އެއް އާއިލާއަކަށް ދެ ފުލެޓެއް ނުދެން، ސަރުކާރުން އޮޅުވާލަނީ: އަކްރަމް

ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: 900 މީހުންނަށް ފްލެޓް ދީފައިއެއް ނުވާނެ، އެއީ މި ސަރުކާރުން ހެއްދެވ އިތުރުފުޅެއް -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ސަރުކާރުގައި ހިންގި ބޯހިވާހިކަމުގެ ސްކީމްގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފުލެޓުތަކުން 976 ފުލެޓު ކުރިން ފުލެޓެއް ލިބިފައިވާ އެއްވެސް އާއިލާއަކަށް ދީފައިނުވާނެ ކަމަށާއި ސަރުކާރުން އޮޅުވާލަނީ ކަމަށް އެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަބިލު ވަނީ މީގެ ކުރިން ހިންގާފައިވާ ހައުސިން ސްކީމްތަކުގައި ފުލެޓު ލިބުނު ދެމަފިރިންނަށް 4،000 ފުލެޓުގެ ތެރެއިން 976 ފުލެޓު ދީފައިވާ ކަމަށެވެ. އަދި، އޭގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 ފަރާތެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފުލެޓު ދޫކުރާ އުސޫލު ޔަގީންކުރެވުނު ނަމަ އެހެން އާއިލާތަކަށް އެ 645 ފުލެޓު ބެހެއްޓުނީސް ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަކަށް ރައްދުދެއްވައި އަކްރަމް ވިދާޅުވީ، އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަން ނުދިނުމުގެ ސިޔާސަތަށް މީގެ ކުރިން ސަރުކާރުން އަމަލުކުރަމުންދިޔަ ކަމަށެވެ.

"މުއްޠަލިބު ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި 900 އެތައް ބަޔަކަށް ފުލެޓު ދީފައި ހުރި ކަމަށް. އެއީ ކަނޑައެޅިގެން އިތުރުފުޅެއް. މުޅިން އޮޅުވާލީ. މިހާރު އެ ބޭފުޅުން އެކަން ކުރައްވަމުން އެ ގެންދަވަނީ،" މިނިސްޓަރު މުއްޠަލިބު ދެއްކެވި ވާހަކައިގެ ރައްދުގައި އަކްރަމް ވިދާޅުވިއެވެ.

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް -- ސަން ފޮޓޯ

އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަން ދޭން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހެދި އެއްބަސްވުންތަކުގައި ހިމަނާފައިނުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން، އަނބިމީހާއާއި ފިރިމީހާ ވަކިން ގެެދޮރުވެރިޔާ ސްކީމެއްގެ ކެޓަގަރީއަކަށް ފޯމް ހުށަހަޅާފައިވާނަމަ އެ ދެ މަފިރިންނަަށް އެލޮކޭޓްކޮށްފައިވާނީ އެއް ފުލެޓު ކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ. އަދި، އަނބިމީހާއާއި ފިރިމީހާ މި ސްކީމްގެ ދެ ކެޓަގަރީއަކަށް ވަކިވަކިން ފޯމް ލާފައިވާނަމަ، ދެމަފިރިންގެ ފޯމް ހޯލްޑްކުރެވިފައިވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން، 76 ޕޮއިންޓަށް ވުރެ ދަށުން މާކްސް ލިބުނު ބައެއް މީހުންނަށް ވެސް މިދިޔަ ސަރުކާރުގައި ފުލެޓު ދިން ކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަ ވެސް އަކްރަމް ދޮގުކުރެއްވިއެވެ.

https://sun.mv/212561

އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުގައި އެކުލަވައިލި ފުލެޓު ކޮމިޓީގައި މަސައްކަތްކުރި ސިވިލް ސާވަންޓުން ވެސް މި ސަރުކާރުން އެކަހެރިކޮށްފައިވާ ކަމަށެވެ. މި މަރުހަލާގައި 'ވާނުވާ' މިނިސްޓަރަށް އެނގިވަޑައިނުގަންނަވަނީ އެހެންވެ ކަމަށް އަކްރަމް ތުހުމަތުކުރެއްވިއެވެ.

އެހެން ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފުލެޓު ލިބިފައިވާ ދެމަފިރިންގެ ތެރެއިން އެކަކަށް ވެސް ފުލެޓު އެއްބަސްވުން ހަވާލުކޮށް އޭގައި ސޮއިކުރުވާފައިވާކަން މުއްޠަލިބު ފާހަގަކުރައްވާފައިވެއެވެ. މި ކަމާ ބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި މި ސަރުކާރުން މަޝްވަރާކުރި ނަމަވެސް އެއްބަސްވުމުގައި ސޮއިކުރި މިފަދަ ދެމަފިރިންގެ ތެރެއިން އެކަކަށް ފުލެޓު ދޭން މަޖުބޫރުވި ކަމަށް މުއްޠަލިބު ވިދާޅުވެފައިވެއެވެ.

އެހެންވެ، އެއް އާއިލާއަކަށް ދެ ފުލެޓު ދޭން ޖެހުނު މައްސަލަ ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/212558

މުއްތަލިބު ވިދާޅުވީ، ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފުލެޓު ލިބިފައިވާ އާއިލާއެއްގެ އިތުރު މީހަކަށް ފުލެޓު ލިބެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން، ދެމަފިރިންގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާއަށް އެހެން ސްކީމަކުން ގެދޮރު ލިބިފައިވާނަމަ ފުލެޓު ނުދީވޭތޯ ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އިއުލާނުކޮށްފައިވާ އުސޫލުތަކަށް ބަލާއިރު ދެމަފިރިއަކަށް ވަކިން ދެ ފުލެޓު ދިނުން މަނާކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް މުއްޠަލިބު ވިދާޅުވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް ޝަރުތު ހަމަނުވާ ބަޔަކު ޝަރުތުހަމަވާ ކަމަށް ނިންމައި، ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނި ކަމަށް ތުހުމަތުވާ މައްސަލައިގައި މިދިޔަ ސަރުކާރުގައި ފުލެޓު ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީނާއި އިތުރު ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފައެވެ.

މިދިޔަ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓު ދިން ގޮތުގެ މައްސަލަ ތަހުގީގުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މީގެ ކުރިން ވަނީ މި މައްސަލައިގައި ޖުމުލަ ހަތަރު މީހެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މިދިޔަ މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ. އަކްރަމްގެ އިތުރުން ދެން ދައުވާ އުފުލި މީހުންނަކީ:

  • އެ ކޮމިޓީގެ މެންބަރުކަން ކުރެއްވި، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް
  • ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް
  • ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މއ. ވިރާޙް، ޟިރުޣާމް ވަޙީދު
comment ކޮމެންޓް