އިނގިރޭސިވިލާތުން "ފްރީ ޓްރޭޑް" އެއްބަސްވުމަށް އަމަލުކުރަން ފަށާނެކަމުގެ ޔަގީންކަން ދީފައިވާކަމުގެ އެއްވެސް ލިޔެކިއުމެއް ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވުމުން، މި ސަރުކާރުން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު "ދެކެވޭ ފްރީ ޓްރޭޑްގެ ވާހަކަތައް އޮއްބާލީ" ކަމަށް ކުރި ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް ވިދާޅުވެ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު "މަޝްވަރާކުރެވުނު" ފްރީ ޓްރޭޑް އެއްބަސްވުމަށް މި އަހަރު "އަމަލުކުރަން ނިންމާފައިވަނީ ކޮން މަރުހަލާއެއްގައިތޯ" ސުވާލުކުރައްވައިފައެވެ.
ޖަވާބުގައި ސައީދު ވިދާޅުވީ، އިނގިރޭސިވިލާތާ އެކު ފްރީ ޓްރޭޑް އެއްްބަސްވުމެއް ހަދަން ހުށަހެޅީ ވިލާތުގެ އިއްތިހާދުން އެ ގައުމު ވަކިވާން ހުށަހެޅުމުން އޮކްޓޯބަރު 16، 2016 ގައި ޚުދު އޭނާ ސޮއިކުރައްވައި ކަމަށާއި، އޭރު ވިލާތުގެ އިއްތިހާދުގައި އިނގިރޭސިވިލާތް އޮތްއިރު ނަގަމުން ދިޔަ 24 ޕަސެންޓުގެ ޓެރިފް ބްރެކްސިޓަށް ފަހު 20 ޕަސެންޓަށް އެ ގައުމުން ތިރިކޮށްފައިވާ ކަމަށެވެ.
މިއީ ޕްރެފަރެންޝަލް އެއްބަސްވުން ނުހުންނަ ހުރިހާ ގައުމަކުން ވެސް އިނގިރޭސިވިލާތުން ނަގަމުން އަންނަ ޓެރިފެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އެއާއެކު، މި އަހަރު ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން އިނގިރޭސިވިލާތުން ފަށާނެކަމުގެ ޔަގީންކަން ދިން ކަމުގެ އެއްވެސް މައުލޫމާތެއް، މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައީދުގެ ޖަވާބާ ގުޅިގެން 'އެކްސް'ގައި މީކާއީލް ލިޔުއްވި ގޮތުގައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތާ އެކު "ބާއްވަމުން އައި" ފްރީ ޓްރޭޑް އެއްބަސްވުމުގެ ވާހަކަތައް ހުއްޓާލައިފައެވެ. އަދި، އެ ގައުމަށް ރާއްޖޭން ބޭރުކުރާ މަހުގެ ޓެރިފް މި ސަރުކާރުގައި ކުޑަވާނެކަމުގެ އުންމީދެއް ނެތް ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.
ނަމަވެސް، މީކާއީލް ޕޯސްޓުކުރެއްވީ ސައީދު ދެއްވި ޖަވާބު އޮޅުން އަރާ ގޮތަށް ކަމަށް ލިޔުއްވައި، އޭނާ ވަނީ މީކާއީލަށް ރައްދުދެއްވައިފައެވެ.
މީގެ އިތުރުން ހަމަ އޭނާއަށް ރައްދުދެއްވައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ލިޔުއްވި ގޮތުގައި ރާއްޖޭން ބާނާ ކަޅުބިލަމަހާއި ކަންނެލި އިނގިރޭސިވިލާތަށް އެތެރެކުރުމަށް ނަގާ ޓެރިފް ކަނޑާލުމާގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް އެބަ ދެއެވެ. އަދި، ރައީސް އިނގިރޭސިވިލާތަށް ވަރަށް ފަހުން ކުރެއްވި ދަތުރުފުޅަކީ އެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖެއިން އިނގިރޭސިވިލާތާއި އެ ނޫން ވެސް ވިލާތުގެގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމުގެ ނުވަތަ ކުޑަ ކުރާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.
"ސަން"އާ ވާހަކަދައްކަވަމުން ފައްޔާޒް މީގެ ތިން އަހަރު ކުރިން ވިދާޅުވީ، އިނގިރޭސިވިލާތަށް ފޮނުވާ މަހުން ޑިއުޓީ ކަނޑައިލާނެ ސީދާ ތާރީޚެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، މަހުން ނަގާ ޑިއުޓީ ކަނޑާލުމާ ބެހޭ ގޮތުން އިނގިރޭސިވިލާތާއި، ވިލާތުގެ އެހެން ގައުމުތަކާ އެކުގައި ވެސް މަޝްވަރާ ކުރަމުން އަންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ.