ކެންޔާގެ ކުރީގެ ބޮޑުވަޒީރު ރައިލާ އޮޑިންގާ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ.
އޮޑިންގާ އަވަހާރަވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ހޯއްދަވަމުން ދަނިކޮށް އިިއްޔެއެވެ.
އަވަހާރަވީ ހެނދުނު ހިންގަވަން ނިކުންނަވައިގެން އުޅުއްވަނިކޮށް ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަވަހާރަވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އަދި އަވަހަރާވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ފާއިތުވި ހަފްތާތަކުގައި އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް، އާއިލާގެ މެމްބަރުންނާއި ސިޔާސީ އެކުވެރިން ވަނީ އޭނާ ހާލު ސީރިއަސް ކަމަށް ބުނާ ރިޕޯޓްތައް ދޮގުކޮށްފައެވެ.
އޮޑިންގާ އަވަހާރަވުމާ ގުޅިގެން ކެންޔާގެ ސިޔާސީ ބޭފުޅުންނާއި ދުނިޔޭގެ ލީޑަރުން ތައުޒިޔާ ފޮނުވަމުން އަންނައިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ އޮޑިންގާ އަކީ އިންޑިއާގެ ލޯބިވާ އެކުވެރިއެއް ކަމަށް ވިދާޅުވެފައެވެ.
ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ ނައިރޯބީގައި ހުންނަ އޮޑިންގާގެ އާއިލާގެ ގެއަށް ވަޑައިގެން އެމަނިކުފާނުގެ ހުވަފަތް އަނބިކަނބަލުން ޚަވާރިޖާ އައިޑާ އޮޑިންގާ އާއި އާއިލާގެ އެހެން މެމްބަރުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
ސިޔާސީގޮތުން އޮޑިންގާގެ ބާރު އޮންނަ ހުޅަނގު ކެންޔާ އާއި ނައިރޯބީގެ ބައެއް ހިސާބުތަކުގައި އެމަނިކުފާނަށް ތާއީދުކުރާ މީހުން ވަނީ މަގުމައްޗަށް ނުކުމެ ހިތާމަފާޅުކޮށްފައެވެ.
ކެންޔާގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެއް ކަމަށްވާ އޮޑިންގާ ވަނީ ފަސް ފަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި ނާކާމީޔާބީއާ ކުރިމަތިވެވަޑައިގަންނަވާފައެވެ. އޮޑިންގާ ވަނީ ކޮންމެ ފަހަރަކުވެސް ނަތީޖާ ގަބޫލުކުރުމާ ދެކޮޅު ހަދާފައެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ އިންތިޚާބަށް ފަހު ކެންޔާގެ އެންމެ މަތީ ކޯޓުން ވަނީ އުހުރޫ ކެންޔާޓާގެ ކާމިޔާބީ ބާތިލް ކަމަށް ކަނޑައަޅައި އާ އިންތިހާބެއް ބޭއްވުމަށް ގޮވާލައި އޮޑިންގާއަށް ތާއީދުކޮށްފައެވެ. ނަމަވެސް އޮޑިންގާ ވަނީ އިންތިހާބު އިސްލާހު ކުރުމަށް ޑިމާންޑް ކުރައްވައި، ދެވަނަ ބުރު ބޮއިކޮޓް ކުރައްވާފައެވެ.
ދެހާސް ހަތް ވަނަ އަހަރުގެ އިންތިޚާބަކީ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް އޮޑިންގާ ވިދާޅުވެފައިވާއިރު، އެއީ ކެންޔާގެ ތާރީޚުގައިވެސް އެންމެ ހަލަބޮލިކަން އުފެދުނު އިންތިޚާބެވެ.
އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިކަން ހިނގައި، 1،200 މީހުން މަރުވެ، ގާތްގަނޑަކަށް 600،000 މީހުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވިއެވެ.
މި ދަތިކަން ހައްލުކުރުމަށް ޓަކައި ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާންގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވައި، އެއްބަސްވުމެއް ހަދައި، އެއްބައިވަންތަ ސަރުކާރެއް އުފެދި، ބޮޑުވަޒީރު ކަމުގެ މަގާމާ އޮޑިންގާ ހަވާލުވެވަޑައިގެންނެވިއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު އިންތިޚާބުން ބަލިވެވަޑައިގަތުމުން ރައީސް ވިލިއަމް ރޫޓޯއާ ގުޅިވަޑައިގެން އޭނާގެ އެކުވެރިންނަށް ބައެއް މުހިންމު މަގާމުތައް ދިނެވެ.
އެމަނިކުފާނަކީ ޑިމޮކްރެޓިކް މިނިވަންކަމާއި އިންސާނީ ހައްގުތަކަށް ކެރިގެން ގޮވާލެއްވި ބޭފުޅެކެވެ.
އެމަނިކުފާނަކީ ކުރީގެ ސިޔާސީ ގައިދީއެކެވެ. ކެންޔާގައި އެންމެ ގިނަ ދުވަހު ބަންދުކޮށްފައި ހުރި މީހާގެ ރެކޯޑް ވެސް އޮތީ އޮޑިންގާގެ އަތްޕުޅުގައެވެ. އެމަނިކުފާނު ޖަލަށް ލާފައި ވަނީ އެއް ޕާޓީއެއްގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް އޭނާ ކުރި މަސައްކަތާ ގުޅިގެން ޑޭނިއަލް އަރަޕް މޮއިގެ ވެރިކަމުގައެވެ.