ކާބޯތަކެތި އުފައްދާ މީހުންނަށް ހިތްވަރުދީ، އެ މީހުންގެ މަސައްކަތަށް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ލިބޭނެ މަގުފަހިކޮށްދިނުމަކީ ޒިންމާއެއް ކަމުގައި ދެކުން މުހިންމު ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި ވަނީ، ދުވަހުގެ ތަހުނިޔާ ރައްޔިތުންނާއި އެމްޑީއޭގެ މެންބަރުންނަށް ފޮނުއްވާފައެވެ.
އެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ، ދުނިޔޭގެ ބަނޑޫހައިހޫނުކަމާއި ކާނާ ލިބުމުގެ ދަތިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ކާބޯތަކެތީގެ ނިޒާމުތަކާއި އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރި މުސްތަގުބަލެއް ގާއިމުކުރުމަށް ބާރު އެޅުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަކީ، "ރަނގަޅު ކާނާއާއި ފާގަތި މުސްތަގުބަލަކަށް، އަތާއި އަތް ގުޅާލުމާ،"އެވެ.
ސިޔާމް ވިދާޅުވީ، އެ ޝިއާރުގެ މުހިންމުކަމާ މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ.
އެގޮތުން، މިފަދަ ދުވަހެއްގައި އެންމެ އިސްކަން ދޭންވީ، އަހަރެމެން ބޭނުންކުރާ ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި، މިންގަނޑުތަކާ އެއްގޮތަށް ހައްދާ ކާބޯތަކެތި ކަމުގައި ހެދުމަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ސިއްހަތަށް ރައްކާތެރި ކާނާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދިނުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
ރާއްޖޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް މާކެޓު ލިބުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ހުރަސްތައް ނައްތާލުމަށާއި ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ފަސޭހައިން މާކެޓުކޮށް، އެ ފަރާތްތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުންނާއި ކަމާ ގުޅޭ އިދާރާތަކުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރަން،އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު
ސިޔާމް ވަނީ ސިއްހަތަށް ނުރައްކާވާ ފަދަ ކެމިކަލް މާއްދާތައް ކާބޯތަކެތި ހަދާއިރު ބޭނުންނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އެއާއެކު، ކާބޯތަކެތި އުފެއްދުމުގައި ތިމާވެއްޓާ ރައްޓެހި، ސިއްހަތަށް ފައިދާހުރި މުހިންމު ވަސީލަތްތައް ބޭނުންކުރުމަށާއި އެ ވަސީލަތްތަކުގެ ބޭނުން ފަސޭހައިން ހިފޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ، ދިވެހި އުފެއްދުންތައް މާކެޓަށް ނެރުމަށް ހުޅުވޭނެ މުހިންމު ދޮރެއްގެ ގޮތުގައި ސިޔާމް ސިފަކުރެއްވިއެވެ.
ކާބޯތަކެތި އުފައްދާ ފަރާތްތަކަކީ އަޅުގަނޑުމެންގެ އިގުތިޞާދުގެ މުހިންމު އެއްބައި ކަމުގައި ވީހިނދު، އެ ފަރާތްތަކަށް ހިތްވަރުދީ، އެ ފަރާތްތަކުގެ މަސައްކަތަށް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައި ދެކުން މުހިންމު،އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު
ކާބޯތަކެތީގެ ރައްކާތެރިކަމާ ފެންވަރު ހިފެހެއްޓުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭން ޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ސިޔާމް ވަނީ ކާބޯތަކެތި އުފައްދައި، ވިއްކާ މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުން މުހިންމު ކަމަށް ވެސް ވިދާޅުވެފައެވެ.
ހަމައެހެންމެ، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، އެ ގާނޫނުތައް ތަންފީޒުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ސިޔާމް ވަނީ ގޮވާލައްވާފައެވެ.
ޚިތާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާ އުފެއްދުންތެރިކަމަކީ ގައުމީ ސަލާމަތާ ގުޅިލާމެހިފައިވާ ކަމެއް ކަމަށްވީއިރު، އެ ދާއިރާ ކުރިއަރުވަން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ހުރިހާ އިދާރާތައް އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި، ރާއްޖެއަކީ ކާބޯތަކެތީގެ ރޮނގުން އަމިއްލަ ފުދުންތެރިކަން ލިބި، ސިއްހަތަށް ފައިދާ ހުރި ކާނާ ފަސޭހައިން ލިބެން ހުންނަ ގައުމަކަށް ހެދުމަކީ އަމާޒަކަށް ވާންޖެހޭކަން ސިޔާމް ފާހަގަކުރެއްވިއެވެ.