އެއާޕޯޓުތައް އަޅަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް، ދައްކައިދެނީ ޒިންމާދާރުކަން ކުޑަކަން: ނަޝީދު

ކުރީގެ ރައީސް ނަޝީދު: މި ސަރުކާރުން އެއާޕޯޓުތައް އަޅަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި އެކަމުން ދައްކައިދެނީ ޒިންމާދާރުކަން ކުޑަކަން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި، އެކަމުން ދައްކުވައިދެނީ ޒިންމާދާރުކަން ކުޑަކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުމެވެ. އެގޮތުން ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ބައެއް ރަށްރަށުގައި އައު އެއާޕޯޓުތައް އެޅުމުގެ މަސައްކަތްތައް ފައްޓަވައި ދެއްވައި އެ މަސައްކަތަށް ނަގާނެ މުއްދަތު އިއުލާންކުރައްވައެވެ.

ރައީސް މިހާރު ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ، އެ އަތޮޅު މިލަންދޫ، ބިލެތްފެހި އަދި ކޮމަންޑޫގައި އެއާޕޯޓުތައް އެޅުމުގެ މަސައްކަތް ފަށްޓަވައިދެއްވައިފައެވެ. އެ އަތޮޅު ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެއެވެ.

ކޮމަންޑޫ އެއާޕޯޓު އެޅުމުގެ މަސައްކަތް ހަވާލުކުރުން: މި ސަރުކާރުން އެއާޕޯޓުތައް އަޅަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި އެކަމުން ދައްކައިދެނީ ޒިންމާދާރުކަން ކުޑަކަން ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އޭގެ ކުރިން، މިދިޔަ އޮގަސްޓު މަހު ހދ.ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ރައީސް ވަނީ، މަކުނުދޫގައި އެއާޕޯޓެއް އޮތުމަކީ ޒަރޫރީ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހދ. އަތޮޅާއި ހއ. އަތޮޅުގައި މިހާރު އޮންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން ހޯރަފުށީ އެއާޕޯޓެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުތުރުގައި ހަތަރު އެއާޕޯޓު އޮއްވައި، އެ ސަރަހައްދުގައި އިތުރު ހަތަރު އެއާޕޯޓު އަޅަނީ، 19 މިނެޓާއި 36 މިނެޓާ ދޭތެރޭގައި ސްޕީޑުބޯޓުގައި ދެވޭހާ ކައިރިކައިރީގައި ކަމަށެވެ.

"ނަތީޖާއަކީ، ހުރިހާ އެއާޕޯޓެއްގެ ވެސް އިގުތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނެތުން, ގައުމީ އެއާލައިނަށް ދެއުޅިއެއްނުވާ ޚަރަދުތަކެއް ހިންގާން ޖެހުން، އަދި ލޯކަލް ޓޫރިޒަމްއަސް ވެސް ކުރަންވީ މަންފާ ނުކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، އެއާޕޯޓުތައް ގިނަވުމުން ގައުމީ އެއާލައިންގެ ޚަރަދުތައް ބޮޑުވެ، ޚިދުމަތުގެ ފެންވަރު ދަށްވުމަށް މަގުފަހިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސްޕީޑްބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށް ފަހު އެއާޕޯޓެއް އަޅަމުން ދިޔުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި ޒިންމާދާރުކަން ކުޑަކަން ކަމަށެވެ.

https://sun.mv/212455

މި ސަރުކާރުން އެއާޕޯޓުތައް އެޅުމަށް ގެންގުޅޭ ސިޔާސަތަށް، ވައިގެ ދަތުރުފަތުރުގެ ދާއިރާއާ ގުޅުން ހުރި ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވަނީ، އެކި ސަރަހައްދުތަކުގައި ކައިރިކައިރީގައި އެއާޕޯޓުތައް ގާއިމްކުރުމުން ސަރުކާރަށް ގެއްލުންވެ، އާޚިރުގައި ގެއްލުންވާނީ ރައްޔިތުންނަށް ކަމަށާއި، އެއީ އެއްވެސް ދުރު ވިސްނުމެއް އޮވެގެން ސަރުކާރުން ކުރާ ކަމެއްނޫން ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ގިނަ އެއާޕޯޓުތައް މިހާރު ގާއިމްކުރަނީ އިގުތިސާދު ކުރިއެރުވުމަށް ވުރެ ބޮޑަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެގޮތުން، ވަކި ބޭފުޅުން އެކަމުގެ ނާޖާއިޒު މަންފާ ހޯދުމަށްޓަކައި ސަރުކާރުތަކަށް ޕްރެޝަރުކޮށްގެން އެއާޕޯޓު އަޅާ ކަމަށް ފިރާގު ތުހުމަތުކުރެއްވިއެވެ.

comment ކޮމެންޓް