"ތިބާގެ ހިތުގައި ދެކޮޅުވެރިކަމާއި ނަފްރަތަށް ޖާގަ ނުދޭށެވެ. އަބަދުވެސް ހިނިތުންވެގެން ހުންނާށެވެ. އެހެން އެއްވެސް މީހަކަށް ތިބާގެ ފަރާތުން ހިތާމައެއް އަދި އަނިޔާއެއްވެސް ވިޔަނުދީ އެންމެނަށް އޯގާތެރިވާން މަސައްކަތްކުރާށެވެ."

***

ވާރޭ ތެރެއަށް ނުކުމެފައި އޭނަ ކޯޓު ތަންކޮޅެއް ގަޔާއި ކައިރިއަށް ދަމައިލިއެވެ. މާމަ އިންޒާރުދީފައި އޮތީ އެއްވެސް ގޮތަކަށް އަރިދަފުސް ރޯގާއިން ދުރުވުމަށެވެ. އޭނަގެ އެއްވެސް ކަމެއްކޮށްދޭން ބައެއްފަހަރު މާމަ ދެކޮޅުހަދައެވެ. އަމިއްލައަށް ޒިންމާތައް ނަގާ އަމިއްލަ ކަންތައްކުރުވާނެ އުކުޅު މާމަ ދަނެއެވެ.

ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި އިންޖީނު އަޑު ލައްވަމުން ދިޔައީ މަރުވަމުންދާ ޖަނަވާރެއްހެންނެވެ. އަލާނާ ހުރީ ދޮރުމަތީގައި އިންތިޒަރުގައެވެ. ވިދާ ރީދޫކުލައިގެ ވާރޭކޯޓެއްގައި ރަބަރު އަސްދޫންޏެއް ހިނގާފަދައެވެ.

"ގުޑް މޯނިން...."އަލާނާ ހީވީ ލަވައެއް ޖަހައިލިހެންނެވެ."މިއަދަށް ރެޑީތަ؟"

"އަހަންނަށް އެންމެ އުދަގޫވަނީ އިންޖީނު ކެކޭ އަޑަށް ކަމެއް ނޫނީ މި އަންހެންކުއްޖާގެ ތޫނު ހަރު އަޑާއިހެދި ކަމެއްނޭގޭ...ހަންޑިއެއްވެސް މިވަރަށް ބޯކޮޅު ބަލައިގެން ނޫޅޭނެ....މިކަންތަކުން ސަލާމަތްވާނީ ކިހިނެއްތަ؟މިއަދަށް ކީއްކުރަން އަލާނާ ހުންނަ ކޮންމެ ޑިއުޓީއަކަށް އަންނާން މެންޓަލީ ތައްޔާރުވާން އެތައް އިރެއް ނަގާ......" އާރިކްގެ ސިކުނޑީގައި ހިނގަންފެށި ޚިޔާލުތަކާއިމެދު އޭނަގެ ހިތް އަރައިރުންވިއެވެ."އެހާ ސްވީޓް ކުއްޖަކަށް ތި ސިކުނޑި އެނގޭނަމަ ހިތަށް އަރާނެ މުނާގިފެކޭ...ސީދަލަށް ބުނަންވީނު ވާހަކަދައްކަން ބޭނުމެއްނޫނޭ..."

"އޭ ކޮން ދުނިޔެއެއްގައި ޑޮކްޓަރ ސާހަބް..."އަލާނާ އަތް ހޫރައިލިއެވެ." މިއަދުގެ މަޖާގަނޑަށް ތައްޔާރުހެއްޔޭ؟"

"ގްރޫޕް ތެރަޕީ ސެޝަންސް އަކީ މަޖާކަންތައްތަކުގެ ތެރޭ ހިމެނޭތަ؟" އޭނަ އުއްމީދުން ފުރިގެންވާގޮތަކަށް އެހިއެވެ. އޭނަ އެއްގޮތަކަށްވެސް އަލާނާއާއި ހަތަރުކަޅި ހަމަނުކުރެއެވެ.

