ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް އޮތް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީން ވަނީ ކުރިން ހުއްދަ ހޯދުމަކައިނުލާ ކޮންމެ މީހަކުމެ، ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދީފައެވެ.
އެކަމަކު، އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފައެވެ. ގާނޫނު އޮތް ގޮތުން ކުރިން ހުއްދަ ނެގުމަކައިނުލާ އެއްވެވެނީ ބައެއް ސަރަހައްދުތަކަށެވެ. އަދި، އެ ނޫން ތަންތަނަށް އެއްވާން ބޭނުންނަމަ، ކުރިން ހުއްދަ ހޯދަންޖެހެއެވެ. އެހެންވެ، އަބަދު ވެސް އިދިކޮޅުގައި ތިއްބަވާ ބޭފުޅުންގެ ކަންބޮޑުވުން އެ ކަމުގައި އޮވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވަނީ އެ ކަމާ ގުޅިގެން އުޝާމާ ސުވާލުކުރައްވާފައެވެ. އޭނާ އެއްސެވީ، އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް އުޝާމް ކުރިން ވިދާޅުވެފައިވާތީ، އެ ގާނޫނު އުވާލާނެތޯއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގައި އުޝާމް މިއަދު ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް ކަމަށެވެ. އެހެންވެ، އެކަން ކުރިއަށް ގެންދާނެ ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން އެ އިސްލާހު މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، ގެންނާނެ އިސްލާހުތަކާ ގުޅޭ އެއްވެސް ތަފުސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.
ބަންޑާރަނައިބު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އުޝާމް ވަނީ ކުރިން ހުއްދަ ނެގުމަކައިނުލާ އެއްވެވޭނީ ވަކި ސަރަހައްދުތަކަކަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަމަކު، މި ސަރުކާރަށް ދެ އަހަރުވާން ކައިިރިވިއިރު އެ ގާނޫނު މިހާތަނަށް އިސްލާހުކޮށްފައެއް ނުވެއެވެ.
މީގެ ކުރިން އޮތްގޮތުން ކުރިން އެންގުމަކައިނުލާ އެއްވެވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. އެކަމަކު، މި ސަރުކާރުގައި ވަނީ އެ ލިސްޓަށް ރަސްފަންނު ސަރަހައްދާއި އުސްފަސްގަނޑު ވެސް އިތުރުކޮށްފައެވެ.