އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ތުހުމަތު: ގޮތް ނޭނގޭ ފައިސާއިން 15 މިލިއަންގެ އެސެޓް އުފެއްދި

އެސިސްޓެންޓް ކޮމިޝަނަރު ދާއޫދު: އޭނާއަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ވަނީ އަމާޒުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން ވަނީ ޚާއްސަ ސަބް ކޮމިޓީއެއް އެކުލަވައިލާފައެވެ.

އެ މައްސަލަ ދިރާސާކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ނާޒިމް ވިދާޅުވީ، ފުލުހުންނަށް ތުހުމަތުކުރެވޭ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއްގެ ހެކިތައް ވެސް ލިބިފައި އެބަހުރި ކަމަށެވެ. އެ ގޮތުން، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަތައް ފުލުހުން ވެސް ބެލި ކަމަށާއި އެކަމަކު ވަކި ހިސާބަކުން އެކަން ނިންމާލާފައި އޮތީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި އޭނާ ހިއްސާ އޮންނަ އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުންނާއި އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުކުރާއިރު ސޯސް އޮފް ފަންޑް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކޮށްފައިވޭ،" ކޮމިޓީގައި އޭނާ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ދާއޫދުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަތްކަމަށް -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވެސް ދާއޫދުގެ ނަން އޮތެވެ.

މީގެ އިތުރުން، މއ. ތަޅަމުދިގޭ 10 ބުރިއަށް އިމާރާތްކުރަން ވެސް ދާއޫދު އިންވެސްޓްކޮށްފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން، ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ހަބީބާއި ދާއޫދު ބައިވެރިވެގެން ދެ މީހުންގެ އަނބިންގެ ނަމުގައި ހަސަން ތައުފީގު ކިޔާ އަމިއްލަ މީހަކާ ގުޅިގެން އެ ގެއަށް 10.5 މިލިއަން ރުފިޔާ އިންވެސްޓްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން އެނގުނީ ނޮވެންބަރު 2016 އިން ފެށިގެން ތަޅަމުދިގޭގެ ކުލި ދާއޫދާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވެފައިވުމުންނެވެ.

އެއަށް ފަހު، ދާއޫދު އެފްޑަބްލިއު ރެސިޑެންސުން ވެސް 4.1 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ބައްލަވައިގެން ކަމަށާއި އެކަން ކުރީ އާއިލާ މެންބަރެއްގެ ނަމުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި، މިހާރު އެ އެޕާޓްމަންޓް ދާއޫދުގެ ދަރިފުޅެއްގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

https://sun.mv/196842

"14.6 މިލިއަން ރުފިޔާގެ އެސެޓްސް ކްރިއޭޓްކޮށްފައި މިވަނީ. މި އެސެޓްސްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" ނާޒިމް ވިދާޅުވިއެވެ.

އޭސީޕީ ދާއޫދާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ދެން ހުރި މައުލޫމާތަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސިއްރު ރިޕޯޓަކުން ނަގާފައިވާ މައުލޫމާތުކަމުން އެ ވާހަކަތައް ނާޒިމް މިއަދު ހިއްސާކުރައްވާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވާ ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި ސެޕްޓެންބަރު 17، 2024 ގައެވެ. މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދައިކުރައްވައިފައެވެ. އަދި، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފައެވެ.

comment ކޮމެންޓް