"އާނ އެތަނުން ސަލާމަތުން ނުކުމެވެއްޖެއްޔާ..."

އާރިކް ފުން ނޭވާއެއް ދޫކޮށްލާފައި އަލާނާގެ ފަހަތުން ދާން ހިނގައިގަތެވެ.

ރީހެބް މަރުކަޒު ވަނީ ތެތް ބޫޓުތަކާއި އަވަދިނެތި އުޅޭ ނަރުހުންނާއި ކެތްތެރިކަމެއްނެތް ބަލިމީހުންގެ ސަބަބުން ތަރުތީބު ގެއްލިފައެވެ. އާރިކްއަށް އެތަން ފެނުމާއެކު ބޭރުފުށުން ދައްކައިގެން ހުންނަ ހަމަޖެހޭކަމަށް އެހެން އިހުސާސެއް އަތް ގަދަކުރަން އުޅޭފަދަ ގޮތްތަކެއްވިއެވެ. މަންމައާއި ކުރިމަތިލާން އޭނަގެ ސިކުނޑީގެ ކަނަކުން ދެކޮޅުހަދައެވެ. އެ ގުޅުން އަލުން ރަގަޅުކުރަން މަޖުބޫރުކުރަނީ މާމައެވެ. އޭނަ ގެ ޟަމީރު އެދެނީ ދުނިޔެއަށްވެސް ފިލުމަށެވެ.

"ބައި ދަވޭ...."އަލާނާގެ ފިޔަވަޅުތަކާއި އެއްވަރަށް އަޑުވެސް އައީ ކިރިޔާ އޭނަގެ ކަންފަތަށް އިވޭވަރަށެވެ. "އަދިވެސް އަހަންނަށް އާރިކް ދަހެއްނުވޭ......ހާދަ ސިއްރުވެރިއޭ......ލައިބްރޭރިއަންގެ އޮފީހެއްގެ ތަޅުލާފައިވާ ވައްގަނޑެއްފަދަ....."

"ތެންކްސް..."އޭނަ އާދައިގެ ރާގެއްގައި ބުނެލިއެވެ."އަހަރެން ހަމަ ވަރަށް ފޮނިވެއްޖެ.."

"ހަގީގަތުގައިވެސް...އާރިކް...ކީއްވެ މީހަކާއި ރައްޓެހިވެގެން ނޫޅެނީ؟ ސަބަބު ބުނެބަލަ...."

އަލާނާ އެހާ ސީދާކޮށް ޒާތީ ސުވާލުކުރަން ފެށުމުން ބޮލަށް އުދަގޫވުމާއެކު ވަށައިގެން ހޯދައިލެވުނީ ނުތަނަވަސްވެފައެވެ. މީހަކަށް އަޑުއިވިދާނެތީ ކަންބޮޑުވިފަދައެވެ."އަހަންނަކީ ތިބުނާފަދަ ސޯޝަލް ބަޓަފްލައިއެއް ނޫނެއްނު...."

"ހޫމް..އެކަން އެނގޭ....ބޮޑަށް ވައްތަރީ ޕްރޭއިން މަންޓިސްއަކާއި. ދުޢާކުރާ ގޮތަށް އަތް އުފުލާލައިގެން އިނދެއެއްނު ލޯބި މަޚުލޫގެއް...ދިވެހިން ކިޔަނީ ދަކު...އެހެންވީމަ އާރިކްއަށް ވަނަމަކަށް ދަކު ކިޔަންތަ؟"އަލާނާ ބޯ އަރިކޮށްލިއެވެ.

އާރިކް ގަދަކަމުން ހީލިއެވެ.

