ފަސް ލައްކައެއްހާ އާބާދީ އޮތް އެފްރިކާގެ ކޭޕް ވާޑޭ ވޯލްކަޕަށް ކޮލިފައިވެއްޖެ

އާބާދީގައި ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ އެފްރިކާ ބައްރުގެ ކުޑަ ގައުމެއް ކަމަށްވާ ކޭޕް ވާޑޭ، އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވެ ތާރީހުން ޖާގަ ހޯދައިފިއެވެ .

ވޯލްޑްކަޕުގެ ޖާގައެއް ކޭޕް ވާޑޭން ހޯދާފައިވަނީ އެފްރިކާގެ ކޮލިފައިން ބުރުގެ ގްރޫޕް ޑީ ގައި މިހާތަނަށް އެ ގައުމު ކުޅުނު 10 މެޗުން ހޯދި 23 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި ބައްރުގެ ކޮލިފައިންގެ ގްރޫޕް ޑީގެ ދެވަނައިގައި އޮތީ ވަރުގަދަ ކެމަރޫނެވެ. އެއީ ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކު އެވެ.

ވޯލްޑްކަޕުގެ ޖާގަ އެ ޓީމުން ކަށަވަރުކުރީ އެސްވަޓިނީ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ރާއްޖެއާއި އަވައްޓެރި ސްރީ ލަންކާއިން ގެންގުޅޭ އުސޫލު ކަމަށްވާ ގައުމުން ބޭރުގައި ކުޅޭ އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ކޭޕް ވާޑޭ އިން ވޯލްޑްކަޕަށް ކޮލިފައިވުުމުގެ މަސައްކަތް ފެށީ މީގެ ފަސް އަހަރުކުރިންނެވެ.

މައިގަނޑު ގޮތެއްގައި ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންނާއެކު އެކުލަވާލި ކޭޕް ވާޑޭ ޓީމުން ވަނީ މި ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަ ފައިނަލުން އެ ގައުމު ވަނީ ޖާގަ ހޯދާފައެވެ.

ކޭޕް ވާޑޭ ވަނީ މިފަހަރުގެ ކޮލިފައިންގައި ކެމަރޫން 1-0 އިން ބަލިކޮށްފައެވެ. ސްޓާރުންގެ މައްޗަށް އެކުލެވޭ ކެމަރޫނަށް ކޭޕް ވާޑޭއާ ދެކޮޅަށް ކުޅެން ޖެހުނީ އުނދަގޫ މެޗެކެވެ.

comment ކޮމެންޓް