ޒާޔާއާއި ޝިމަންގެ ވީޑިއޯ ލީކްވި މައްސަލަ އެމްޑީޕީން އިދާރާތަކަށް ހުށަހަޅައިފި

އެމްޑީޕީގެ ދެ އަންހެން މެންބަރުން ކަމުގައިވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި ޢާއިޝަތު ޝިމަން އަހުމަދު ---

އެމްޑީޕީގެ ދެ އަންހެން މެންބަރުންގެ ފޯނުގައިވާ ޒާތީ ވީޑިއޯއާއި ފޮޓޯތައް ލީކްވި މައްސަލައިގައި ފުލުހުންނާ ދެކޮޅަށް ކަމާ ގުޅުންހުރި އިދާރާތަކަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)އާއި އެމްޑީޕީގެ ޒުވާނުންގެ ވިންގުގެ މެންބަރު ޢާއިޝަތު ޝިމަން އަހުމަދު ފޯނު ފުލުހުން ހިފެހެއްޓީ ތަފާތު ދެ މައްސަލައެއްގައެވެ. ދެ މީހުންގެ ފޯނުގައި ވެސް ހުރި ޒާތީ މައުލޫމާތު، ފުލުހުން އަތުގައި ފޯނު އޮއްވާ ލީކްވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެމްޑީޕީގެ ދެ އަންހެން މެންބަރުންގެ ފޯނު ފުލުހުން އަތުލައިގަނެ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކާކުކަން ނޭނގޭ އެކައުންޓްތަކެއް މެދުވެރިކޮށް އެ ދެ އަންހެނުންގެ ޒާތީ ފޮޓޯތައް އާންމުންނަށް އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ ޝިމަން ދިރިއުޅޭ ގޭގެ ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން ވަށާލައި، އޭނާގެ މޯބައިލް ފޯނު، ކޯޓު އަމުރު ހުށަހެޅުމެއް ނެތި އަނިޔާވެރި ގޮތަކަށް އަތުލައިގެން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އެމްޑީޕީން ތުހުމަތުކުރި ގޮތުގައި ގަޑިއެއްހާއިރުގެ ތެރޭގައި އެކްސްގައި ކާކުކަން ނޭނގޭ އެކައުންޓެއް އުފައްދާ، ޝިމަންގެ ޒާތީ ފޮޓޯތައް ޕޯސްޓްކުރުމުގެ ކުރިން އޭނާއަށް އިންޒާރު ވެސް ދީފައިވެއެވެ.

މިއީ އޭނާގެ މަސައްކަތުން ފަހަތަށް ޖެހެން ޑިމާންޑްކޮށް، އޭގެ ފަހުން ސޯޝަލް މީޑިއާގައި އާންމު ކުރި ފޮޓޯއެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، ސްކޫލު ދޮށަށް އޭނާގެ ދަރިފުޅު ބަލައި ގޮސް ހުއްޓާ، ޒާޔާގެ ފޯނު މިދިޔަ ހަފުތާގައި ހިފެހެއްޓީ އަންގާރަ ދުވަހު ފޭސްބުކްގައި އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިއީ ވެސް ފުލުހުން ބިރުދައްކާ އުޅޭވަރު ހާމަވާ ކަމެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އޭގެ ފަހުން ޝިމަންގެ ލީކްތަކާ ގާތްގަނޑަކަށް އެއްގޮތް ގޮތަކަށް ޒާޔާގެ ފޯނުން ވެސް އޭނާގެ ޒާތީ ވީޑިއޯތައް ލީކްކުރީ ކާކުކަން ނޭނގޭ "އެކްސް" އެކައުންޓެއް ބޭނުންކޮށްގެން އިންޒާރު ދިނުމަށް ފަހުގައި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި، އެންމެ ފަހުން ޒާޔާގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތައް ވެސް އެ އެކައުންޓުން އާންމުކޮށްފައިވާ ކަމަށް ޒާޔާ ބުނެފައިވެއެވެ. ޒާޔާ ވެސް ވަނީ ފުލުހުންގެ އަތަށް އޭނާގެ ފޯނު ދިނުމުގެ ކުރިން މިހާތަނަށް އޭނާގެ އެއްވެސް ޒާތީ ވީޑިއޯއެއް އަދި ފޮޓޯއެއް ވެސް ލީކްވެފައިނުވާކަން ފާހަގަކޮޮށްފައެވެ.

https://sun.mv/212554

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ޝިމަން ވަނީ އޭނާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް މުޅި މުއްދަތުގައި ފޯނުން ހިނގާ ހަރަކާތްތަކާ ގުޅޭ ލޮގްތަކުން ދައްކާ ގޮތުގައި 30 މިނެޓަށް ވުރެ ގިނައިރު ފުލުހުން ޝިމަންގެ ފޮޓޯތައް ބަލާފައިވާ ކަމަށް ބުނެފައެވެ. އޭނާގެ މައްޗަށް ދައުވާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ދައުވާކުރުމަށް ތާއީދުކުރާ ހެކިތަކެއް ވެސް ނެތް ކަމަށް ޝިމަންއާއި އޭނާގެ ގާނޫނީ ވަކީލަށް ފުލުހުން އަންގާފައިވެއެވެ. ފޯނުގެ ކޮންޓެންޓްތަކަށް ވަދެފައިވާކަމުގެ ސާފު ހެކި ހުރި ކަމަށާއި، މި އަމަލުތަކަކީ ފާޅުކަން ބޮޑު ގޮތެއްގައި ބިރުދެއްކުމުގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

އެ ޕާޓީގައި ބަޔާނުގައި ބުނީ، ފުލުހުން މި ކަމުގެ ޒިންމާ ނެގުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.

https://sun.mv/212419

އެ ކަންތައްތަކަކީ ގާނޫނުއަސާސީއަށް ގޮންޖަހައި ކުރާ މަލާމާތެއްގެ ގޮތުގައި ސިފަކޮށް އެމްޑީޕީން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޕާޓީން ބުނީ، މި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ފުލުހުންނަށް އިންޒާރުދޭ މޭރުމެއްގައި ފޭސްބުކްގައި ޕޯސްޓެއް ކުރި ކަމަށް ބުނެ ޒާޔާގެ ފޯން ފުލުހުން ހިފެހެއްޓި ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކުރައްވަން ގޮވާލާ މޭރުމުން ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ޝިމަންގެ ފޯން ފުލުހުން ވަނީ ހިފަހައްޓާފައެވެ. ފުލުހުން ވަނީ ދާދި ފަހުން ދެ މީހުންގެ ފޯންތައް އެ މީހުންނަށް އަނބުރާ ރައްދުކޮށްފައެވެ.

comment ކޮމެންޓް