އަންނަ އަހަރު ރާއްޖޭން ހައްޖަށްދާ މީހުންގެ ތެރެއިން 20 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން މިވަގުތު ކުރަނީ އަންނަ އަހަރު ހައްޖަށްދާ މީހުންގެ ޕާސްޕޯޓުގައިވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
ޝަކީލް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ހައްޖުވެފައިތިބި އެއްވެސް ހައްޖާޖީއަކު އަންނަ އަހަރު ހައްޖަށްދާ މީހުންގެ ތެރޭ ނުހިމެނޭނެ ކަމަށެވެ. ހަމަ އެއާއެކު، ހައްޖަށް ގެންދިއުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެގޮތުން އަޅުގަނޑުމެން ވާނީ 2026ވަނަ އަހަރުގެ ހައްޖަށް ތައްޔާރުވުމުގެ ގޮތުން އުމުރުން ދުވަސްވީ ޕަސެންޓޭޖް މިހާރު އުޅޭނީ 20 ޕަސެންޓަށް ވުރެ މަތީގައި، ދާ ހުރިހާ ހައްޖުވެރިންގެ ތެރެއިން 20 ޕަސެންޓަށް ވުރެ މައްޗަކީ އުމުރުން ދުވަސްވީ ފަރާތްތައް،" އޭނާ ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިއަކަށް އެއާޕޯޓުން މަރުހަބާ ކިޔަނީ: ހައްޖަށް ފޮނުވުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭން ވަނީ ނިންމައިފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝަކީލް ވިދާޅުވީ، 75 އަހަރުންމަތީގެ މީހުން ހައްޖަށް ދަންޏާ އެހީތެރިއަކު ގެންދިއުން އުސޫލުގެ ތެރެއިން ލާޒިމް ކަމަށާއި، އެއީ އެކަނި އެފަދަ ފަރާތްތަކަށް ހައްޖުގެ އަޅުކަން އަދާކުރުން ދަތިވާތީ ކަމަށެވެ. އެއާއެކު، ވަކިން ފައިސާ ދައްކައިގެން އެހީތެރިއަކު ގެންދިއުމަށް، ނުވަތަ ކިޔޫގެ ތެރެއިން އިޚްތިޔާރުކުރާ މީހަކު ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ޝަކީލު ވިދާޅުވިއެވެ.
އަންނަ އަހަރު ހައްޖަށް ދެވޭ މީހުންގެ ތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހެދި ނުދެވޭނެކަން އަންގާފައިވާތީ ކިޔޫ ތަރުތީބުން އެހެން މީހުންނަށްވެސް ފުރުސަތު ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޖަށް އެހީތެރިން ގެންދިއުމަށްޓަކައި އާންމު އިއުލާނަކުން ނެގި ކަމަށް ވިޔަސް، ޝަކީލު ވިދާޅުވީ، އެހީތެރިން ހޮވަނީ އިންޓަވިއުކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ބައެއް މީހުން އެހީތެރިންގެ މަގާމަށް ކުރިމަތިލަނީ ހައްޖަށް ދާނެ ފުރުސަތު އޮތުމުންނެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން މިއުޅެނީ އެއްވެސް ހާލެއްގައި އިއުލާނުކޮށްގެން މި ނަގަނީ އަޅުގަނޑުމެންނާއެކު ހައްޖަށް ދާނެ މީހުން ހޯދަކަށްނޫން، އަޅުގަނޑުމެން މި އުޅެނީ ދިވެހި ހައްޖުވެރިންނަށް ޚިދުމަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން، އެ ފަރާތްތައް އިސްކަމެއް ދޭން ޖެހޭނީ އެ ބޭފުޅުން އަމިއްލައަށް ހައްޖުވުމުގެ ކުރިން ދިވެހި ރައްޔިތުންގެ ތެރެއިން އެ އަހަރެއްގައި ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚިދުމަތްކޮށްދޭން،" ޝަކީލު ވިދާޅުވިއެވެ.
ޝަކީލު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން މިހާތަނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވުނީ މިއަހަރު ކަމަށާއި، އަމާޒަކީ ހައްޖުވެރިންނާއި އުމްރާވެރިންގެ ޝަކުވާތަކަށް ބަލައި ކަންކަން މިހާރަށްވުރެ ރަނގަޅުކުރުން ކަމަށެވެ.
ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.
 
 
											
										 
					 
                 
                                                            