަންގެ 97 ކްލަސްޓަރެއް ސިއްޙަތާބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ ހަފްތާގައި 14 ކްލަސްޓަރެއް ރިޕޯޓްކޮށްފައިވެއެވެ.
ގިނަ ކޭސްތައް ފެނިފައިވަނީ ތައުލީމީ މުއައްސަސާތަކުން ކަމަށާއި ހުރިހާ ސްޓޭޓެއްގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ބަލި ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން ރިޕޯޓުކޮށްފައި ވަނީ ސެލަންގޫރުންނެވެ. އެ ސިޓީން 43 މީހަކަށް ބަލި ޖެހިފައިވާއިރު، ކުއަލަލަމްޕޫރުން 15 މީހުން، ޕުޓްރަޖަޔާއިން 15 މީހުން، ޕެނަންގް އިން 10 މީހުން ޖޯހޯ އިން ނުވަ މީހުން އަދި ކެޑާ ފަސް މީހުންނަށް ބަލިޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ގިނަ ބަލިމީހުންގެ ކިބައިން ފެންނަނީ މަދު އަލާމާތްތަކެކެވެ.
އިންފްލުއެންޒާ އަކީ ނޭވާލާ ނިޒާމުގެ ތެރޭގައި ހިމެނޭ ނޭފަތާއި ކަރު އަދި ފުއްޕާމޭއަށް ޖެހޭ އިންފެކްޝަނެކެވެ. ރޯގާ ޖެހެނީ ވައިރަހެއްގެ ސަބަބުންނެވެ. ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން، ވަރުބަލިވުން އަދި ދާހިއްލުން ހިމެނެއެވެ.
ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ އިތުރުން ރަނގަޅަށް އަތް ދޮވުމާއި، ވައި ދައުރުވާ ގޮތަށް ބެހެއްޓުން އަދި ދިރިއުޅޭ ތަން ސާފުތާހިރުކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.