"ދުވަހަކު އަންހެންކުއްޖަކާއި އަނގައިން ބުނިންތަ؟ ގެއިން ބޭރަށް އެވަރަށް ދަނީ ކޮންތަނަކަށް؟ "

"އަހަރެން.....ދަނީ މިސްކިތަށް.." އޭނަގެ އަޑަށް ހަރުކަށިކަމެއް އައެވެ."މާމަގެ ސިއްހަތަށް ދުޢާކުރަން......."

"އޫ........"އަލާނާ ބުމަ އަރުވައިލިއެވެ."ސިއްރުވެރި އަޅުވެރި ޓައިޕް...ޝައުގުވެރި......"

އޭނަގެ ކޯތާފަތަށް ރަތްކުލަވެރިވާންފެށިއެވެ. އެކަމަކު އެވާހަކައަކަށް އަޅާނުލިއެވެ. ހަގީގަތަކީ އޭނަ ކުޑައިރު ކުޑަކުދިންގެ ހިޔާއަށް ގެނެވި ގަބުވެފައި އިންދާ މާމައަށް އެ ޚަބަރު ލިބިގެން ގެންގޮސް ބަލާބޮޑުކުރީ ވަރަށް ހާލުގައެވެ. އިސްލާމީ ތަރުބިއްޔަތާދިނެވެ. އޭނަ ހެޔޮ މަގުން ކައްސާނުލާ ގެންގުޅެން މަސައްކަތްކުރިއެވެ. ކުޑައިރުއްސުރެ މާމަ އަމުރުކޮށްފައިވަނީ މީހަކު ދޭ އެއްޗެއް ނުކެއުމަށެވެ. ނުބުއިމަށެވެ. އާއިލާ މީހެއްވިޔަސް އެކުވެރިއެއް ދިނަސް މާމަގެ ހުއްދަނެތި ނުކާން އަމުރުކޮށްފައިވީ ސަބަބު އޭނައަށް ފަހުމްވާންފެށީ ފުރާވަރަށް އައުމުންނެވެ. އޭނަގެ މަންމަ ފަދައިން ޑްރަގަށް ދެވި ހިފާ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެތީއެވެ. އެންމެ ފަހަރަކު ރަހަ ބަލާލައިގެންވެސް އެއަށްގޮސް އުމުރު ހުސްވަނީއެވެ. ފުރާވަރުގައި މަންމަ ބުނެދިނީ ބެލުން ތިރިކުރުމަށެވެ. އަންހެންކުދިންނާއި ހަތަރުކަޅި ހަމަނުކުރުމަށެވެ. އެހިސާބުން ފާފަތަކަށް އަރައިގަނެވޭނެކަމުގައި މާމަ ބުނެފައި އެތައް ހަދީސްތައް ކިޔާދިނެވެ. ގުރުއާނައި ސުންނަތުގައި ހިފަން މާމަ ހަނދާންކޮށްދިން އަދަދެއްވެސް ނޭގެއެވެ. އޭނަ ކާމިޔާބު މީހަކަށްވުމުގެ ފަހަތުގައި ހުރި މީހަކީ މާމައެވެ.

ބެލުން ތިރިކުރުމަކީ ދީނުގައި އޮތްގޮތެވެ. ނަމަވެސް އޭނަ އަންހެނުންދެކެ ފޫހިވާ ސަބަބަކީ މަންމައެވެ. މަންމަ ކަންތައްކުރިގޮތެވެ. ބޮޑު ވިއްސާރައެއްގެ ތެރެއަށް އޭނަ އެކަނިކޮށްލާފައި ދާނީ ކޮންފަދަ ހިލަހިތެއްގެ ވެރިއެއް ހެއްޔެވެ؟ އޭނަގެ ހިތުގައި އެފަދަ މަންމައަކަށްޓަކާއި އޮންނާނީ ކޮން ކުލުނެއްހެއްޔެވެ؟ މާމަ އަބަދުވެސް ބުނާނީ މަންމައިންގެ މަތިވެރިކަމުގެ ވާހަކައެވެ. ޖަންނަތުވަނީ މައިމީހާގެ ފައިތިލަ ދަށުގައި ކަމަށެވެ.

