އަންނަ އަހަރު އާ މަޝްރޫއުތަކަށް 3 ބިލިއަން، ތައުލީމާއި ސިއްހަތަށް 1 ބިލިއަން ޚާއްސަކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުނަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް ހޭދަކުރާނެ ކަމަށާއި، އެގޮތުން އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށާއި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް އޭގެ ތިންބައިކުޅަ އެއްބައި ޚާއްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އާ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ކަނޑައަޅާ ތިން ބިލިއަން ރުފިޔާގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ތައުލީމީ މަޝްރޫއުތަކަށް، އަދި މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނެ ކަމަށެވެ.

"އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ކުރުމުގެ ގޮތުން ސަރުކާރުން ކަންތައް ކުރަން ޖެހޭނެ ގޮތަކީ، މިކަންކަން ކުރެވިގެެން ދިޔައީމަ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގަ ކަންކަން އެ ކޮށްދެވެނީ، ރައްޔިތުންނަށް އެންމެ ފުރިހަމަ މިނުގަ ކަންކަން އެ ކޮށްދެވެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަޖެޓު މިހާރު ގާތްގަނޑަކަށް ތައްޔާރުކޮށް ނިމިއްޖެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ހިންގައި، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ދުވަހަކު ނުދޭ ވަރަށް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެ، އޭގެ ތެރެއިން ބައެއް ކަންކަން ހިއްސާކުރެއްވިއެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ތައުލީމު ދެވޭނެ ނިޒާމެއް ހަމަޖައްސައި، ހުރިހާ ސްކޫލެއްގައި އިންކްލޫސިވް ކްލާސްރޫމްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވޮކޭޝަނަލް ސްކޫލު އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުތަކުން ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމަށް އެދެވޭ މަސައްކަތެއް ކޮށްފައި ނެތުމުން ބޭސް ފަރުވާއަށް ގިނަ ރައްޔިތުން ބޭރު ގައުމުތަކަށް ދާން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއާއަށް ސަރުކާރު ލެވެލްގައި ބަޖެޓުކުރެވިފައި ނެތް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ޕްރިވެންޓިވް ހެލްތު ކެއާ ތަރައްގީކުރަން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ އިގްތިސޯދު ނަގައި ކޮޅަށް ޖެހުމުގައި ސަރުކާރުން އަންނަނީ ކާމިޔާބު ހޯދަމުންނެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގަ މިހާރު ކަންބޮޑުވުން އޮތް ކަމެއްނޫން މި އަންނަ އަހަރު ދައްކަން އޮތް ދަރަނި ދެއްކުމުގަ، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ނެތް، އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެފަ އެހެރީ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ ކުރީ ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާއާ އެއްކޮށް، މި ސަރުކާރުންވެސް ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާތައް ދައްކައި ނިންމާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް