ގޫގުލް މީޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ މޭކަޕް ފީޗާއެއް ތައާރަފުކޮށްފިއެވެ.
މިއީ މީޓިންއަކަށް ތައްޔާރުވާއިރު މޭކަޕް ނުކުރެވޭ ހާލަތްތަކުގައި ބޭނުންކުރެވޭނެ ފީޗާއެކެވެ. މިއާއެކު ވާދަވެރި އެހެން ވީޑިއޯ ކޮންފަރެންސިން އެޕްލިކޭޝަންތަކާ ވާދަކުރުމުގެ ގާބިލިއްޔަތު ގޫގުލް މީޓަށް އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިފަދަ ފީޗާތައް އެކުލެވޭ އެހެން އެޕްތަކުގެ ތެރޭގައި މައިކްރޮސޮފްޓް ޓީމްސް އަދި ޒޫމް ފަދަ އެޕްތައް ހިމެނެއެވެ.
ގޫގުލް މީޓުން އަލަށް ތައާރަފުކުރި މި ފީޗާގައި 12 ވަރަކަށް މޭކަޕްގެ ބާވަތް ނެގުމުގެ ފުރުސަތު ދެއެވެ. މި ފީޗާ ހުންނާނީ "އެޕިއަރަންސް" ސެކްޝަންގެ ދަށުން "ޕޯޓްރެއިޓް ޓަޗް-އަޕް"ގައި ހިމެނިފައެވެ.
މި "ޕޯޓްރެއިޓް ޓަޗް-އަޕް"އަކީ 2023 ވަނަ އަހަރު ތައާރަފުކުރި ފީޗާއެކެވެ. މީގެ ތެރޭގައި ކޮމްޕްލެކްޝަން ރީތިކުރުމާއި، ބުމައާއި ލޮލުގެ ރަވައިގެ ކަޅުކަން ފިލުވުމާއި، އަދި ލޯ ހުދުކުރުން ނުވަތަ އަޅިކުލައަށް ބަދަލުކުރުން ފަދަ އޮޕްޝަންތައް ހިމެނެއެވެ.
ގޫގުލްއިން ބުނާގޮތުގައި، މި ފީޗާގައި ވާޗުއަލް މޭކަޕް ހުންނާނީ ޔޫޒާ ހަރަކާތްތެރިވިޔަސް ހަރަކާތްތެރިނުވިޔަސް އެއްގޮތަކަށް ހިފެހެއްޓިފައެވެ. އެހެންކަމުން މޭކަޕް އެކި ދިމަދިމާލަށް ކަޑައިގެން ދިއުން ފަދަ ކަންކަން މެދުވެރިއެއް ނުވާނެއެވެ.
މި ފީޗާ ހުންނާނީ ޑިފޯލްޓްކޮށް ޑިސޭބަލްކޮށްފައެވެ. އެކަމަކު، ޔޫޒާ ބޭނުންވާނަމަ ވީޑިއޯ ކޯލެއް ފެށުމުގެ ކުރިން ނުވަތަ ކޯލެއް ކުރިއަށްދާއިރު ވެސް މީ ފީޗާ އެނޭބަލް ކުރެވިދާނެއެވެ. މިގޮތުގެ މަތިން އެއް ފަހަރު ނަމަވެސް މޭކަޕް ސްޓައިލެއް އެޕްލައި ކޮށްފިނަމަ، ގޫގުލް މީޓުން އެ ހޮވުންތައް އޭގެ ފަހުން ކުރާ ކޯލްތަކަށް ނުވަތަ މީޓިންތަކަށް ވެސް ހަނދާން ބަހައްޓާނެއެވެ.
މި އާ އޭއައި ފީޗާ މޯބައިލް އަދި ވެބް ވާޝަންގައި އާއްމުކޮށް ދޫކުރަން ފަށާފައިވަނީ މި މަހު އަށްވަނަ ދުވަހުއެވެ.
ގޫގުލް މީޓަކީ ގޫގުލްއިން ތަރައްގީކޮށްފައިވާ ވީޑިއޯ ކޮމިއުނިކޭޝަން ސާވިސްއެކެވެ. މިއީ ކުރިން ހޭންގްއައުޓްސް މީޓްގެ ނަމުގައި އޮތް އެޕްލިކޭޝަނެކެވެ. މައިކްރޯސޮފްޓް ޓީމްސް އަދި ޒޫމް ފަދަ ވާދަވެރި އެޕްތަކާ ވާދަކުރުމުގެ ގޮތުން ގޫގުލްއިން އަބަދުވެސް އަންނަނީ މީޓަށް އާ ފީޗާތައް އިތުރުކުރަމުންނެވެ.