އޭނައާއި އަލާނާ ޖެހުނުފަހުން ކޮންމެވެސް ވަރަކަށް އުސޫލުތައް ބަދަލުވެއްޖެއެވެ. އަލާނާ ދޭ ކޮފީއާއިމެދު ޔަގީންކަން އޮތުމުން ބޯލެވެއެވެ. އެކުއްޖާގެ ހަލަނިކަމާއި އަނގަ ގަދަކަމުން މަދުފަހަރެއްގައި ނަމަވެސް މޫނަށް ބަލަން މަޖުބޫރުކުރުވައެވެ.

ގްރޫޕް ތެރަޕީ ކޮޓަރީގެ އަލިކަން ގަދަކަމުން ލޮލަށް އުދަގޫވާވަރުވެއެވެ. އެތަން އޮތީ ތޮއްޖެހިފައެވެ. އެންޓިސެޕްޓިކް ވަހާއި ދުވަސްވީ ކޮފީގެ ވަހެވެ. ގޮނޑިތައް އަތުރާފައި ހުރީ ވަށްބުރަށް ވާގޮތަށެވެ. ބަލިމީހުން އަމިއްލަ އިހުސާސްތައް ހިއްސާކުރުމުގެ ބަދަލުގައި ޝަކުވާކުރީ މޫސުމާއި ހެދިއެވެ. ވިއްސާރަ އަލި ނުވެގެންނެވެ. ކުއްލިއަކަށް ދޮރު އަޑާއަށް ހުޅުވާފައި ޖެނީފާ ވަދެގަތީ އޭނަގެ އަމިއްލަ ތަނެއްހެން ހީވާފަދަ ގޮތަކަށެވެ.

"އާހް....އެންމެފަހުން...."އޭނަ ތެމި ފޯވެގެން ހުރިއިރު ތުންފަތުގައިވަނީ ނުލަފާ ހިނިތުންވުމެކެވެ." އަހަރެން ހީކުރީވެސް މި މީހުންނަށް އުފަލާއި މަޖާ މުޅިން ހަނދާންނެތިފައިވާހެން......"

އާރިކްގެ ހިތަށް ނުބައިގޮތެއްވިއެވެ. ބައްޔާއި ޑްރަގަށް ދެވި ހިފުމާއެކުގައިވެސް މީހުންގެ ސަމާލުކަންހޯދަން މަންމަ ކުޅަދާނައެވެ.

"ޖެނީފާ އިށީންނަވާ..."ގްރޫޕްގެ އިސްވެރިޔަކަށް ހުރި މީހާ މަސައްކަތްކުރީ ވީހާވެސް ރަސްމީކޮށް ތެރަޕީކުރިއަށް ގެންދިޔުމަށެވެ. "ފަށަމާ..."

ޖެނީފާ ގޮނޑިއަކަށް ސޮއްސައިލިގޮތަށް އެންމެންގެ މޫނުތައް ސްކޭންކޮށްލީ ފޫހިވެފައި ފާޑަކަށެވެ.

"ވީމަ އަހަރެމެން ކޮންކަމަކާއި ބެހޭގޮތުން ވާހަކަ ދައްކަންވީ؟ އިހުސާސްތައް؟ ކުށާއި ހިތާމަތައް؟ ނޫނީ މޫސުމް؟" އޭނަގެ ނަޒަރު އާރިކްއާއި ބައްދަލުވިއެވެ."ފެމިލީ ޑްރާމާ ވެއްޖެއްޔާ މަށަކީ ޑޮކްޓަރ އާރިކްގެ ރާނީ............"

"ޕްލީޒް....ތިއީ ދެން..."އާރިކް ހިންދިރުވައިލިއެވެ.

