ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ތުހުމަތުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް، ހަމީދު މިއަދު ތުހުމަތުކުރައްވައިފިއެވެ.
ހަމީދަށް ރައްދުވާ ތުހުމަތުތަކެއް ފެންމަތިކުރެއްވީ، ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން ނެގި ޚާއްސަ ސަބް ކޮމިޓީގައި މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ، ކޮމިޝަނަރުކަމުގައި ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން 66 މިލިއަން ރުފިޔާއަށް ކަމަށެވެ.
އެ މައްސަލައިގައި ޝައްކުތަކެއް އުފެދުނީ ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން އެ މަސައްކަތް ސިންގަލް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމަކު، އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ވާހަކަ އަނެއްކާ ވެސް ދައްކަން ޖެހުނީ ހަމީދު މަގާމުން ރިޓަޔާކުރެއްވުމަށް ފަހު، ބޮޑީ ކެމެރާ އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންނެވުމުންނެވެ. އެއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހަމީދު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ، 2022 ވަނަ އަހަރު ފުލުހުންނަށް އެކްސޯން ކުންފުނިން އުފައްދާ ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ޑިވައިސްތަކެއް ގަނެފައިވަނީ ޒޭޓާ ޓެކްނޮލޮޖީސް ކުންފުނިން ކަމަށެވެ. އެ ޑިވައިސްތަކަކީ، ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ބޭނުންކުރާ ޑިވައިސްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ބޮޑީވޯން ކެމެރާއެއް: ބޮޑީވޯން ކެމެރާ ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ކުރާ ތުހުމަތަށް ހަމީދު ވަނީ ރައްދުދެއްވައިފައި -- ފޮޓޯ/ ފުލުހުން
ހަމީދު ވިދާޅުވީ އެ ޑިވައިސްތައް ގަތްއިރާއި މިހާރު ވެސް، ޒެޓާ ޓެކްނޮލޮޖީސްއަކީ ރާއްޖޭގައި އެކްސޯންގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ ކަމަށެވެ.
އެ ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް ޕްރޮޕޯޒަލް ހެދީ، ކަމާ ގުޅުންހުރި އިވެލުއޭޝަންތައް ހެދުމާއި ބީލަމާ ގުޅުންހުރި ގަވައިދުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ދަތިތަކެއް އޮތް އެ ދުވަސްވަރު، އެ އެއްބަސްވުން ހެދީ ހަތަރު އަހަރުގެ މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށްކަން ވެސް ހަމީދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ ބީލަމުން ނާކާމިޔާބުވި ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހެޅި ކަމަށެވެ. އެގޮތުން އުސޫލުތަކާ ޚިލާފުވި ކަމަށް ބުނެ ހުށަހެޅި އެ މައްސަލައިގައި ކޮމިޝަނަށް އެފަދަ ކަމެއް ފާހަގަނުވިކަން ހަމީދު ފާހަގަކުރެއްވިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރި ފަހުން، ނޮވެންބަރު 15، 2023ގައި ރިޓަޔާ ކުރެއްވި ހަމީދު ވިދާޅުވީ، ޒެޓާ ޓެކްނޮލޮޖީސްއިން އޭނާއަށް މަގާމެއް ހުށަހެޅީ މި އަހަރުގެ ކުރީކޮޅު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އޭނާއަށް ވަޒީފާއެއް ހުށަހެޅީ ނުރޫޒެއްގެ ސަބަބުން ނޫން ކަމަށާއި ނަމަވެސް އޭނާގެ ތަޖުރިބާއަށް ބަލައިފައި ކަމަށެވެ. އެގޮތުން އޭނާގެ ދައުރުގައި ފުލުހުންގެ މުއައްސަސާގެ ޑިޖިޓަލައިޒޭޝަނަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވިއެވެ.
އެހެންވެ، ޒެޓާ ޓެކްނޮލޮޖީސްއިން ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާ ހުރުމުން، ޖެނެރަލް މެނޭޖަރެއްގެ މަގާމު ހުށަހެޅީ ކަމަށް ވިދާޅުވިއެވެ.
އެއަށްފަހު ހަމީދު ފާހަގަކުރެއްވީ، ތަންފީޒީ އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅަކު، ސަރުކާރަށް ޓެކްނޮލޮޖީ ފޯރުކޮށްދޭ ކުންފުންޏަކާ ގުޅުން މަނާކުރާ ގާނޫނެއް ނުވަތަ ގަވައިދެއް ވެސް ނޯންނަ ކަމެވެ. އަދި ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ވެސް، އެފަދަ ބޭފުޅުން ވަކި މުއްދަތަކަށް ފަހު އަމިއްލަ ކުންފުނިތަކާ ގުޅޭ ކަމަށް ހަމީދު ވިދާޅުވިއެވެ.
އާންމުކޮށް އެ މުއްދަތަކީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އޭނާ ރިޓަޔާ ކުރެއްވުމަށް ފަހު އާ ވަޒީފާ ފެއްޓެވީ ދޮޅު އަހަރު ފަހުން ކަމަށެވެ.
ހަމީދު ވިދާޅުވީ އެ ތުހުމަތުތައް ކުރަނީ، ފުލުހުންގެ ޚިދުމަތަށްވުރެ ސިޔާސީ އަދި އަމިއްލަ ބޭނުންތައް އިސްކުރާ ބަޔެއް ކަމަށާއި އެއީ ކޮން ބަޔަކުކަން ވެސް އެނގޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އޭނާ ނުދެއްވައެވެ.
ހަމީދު ވިދާޅުވީ ކަމާ ގުޅުންހުރި ފަރާތްތަކުން އެ މައްސަލަ ބެލުމާ އިއުތިރާޒެއް ނެތް ކަމަށާއި، އެކަމަށް ހިތްވަރު ވެސް ދެއްވާ ކަމަށެވެ. އެގޮތުން މައްސަލަ ވީހާވެސް އަވަހަށް ބަލައި، ހަގީގަތް ހާމަކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ފުލުހުން ބޮޑީ ވޯން ކެމެރާ ރަސްމީކޮށް އިފުތިތާހުކުރީ ފެބްރުއަރީ 13، 2022 ގައެވެ.
ނާޒިމް ވަނީ ފުލުހުންގެ މުއައްސަސާއާ ގުޅުންހުރި ކޮރަޕްޝަނުގެ އިތުރު ތުހުމަތުތައް ވެސް ފާހަގަކުރައްވައިފައެވެ.