ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާގެ ބާވަތްތައް އަބަދު ވެސް ހެޔޮ އަގުގައި ބާޒާރުން ލިބޭނެ މަގު ފަހިކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އިއްޔެ ވަނީ އަސާސީ ކާނާގެ ގޮތުގައި ލިސްޓުކުރި 23 ބާވަތް ބާޒާރަށް ނެރެފައެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ވެސް ސަރުކާރުން އަމަލީ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ ވެސް ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށެވެ.
"ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން،" އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ ގައުމީ ފެންވަރުގައި މި ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ބާޒަރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން އަންނަނިކޮށް، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ސެޕްޓެންބަރު 10 ގައެވެ. އޭގެ ފަހުން، މިއަދު އެސްޓީއޯއިން ވަނީ އެ ތަކެތި ބާޒާރަށް ނެރެ، ވިއްކަން ފަށާފައެވެ.
އެ ކުންފުނިން ވިއްކާ ތަރުކާރީގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެއެވެ. އަދި، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ.
އެ ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން ވަނީ، މުގާއި ކުކުޅު ބިހާއި ކާށީގެ އިތުރަށް ރީނދޫ ވިއްކަން ފަށާފައެވެ.
އެސްޓީއޯއިން ބުނީ، އެ ބާވަތްތަކުގެ އަގު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު، އެސްޓީއޯއިން ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށާއި އެ ތަކެތީގެ އަގުތައް "އަގު މަގު" ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެއާއެކު، ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ޑިމާންޑު އޮންނަ ވަރަށް މި ތަކެތި ފަސޭހައިން ލިބޭނެ މަގުފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި، އަމާޒަކީ ސިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ގަނޑުކޮށް އެތެރެކުރަން ހަވާލުކުރި 23 ބާވަތުގެ ކާބޯތަކެތި މެދުނުކެނޑި އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ކުރިން ވަނީ ދީފައެވެ.
އެކަމަކު، ސަރުކާރު ވިޔަފާރި ކުންފުނިން އެކަން ކުރުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންވިޔަސް ސަރުކާރުން ވަނީ އެކަން ކުރާނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ބުނެފައެވެ.