"އޯ....ހަމަޖެހިބަލަ ޑޮކްޓަރ..."ބުޅަލެއް މީދަލެއްގެ ސައިޒް ދިރާސާކުރާ ހެން ހީވާ ތޫނު ނަޒަރެކެވެ." މިހާރު ހީވަނީ ހަމަ ލުނބޮއެއް ދިރުވާލައިގެން އިންހެން..."

އާރިކް ހިނިތުންވެލިއެވެ.

އަލާނާ އިނީ މަޖާވެފައެވެ. އެދެމީހުންގެ ހަގީގަތެއް އެއްވެސް ވަރަކަށް ރޭކާ ލާފައި ނެތުމުން ހީކުރީ ހަމަ ޖެނީފާ އެންމެނާއި ދިމާކުރާ އުސޫލުން އާރިކްއަށްވެސް ޖެއްސުން ކުރަނީކަމަށެވެ.

ސެޝަންކުރިއަށް ދާންފެށުމުން ޖެނީފާ އިރުގަނޑެއްނުވަނީސް އެއީ އޭނަގެ ސްޓޭޖްކަމަށް ހެދިއެވެ.

"އަހަރެންގެ ވާހަކަ ކިޔާދީފާނަން.. އަހަންނަކީ ޑްރަގުގެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހެއް...އަދި ލިބުނު ރަންމަލެއްފަދަ ދަރި އެއްލައިލެވުނީ...ކައިވެންޏެއް ރޫޅައިލެވުނު..ހުރިހާ ހާލަތެއްގައިވެސް މެންޓަލީ ސްޓްރޯންގްވާން ވާނެ....ބަލިކަށިވެގެން މި ދުނިޔެއަކު ނޫޅެވޭނެ..ސަބަބަކީ އަޑިގުޑަންތައް އަންނާނެތީ....ކޮންމެ ގޮތެއްވިޔަސް މި ތަނުގައި ހުރި އެންމެ މަޖާ އުފާވެރި ބަލިމީހާގެ ޝަރަފު ލިބިއްޖެ.."

ފިރިހެނަކު ހީގަތްއިރު އަނެއްމީހާ ކަޅި އަނބުރައިލިއެވެ.

"ޖެނީފާގެ ދަރިފުޅު ކޮބާތަ؟"އަލާނާއަށް ކެތްނުކުރެވިގެން އަހައިލިއެވެ.

އާރިކުގެ މޫނުގެ މަސްތަކަށް ކުޑަ ވާންކަމެއް ވެރިވިއެވެ.

"އޯ...ޔޫސުފްގެ ފާނު ވަޅަށް ވައްޓައިލެވުމުން ސަލާމަތްކުރެއްވި ފަރާތުން އެކުއްޖާވެސް ދޫކޮށެއްނުލައްވާ....އެކުއްޖާ ބޮޑުވެގެން ބަދަލުހިފުމުގެ މިޝަންއެއްގައި އުޅެއޭ ކިޔާ އަޑުއިވޭ..ފަހަރެއްގައި ރާވަމުންދަނީ އަހަރެން އަބަދަށް ބަންދުކޮށްފައި ބާއްވަންހެން ހީވޭ..."

"ވަރަށް އެކަމާ ފަޚުރުވެރިވޭ ދޯ..."އަލާނާގެ ނަޒަރު އާރިކްގެ މޫނަށް ހުއްޓުނެވެ.

"އުފަލުން މޮޔަވެފައި...." އޭނަގެ އަޑުން މާނަކުރީ ބުނި ބަހާއި ސީދާ އިދިކޮޅެވެ.

ޖެނީފާ ތެދުވެގެންގޮސް އާރިކްއާއި ދިމާލަށް ގުދުވެލިއެވެ."އެނގޭތަ އާރިކް...ބައެއްފަހަރު ހިތަށް އަރާ ހިތާމައާއި މޮޅިވެރިކަން ފެނުމުން އުފާކުރަނީއޭ....އަމިއްލައަށް ތަންކޮޅެއް ސްޕައިސީކޮށް އުޅެބަލަ..."

