ވޯލްޑް ކަޕް ކުޅޭނީ އެންމެ ރައްކާތެރި ސިޓީތަކުގައި: ޓްރަމްޕް

އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ އެމެރިކާގެ ސިޓީތަކުގެ ތެރެއިން މެޗުތައް ކުޅޭނީ ސަލާމަތީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގައި ކަމަށާއި ބައެއް ސިޓީތަކުގެ މެޗުތައް އެހެން ސިޓީތަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕު މިގޮތަށް ވިދާޅުވީ، ބޮސްޓަން ސިޓީގެ ހަމަނުޖެހުންތަކާ ގުޅިގެން މީޑިއާއިން އަމާޒުކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ. ވޯލްޑް ކަޕުގެ މެޗުތަކުގެ ތެރެއިން ބޮސްޓަންގެ ޖިލެޓް ސްޓޭޑިއަމްގައި ޖުމްލަ ހަތް މެޗު ކުޅެން ވަނީ ތާވަލުކޮށްފައެވެ.

މެޗުތައް ކުޅޭ އެމެރިކާގެ ސިޓީތައް ހަމަޖެއްސީ 2022 ގައެވެ. ނަމަވެސް، ވެރިކަމަށް ޓްރަމްޕު ހަވާލުވެ، ގިނަ ނިންމުންތަކެއް ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން، ޓްރަމްޕުގެ ކޮންޓްރޯލު ނެތް ސިޓީތަކުން ޓްރަމްޕުގެ ގާތް ސިޓީތަކަށް މެޗުތައް ބަދަލުކުރަން އުޅޭކަމަށް ވަނީ ވާހަކަދެކެވިފައެވެ.

މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަަކަށް ރައްދުދީ، ފީފާއިން ބުނީ އާންމުންގެ ރަައްކަލަށްޓަކައި މެޗުތައް ބާއްވާނެ ތަނެއް ކަނޑައެޅުމުގެ އިހުތިޔާރު މި އޮންނަނީ އެ ގައުމެއްގެ ސަރުކާރަަކަށް ކަމަށެވެ. އަދި، އުންމީދަކީ ރޭވިފައިވާ ގޮތަށް މެޗުތައް ކުޅުން ކަމަށް ވެސް ބުންޏެވެ.

އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަކީ ތިން ގައުމެއް ގުޅިގެން ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. މީގެ ތެރެއިން ގިނަ މެޗުތަކެއް ކުޅެން ނިންމާފައިވަނީ އެމެރިކާގައެވެ. މުބާރާތް ބާއްވާ 16 ސިޓީގެ ތެރެއިން 11 ސިޓީ ނިސްބަތްވަނީ އެމެރިކާއަށެވެ.

comment ކޮމެންޓް