ބާރަށް ދުއްވި ސައިކަލަކުން ޖެހި، 11 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

އެމްބިއުލާންސެއް: ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި 11 އަހަރުގެ ކުއްޖަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި 11 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އަމީނީމަގުގައި ހުންނަ ރެހެންދި ފުލެޓުތައް ކައިރީ ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:33 ހާއިރު ކަމަށެވެ.

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި، އޭގެ ތެރެއިން ސައިކަލެއްގެ ފަހަތުގައި އިން ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އެއީ 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކުޑަ ކުއްޖާއިން ސައިކަލުގައި ޖެހިގެން ކަމަށެވެ.

އެހެންވެ، ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 2،345 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ފާއިތުވި ހަފުތާ ތެރޭގައި ވެސް މާލޭއާއި ބްރިޖު އަދި ހައިވޭގައި 40 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.

comment ކޮމެންޓް