"އަހަންނަކީ ސައިކޭޓްރިސްޓެއް...މޮޅިވެރިކަމަކީ އަހަރެންގެ ބިޒިނަސްއެއް."

"އާނ...އެއްގޮތަކަށްވެސް އެއްބަސްނުވާނެ. އެކަމަކު ތި މައްސަލައަށް ކިޔާ ނަމެއް އޮވޭ.... މަޖާކުރާވަރަށްވުރެ ސީރިޔަސް ސިންޑްރޯމް...އެއީވެސް ގައިން ގަޔަށް އަރާ އެއްޗެއް..."

އަލާނާ ހިނިގަނޑެއްޖަހައިލިއެވެ. "އަހަންނަށް ހީވަނީ ތި ދެމީހުން ތާރީޚުގެ ކޮންމެވެސް ހިސާބަކުން ދިމާވެ ރޫހުގެ ގުޅުމެއްވާހެން..."

އާރިކްގެ ނަޒަރުގައި އިންޒާރުދޭފަދަ ގޮތެއް ހުއްޓަސް އެކަމާއި ޖެނީފާ އަޅައެއްނުލިއެވެ.

"ތާރީޚަކީ ކުރީގެ ޒަޚަމްތަކާއި ނުބައި ނިންމުންތަކަށް ބޭނުންކުރާ ލަފުޒެއް...އެކަމަކު..ބުނަން ވާހަކައެއް...އެފަދަ މާޒީތަކުން ތެރަޕީއަށް ވާހަކަތަކާއި ފިލާވަޅުތައް ލިބޭ..."

ސެޝަން ނިމުނީ ހުނުމާއި ހަޅޭކާއި ސަކަރާތް ޖެހުމާއިއެކުގައެވެ. ބައެއްމީހުން ހިތުގގައިވިހާ އިހުސާސްތައް ބީރައްޓެހިންގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. އާރިކް ވަރުބަލިވެފައި ހުއްޓަސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ.

***

ނާރސް ސްޓޭޝަނާއި އަރާ ހަމަވެފައި އަލާނާ އާރިކްގެ އަތުގައި ކޮށްޓައިލިއެވެ. އޭނަ އަތް ދަމައިގަތީ ވިރުސިކައެއް ކަށިޖެހި ފަދައިންނެވެ. ލޯ ކުޑަކޮށްލާފައި ބަލައިލެވުނެވެ.

"ސޮރީ..އެކްސިޑެންޓެއްވެސް ހިނގައިގެން ނުވަނީތަ؟އެވަރު ކަމަކާއިހެދި ތިހާ ލޯ ހަނިކޮށްފައި ބެލީމަ ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ...ޕްރޮފެޝަނަލްވާންވާނެއްނު ޑޮކްޓަރ އާރިކް...."

"އހަރެން ނުދެނެހުރިން ތިކަމެއް..މަގޭ ލޯ ހުންނަ ގޮތް ކަމަށްވާނީ..."

"ޑޮކްޓަރ.....ކޮންމެވެސް ކަމެއް އެބަފޮރުވަންދޯ........އެނގޭތަ؟"އަލާނާގެ ލޮލުން ފެނުނީ ޝައުގުވެރިކަމުގެ ވިދުމެވެ. "އަބަދަށްޓަކާ ސިއްރުތައް ފޮރުވައިގެނެއް ނުހުރެވޭނެ..."

"ބައެއް ސިއްރުތައް ރަގަޅުވާނީ ހަމަ ތަޅުލާފައި ބެހެއްޓިއްޔާ.."

"ޗެލެންޖް ގަބޫލުކުރަން..."އަލާނާ ހީލިއެވެ.

