އިންތިހާއަށް ޑިއުޓީ ބޮޑުކުރީމާ ސިނގިރޭޓުގެ ވަގު ވިޔަފާރި އިތުރުވާނެ: ނަޝީދު

ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނު ވިދާޅުވީ، އިންތިހާއަށް ޑިއުޓީ ބޮޑުކުރީމާ ސިނގިރޭޓުގެ ވަގު ވިޔަފާރި އިތުރުވާނެ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިނގިރޭޓުން ނަގާ ޑިއުޓީ އިންތިހާއަށް އުފުލުމުން، ވަގު ވިޔަފާރި އިތުރުވާނެ ކަމަށާއި އެއީ އެހެން ގައުމުތަކުގެ ތަޖުރިބާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން، 13 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފައި ހުއްޓާ އެ ތަކެތި ވަގަށް ނެގި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ.

އެ މައްސަލައިގައި ރޭ ފުލުހުން ވަނީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައެވެ.

https://sun.mv/212672

އެ ވާހަކަ ދެކެވެނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިމްޕޯޓު ޑިއުޓީ މަތިކުރުމުން ސްމަގްލިން އިތުރުވާކަން އެއީ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް ސާފުކޮށް ފެންނާން އޮތް ހަގީގަތެއް ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރައްވަނީ މީގެ ކުރިން ވެސް އެކިއެކި ތަކެތީގެ އަގު އިންތިހާއަށް ބޮޑުކުރި ގައުމުތަކުގައި އެ ތަކެތީގެ ވަގު ވިޔަފާރި އުފެދުނު ވާހަކައަށެވެ.

"ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/211710

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ބޮޑުކުރުމުން ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު ވަނީ ބާޒާރުގައި ވިއްކަން ފަށާފައެވެ. އެގޮތުން، ދޭތެރެދޭތެރެއިން ވަގު ސިނގިރޭޓު ޝިޕްމަންޓްތައް އަތުލައިގެން ނަމަވެސް، އެ ތަކެތި އަބަދު ވެސް ބާޒާރުގައި ލިބެން ހުރެއެވެ.

މި ފަހުން އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެއެވެ.

އެކަމަކު، ޑިއުޓީ ބޮޑުކުރި ނަމަވެސް ކަޅު ބާޒާރުގައި ވަގަށް ވިއްކާ ސިނގިރޭޓު ވަރަށް އަގުހެޔޮކޮށް ވިއްކައެވެ. އެހެންވެ، ދައުލަތަށް އިމްޕޯޓު ޑިއުޓީންނާއި ސިނގިރޭޓުގެ އެކިއެކި ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ ކުރިިއާ އަޅައިބަލާއިރު ވެއްޓިފައެވެ.

comment ކޮމެންޓް