ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަނީ

ކަސްޓަމްސް ބިލްޑިންގް: ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން ފަށަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން ފެށުމަށް އެކަމުގައި އަމަލުކުރާނެ އުސޫލެއް މިއަދު އާންމުކޮށްފިއެވެ.

މި އުސޫލުގައިވާ ގޮތުން، ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ހާމަކުރާނީ ވަކި ޝަރުތުތަކެއް ހަމަވުމަށް ފަހުގައެވެ. އެގޮތުން، އެ ނަންތަން ހާމަކުރާނީ ކަސްޓަމްސްއަށް ނުދައްކާ ހުރި ފައިސާ 10،000 ރުފިޔާއަށް ވުރެ އިތުރު ނަމައެވެ.

އުސޫލުގައި ވަނީ، ފައިސާ ނުދައްކާ މީހުންގެ މައުލޫމާތުތައް ހާމަކުރާނީ ގިނަ ކަންތައްތަކެއް ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް ފައިސާ ނުދައްކާ ހުރި މީހަކަށް ކަސްޓަމްސްއިން ލިޔުމެއް ފޮނުވާނެއެވެ.

އެ ލިޔުން ފޮނުވޭނެ ގޮތްތައް އުސޫލުގައި ވަނީ ކިޔައިދީފައެވެ. އެއީ، ދީފައިވާ އެޑްރެހަށް ލިޔުން ފޮނުވުމާއި ސީދާ ގޮތެއްގައި ލިޔުން ހަވާލުކުރުމާއި އެ މީހެއްގެ ނަމުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިޔުން ފޮނުވުމާއި ކަސްޓަމްއަށް ދީފައިވާ މެއިލްއަށް ނުވަތަ ފޯނު ނަންބަރަށް ލިޔުން ފޮނުވުން ހިމެނެއެވެ.

އެ އުސޫލުގެ ދަށުން އާންމު ކުރާނެ މައުލޫމާތުތަކަކީ:

  • ކަސްޓަމްސްއަށް ފައިސާ ދައްކަން ޖެހޭ މީހާގެ ފުރިހަމަ ނަން
  • ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު، އަމިއްލަ ފަރުދެއް ނަމަ، އެ މީހެއްގެ ނަމާއި ދާއިމީ އެޑްރެސް
  • ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރު، ގާނޫނީ ޝަޚުސެއް ނަމަ، އެ މީހެއްގެ ރަޖިސްޓްރީ ނަންބަރު
  • ދައްކަން ޖެހޭ ފައިސާގެ ބާވަތާއި ސަބަބު
  • އެހާތަނަށް ފައިސާ ނުދައްކާ އޮތް މިންވަރު

އެ މައުލޫމާތުތައް ކަސްޓަމްސްގެ ރަސްމީ ވެބްސައިޓާއި ގެޒެޓާއި ކަސްޓަމްސްގެ ރަސްމީ ސޯޝަލްމީޑިއާ ޕްްލެޓުފޯމުތަކުގައި އިއުލާނުކުރާނެއެވެ.

ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރު އާންމުކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އުސޫލުގައިވާ ގޮތުން، ނަން ހާމަކުރުމަށް އަމަލުކުރާ ކޮންމެ މަރުހަލާއެއްގައި މަދުވެގެން 15 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާތަކާއި ކަސްޓަމްސްއަށް ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެއްބަސްވެ، އެކަން ކުރަމުން އަންނަ މީހުންނާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ އިތުރަށް ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގާ ފަރާތްތައް ނަން ހާމަކުރުމުގައި އިސްތިސްނާވާނެކަން އުސޫލުގައި ފާހަގަކުރިއެވެ.

comment ކޮމެންޓް