އޭރުވެސް ވާރޭ ހުއްޓާނުލާ ބޯކޮށް ވެހެމުންދިޔައެވެ. އާރިކްގެ ފަރުވާލެއްނެތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނައަށް އިހުސާސްކުރެވުނީ އޮޔާއި ގެންދިޔުމުގެ ބަދަލުގައި ތޫފާނުގެ ތެރޭގައި ކޮޅަށް ހުރެވުނުފަދަ ގޮތެކެވެ. ނަމަވެސް އޭނަގެ ހަޔާތަށް ބޭނުންނުވާ ދެ އަންހެނުންގެ ހިޔަނި އެޅިއްޖެއެވެ. އެކަކީ މަންމައެވެ. ދުރުވާން ބޭނުންވިޔަސް ލޭގެ ގޮތުން ގުޅިފައެވެ. އަނެކަކީ އަލާނާއެވެ. އެއްކޮށް މަސައްކަތްކުރަން މަޖުބޫރުވެ ހިޔަނިއެއްހެން ފަހަތުގައި ހުންނަ ކުއްޖާއެވެ.

***

އާރިކް ކޮފީ ހިފައިގެންގޮސް ބެލްކަނީގައި ހުއްޓުނެވެ. ބޯ ވާރެއާއި ގަދަ ވަޔަށް ކެތްނުކުރެވިގެން ދިރިއުޅުމުން އަތް ދޮވެލަން ނިންމި ރުކެއް ކާރަކާއި ދިމާލަށް ލެނބިފައިވިއެވެ. އޭނަ ކޮފީތަށިން ކޯވަރެއް ބޯލިތަނާ މާމަ ނަމާދުން ނިމިގެން އައެވެ."އެނގޭތަ؟ ތިކަން ނުހުއްޓައިފިއްޔާ ޖިންނި އަންދާ މީހަކަށް ގުޅާނީ...ތި ވަރަށް ކޮފީ ހުއްދައެއްވެސް ނުވާނެ..."

"މިއިން ޝަޚުސިއްޔަތު ވަރުގަދަކޮށްދޭ މާމާ..."

"އޭތި ވަރުގަދަކޮށްދެނީ މައިދާގައި ހުންނަ ފާރު......."މާމަ ކުރުކޮށް ހުއްޓަސް ނިކަން ލޯތްބެވެ. އަދިވެސް ލޮލުގައި ތޫނުކަމާއި ވިދުން ހުރެއެވެ. އެއްކޮށް ހުދުވެފައިވާ އިސްތަށިގަނޑުން ހުޅިއެއްޖަހާފައެވެ.

"ހޮސްޕިޓަލަށްދާނީތަ ނޫނީ ފިލްމުތަކުގައި އަންހެންވެރިން ހަދާހެން ދޮރުކައިރީ ކުދި ކިޔަން ހުންނާނީ؟"

"ޑިިއުޓީއެއް ނޫނޭ މާމާ...އޮފް ދުވަހެއް......"އޭނަ ކޮނޑު އަރުވައިލިއެވެ.

"ހިމޭނުން ހުރުމަކީވެސް ކުދި ކިޔުންކަމަށް ބަލާނީ..އޮފްވިޔަސް ބަލަން ޖެހޭ މީހަކު ހޮސްޕިޓަލުގައި އެބައޮތް....މާމަ ބުނާ އެއްޗެއްނޫން....ﷲ ތައާލާ އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތަން. އަޅާލާން....."މާމަ ދެއަތް ބާރަށް ހޫރުވަމުން ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ."ކޮންމެވެސް އެއްޗެއް ކައިބަލަ....ހުދުވެފައި ތިހިރީ.ކައިގެން މަންމައަށް އެއްޗެއް ހިފައިގެން ހޮސްޕިޓަލަށް ދޭ....މަންމަ އެއްލައިލިކަމުގައިވިޔަސް އާރިކްއަށް މަންމަ ބެލެހެއްޓުން ވާޖިބު......"

