ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް، ޓޫ އޮފް އަސްއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމްގެ ލަވައެއް ހިމެނޭ "ދަ ވޯލްޑް އަލްބަމް"، ބިލްބޯޑް މެގަޒިންގެ ގްރެމީ ކޮންޓެންޑާސް އިޝޫއިން ޖާގައެއް ހޯދައިފިއެވެ.
ލަވައާއި މިއުޒިކާ ގުޅުންހުރި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑްސްއަށް ވާދަކުރުމަށް ހުޅުވާލުމުން، އެ އެވޯޑަށް ވާދަކުރުމަށް ހުށަހެޅި ފަންނާނުންނާއި ބޭންޑްތައް ދައްކުވައިދޭ ގޮތަށް، ބިލްބޯޑް މެގަޒިންއެއް ވަނީ ނެރެފައެވެ.
އެ މެގަޒިންގައި، އަދުހަމްގެ ލަވަ ހިމެނޭ 'ދަ ވޯލްޑް އަލްބަމް'ގެ މައުލޫމާތު ވެސް ހިމަނައިފައިވެއެވެ. އެއީ ބެސްޓް ގްލޯބަލް މިއުޒިކް އަލްބަމަށް ކުރިމަތިލި ފަންނާނުންގެ ތެރޭގައެވެ.

އަދުހަމްގެ ލަވައެއް ހިމެނޭ 'ދަ ވޯލްޑް އަލްބަމް'، ބިލްބޯޑް މެގަޒިންގެ ގްރެމީ ކޮންޓެންޑާސް އިޝޫގައި --
އެ އަލްބަމް ތައްޔާރުކޮށްފައިވަނީ އެމެރިކާގެ ރެކޯޑް ޕްރޮޑިއުސަރެއް ކަމަށްވާ ބްރެންޑަން ބެކްވިތު އުފެއްދި، އިންޓަނޭޝަނަލް އާޓިސްޓްސް ޕްރޮޖެކްޓުގެ ދަށުންނެވެ. އެ އަލްބަމުގައި، އެކި ގައުމުތަކަށް ނިސްބަތްވާ މީހުން 93 ބަހަކުން ކިޔައިފައިވާ، 200 ލަވަ ހިމަނައިފައިވެއެވެ.
View this post on Instagram
އޭގެ ތެރޭގައި އަދުހަމް ކިޔައިފައިވާ އަމިއްލަ ރާގުގެ ލަވައެއް ވެސް ހިމެނެއެވެ. އެ ލަވަ ލިޔެ، ކޮމްޕޯސްކޮށް ލަވައިގެ މެލޮޑީ ހެދީ ވެސް އޭނާ އެވެ.
އަދުހަމް ވަނީ، އެ ފަދަ ތާރީޚީ މަސައްކަތެއްގައި ރާއްޖެ ތަމްސީލުކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެތައް ގައުމެއްގެ މިއުޒިކް ގުޅުވައި ދޭ އަލްބަމެއްގައި މަސައްކަތް ކުރެވުމަކީ ލިބުނު ފަޚުރެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.
އަދުހަމް ވަނީ އޭނާގެ ބޭންޑާއެކު ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައި ޕާފޯމްކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކޮށްފައެވެ.
މީގެ އިތުރުން، ގްރެމީ އެވޯޑު ހޯދާފައިވާ އެތައް ޕްރޮޑިއުސަރުންނެއް މަސައްކަތްކުރާ ބިޔޯންޑް މިއުޒިކް ޕްލެޓްފޯމާ އޭނާ ވަނީ ގުޅިފައެވެ.