އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ ދެވަނަ ލެގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ތަޖިކިސްތާނު އަތުން 3-0އިން ބަލިވެއްޖެއެވެ.
ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ބަލިވި ނަމަވެސް ދިވެހި ޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ދަނޑުމަތީގައި ހިތްވަރުކޮށްފައިވެއެވެ.
މިއީ އަމިއްލަ ގައުމުގައި ރަސްމީ ފުޓުބޯޅަ މެޗެއް ނުކުޅޭތާ 733 ދުވަސްފަހުން ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އެންމެފަހުން ގައުމީ ޓީމުން ރަސްމީ ފުޓުބޯޅަ މެޗެއް ކުޅުނީ 2023 ގައެވެ.
މެޗު ފަށައިގެން ރާއްޖެ ޓީމަށް ހަމަނޭވާ ނުލެވެނީސް ތަޖިކިސްތާނުން ވަނީ ލީޑު ނަގައިފައެވެ. މިއީ މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ދިވެހި ޓީމުގެ އޭރިއާ ތެރެއިން ޑިފެންޑަރު މުހައްމަދު އިރުފާން އަތުގައި ޖެހުނު ބޯޅައާއެކު ތަޖިކިސްތާނަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖެއާއި ތަޖިިކިސްތާނު ކުޅުނު މެޗުގެ ތެރެއިން--
ތަޖިކިސްތާނުގެ އުމަރްބައެވް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ދިފާއުކުރިނަމަވެސް އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ދިޔަ ބޯޅަ، ގޯލުގެ ތެރެއިން ފޮނުވާލައިގެން އެ ޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަފަރޮވްއެވެ.
މެޗުގައި ރާއްޖެ ޓީމަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަހުމަދު އައިހަމަށެވެ. މުޅި ތަޖިކިސްތާނުގެ ފަހަތް ފޫއަޅުވާލުމަށްފަހު އޭނާގެ ހުރަހަކަށްވީ ކީޕަރެވެ. އެއަށްފަހު ވެސް ދިވެހި ޓީމަށް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފެނުނީ ނިންމާނުލެވި އުޅުނު ތަނެވެ.
ތަޖިކިސްތާނުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޝެރްވޮނީ އެވެ. އަދި ތިން ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އޭނާއެވެ.
ރާއްޖެއާއި ތަޖިކިސްތާނު ކުޅުނު ފުރަތަމަ ލެގު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ތަޖިކިސްތާނުންނެވެ. ދެ މެޗުގެ އެގްރިގޭޓް ނަތީޖާއަކުން ތަޖިކިސްތާނު މޮޅުވީ 5-0 އިންނެވެ.
މި ނަތީޖާއާއެކު ތަޖިކިސްތާނު އެއްވަނައިގައި އޮތީ ޖުމްލަ 10 ޕޮއިންޓާއެކުގައެވެ. މިއީ އެ ޓީމަށް ކޮލިފައިންގައި ލިބުނު ބޮޑު ހިތްވަރެކެވެ.
ރާއްޖެ ޓީމަށް މިހާތަނަށް ކޮލިފައިންގައި މޮޅެއް ނުލިބެއެވެ. ނަމަވެސް މިއަދުގެ މެޗަކީ ދިވެހި ޓީމުން ގިނަ ކަންތައްތަކެއް ރަނގަޅުކޮށް، ހިތްވަރުކުރި މެޗެކެވެ.
ކޮލިފައިންގައި ރާއްޖެއަށް ދެން އޮތީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައެވެ.
 
											
										 
					 
                