ކާބުލް (15 އޮކްޓޯބަރު 2025): އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގައި އެ ދެ ގައުމުގެ ސިފައިން އަނެއްކާ ވެސް ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
ރޭ ބަދަލުކުރި މި ހަމަލާތަކުގައި އަފްޣާން އާންމުންގެ 15 މީހުން މަރުވެ, 80 އަށް ވުރެ ގިނަ މީހުން ޒަޚަމުވިކަމަށް އަފްޣާން މަސްއޫލުވެރިއަކު ވިދާޅުވިއެވެ. އަފްޣާން ސަރުކާރުގެ ރަސްމީ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ތުހުމަތުކުރެއްވި ގޮތުގައި ޕާކިސްތާން ސިފައިން ގެންދަނީ ބަރު ހަތިޔާރާއި މެދުފަންތީގެ ހަތިޔާރު ބޭނުންކޮށްގެން ސަރަހައްދީ ރޮނގު ހުރަސްކޮށް އަފްޣާނިސްތާނަށް ގިނަ ހަމަލާތައް ދެމުންނެވެ.
ހަމަލާތައް ދެނީ އަފްޣާނިސްތާނުގެ ސިބިން ބުލްޑޮކް ސަރަހައްދުގައެވެ. މިއީ ދެ ގައުމުގެ ބޯޑަރާ ގުޅިފައިވާ ސަރަހައްދެކެވެ. ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި އަފްޣާން ސިފައިންނަށް ލިބުނު ގެއްލުންތަކާ ބެހޭގޮތުން އަފްޣާނިސްތާނުން އެއްޗެއް ނުބުނެއެވެ.
ފަރަންސޭސި ނޫސް އެޖެންސީ ބުނާގޮތުން ސަރަހައްދީ ރޮނގުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސިފައިން ބަދަލުކުރަމުން ގެންދާ ހަމަލާތައްދަނީ ވަރުގަދަވަމުންނެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ރޮނގު ހުރަސްކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކަށްވަނީ ބުރޫ އަރާފައެވެ.
މިއާއެކު ސަރަހައްދީ ރޮނގުގެ ބައެއް ހިސާބުތަކުގައި ވިޔަފާރީގެ މުއާމަލާތްތައް އެއްކޮށްވަނީ ހުއްޓުމަކަށް އައިސްފައެވެ. ސަރަހައްދީ ރޮނގުގައިވާ އަފްޣާން ވިލެޖްތަކުގެ އާންމުން ވެސް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ދާން ފަށާފައެވެ. މުޅި ސަރަހައްދުގައިވަނީ ބިރުވެރިކަމާއި ކަންބޮޑުވުމެވެ.
ޕާކިސްތާނުން ބުނާގޮތުން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕާކިސްތާން ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ހިމެނޭގޮތަށް ޕާކިސްތާނުގެ ހަނގުރާމަވެރި އެތައް ޖަމާއަތަކަށް އަފްޣާނިސްތާނުން ގެންދަނީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
މިގޮތަށް ތުހުމަތުކުރުމަށް ފަހު ޕާކިސްތާނުގެ ވައިގެ ސިފައިންވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވެސް ދާދިފަހުން ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އަމާޒުކުރީ އަފްޣާނިސްތާނުގައި ހާލި ހަދައިގެން އުޅޭ ޕާކިސްތާނުގެ ހަނގުރާމަވެރިންނަށް ކަމަށް ޕާކިސްތާނުން ބުނެއެވެ.
ޕާކިސްތާނުގެ ވައިގެ ސިފައިން ކާބުލްއަށް ދިން ހަމަލާތަކަށް ފަހު ދެ ގައުމުގެ ސިފައިން ވަނީ ސަރަހައްދީ ރޮނގުގައި މިދިޔަ ހޯމަ ދުވަހު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ދެ ގައުމުގެ ސިފައިން ބަދަލުކުރި މި ހަމަލާތަކުގައި ޕާކިސްތާނު ސިފައިންގެ 23 މީހަކާއި އަފްޣާން ސިފައިންގެ ނުވަ މީހުން މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލައިގައި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައިވާތާ މަސްތަކެއް ވެއްޖެއެވެ. އަފްޣާން ސަރުކާރުން ބުނާގޮތުން ރަސްމީ ލެވެލްއެއްގައި އަފްޣާނިސްތާނުން ޕާކިސްތާނުގެ ހަތިޔާރު އެޅި އެއްވެސް ޖަމާއަތަކަށް އެހީތެރިކަން ފޯރުކޮށެއް ނުދެއެވެ. ސަރަހައްދީ ރޮނގު ހުރަސްކޮށް ވަންނަނީ ވެސް ހަތިޔާރުނެތް ޕާކިސްތާނު މީހުން ކަމަށް އަފްޣާން ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އަފްޣާންގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ ވިދާޅުވި ގޮތުގައި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުންތައް ޚަރާބު ކުރަނީ ޕާކިސްތާނުގެ ބައެއް ޖަމާއަތްތަކުންނެވެ.
ރޭ ބަދަލުކުރި ހަމަލާތަކާ ބެހޭ ގޮތުން ޕާކިސްތާނުން ނެރުނު ބަޔާނެއްގައި ވާގޮތުން ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާން ސިފައިން ރޭ ހަމަލާދިނީ އަފްޣާނިސްތާނުގެ އެތެރޭގައިވާ ޕާކިސްތާން ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ތަނަކަށާއި އެ މީހުން ހަތިޔާރު ރައްކާކުރަން ބޭނުންކުރާ ތަންތަނަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.
 
											
										 
					 
                 
                                                            