"އެންމެ ރަގަޅު..އޭނަ މާމަ ބަލާކަށް ނުޖެހޭތަ؟ މާމައާއި އެންމެ ފަހަށް ދިމާވި ދުވަހުވެސް ހަޑިބަހުން މުއާމަލާތުކުރީ؟ ކިހިނެއް މާފުދެވޭނީ؟"

"ﷲ ތައާލާވެސް ފާފަ ފުއްސަވާ..ޝަރީކުރުމުގެ ފާފަ ނޫނީ..މިއީ އަބަދަށް ތިބޭނެ މަންޒިލެއްނޫން. މިތަނަށް އައީ ﷲ އެންގެވިގޮތަށް އުޅެން މާމަގެ ރަންކޮޅާ.."

އާރިކް އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ.

***

ވާރޭ ކޮންމެވެސް ވަރަކަށް ތުނިކޮށްލައިފިއެވެ. އާރިކް ރެސްޓޯރެންޓަކަށް ވަދެލީ ކޮފީއެއް ބޯލުމަށާއި އެކަނިވެރި ވަގުތުކޮޅަކަށް ބޭނުންވީވަރުންނެވެ. ކޮފީއެއް ހިފައިގެން ގޮސް ކަނުގައިހުރި ބޫތެއްގައި ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި ހެދިކާ ތަށްޓާއި ކޮފީއިން ރޫހަށް ހަމަޖެހުމެއް ލިބިދާނެކަމަށް އުއްމީދުކުރެވުނެވެ. އެއާއެކު އެތާ ތިބި މީހުންނަށް ބަލައިލެވުމާއެކު ދުވަސްކޮޅެއްވާންދެން ނުފެނި ހުރި ގާތް އެކުވެރިޔާ ޖައިޝަން ފެނުނެވެ. ޖައިޝަންއާއިއެކު އިނީ އޭނަގެ މަންމަ ފިޔަވާ ދެވަނަމީހެއްނޫނެވެ. މަންމަ އެތަނަށް އައީ ކީއްކުރަންހެއްޔެވެ؟ މަންމަގެ މޫނު މަތިން ދެނެފަރިތަކަމާއެކު ބީރައްޓެހިކަންވެސް އެއްފަހަރާ ފެނުނެވެ. އޭނައަށްޓަކާ މަންމަގެ ލޯ ހަރުކަށިވެ ޖެއްސުންކުރާއިރު ޖައިޝަންއަށްޓަކާ އެލޮލުން ފެނުނީ މަޑުމައިތިރިކަމެވެ. އެދެމީހުން ޖޯކުތައް ކިޔާފައި ހެމުން ދިޔަތަން ފެނުމުން އޭނަގެ ކަރުތެރެ ބެދުނެވެ. ހަމަ އޭނައަށް އިހުސާސްކުރެވުނީ އޭނަ ކުޑައިރު އެއްލާލި ހަދާންތަކެވެ. މޭގައި މީހަކު ހިފާފައި އަނބުރައިލިފަދަ އުދަގުލެއްވިއެވެ. މަންމަ އޭނަ އެއްލާލާފައި ކިހާ ހަމަޖެހިގެން ހެއްޔެވެ؟ އެހެން މީހަކާއެކު ސަމާސާކުރަނީއެވެ. އެވެސް އޭނަގެ އެކުވެރިއަކާއެވެ. މަންމައާއި ދަރިއެއްގެ އޮންނަންވީ ލޯތްބާއި އަޅައިލުމުން އޭނަވަނީ މަހުރޫމްކޮށްފައެވެ. ޖައިޝަން ހަތަރުކަޅި ހަމަވުމާއެކު އޭނަ ދުރަށް ބެލިއެވެ.

އޭނަ ހިންދިރުވާލާފައި ކުޑަދޮރާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. ވާރެއަށް މާ ބޮޑަށް ޝައުގު ހުރިކަން ދެއްކުމަށެވެ.

އޭނަގެ ކޮނޑުގައި އަތް ޖައްސައިލުމާއެކު ކާކުކަން އެނގުނެވެ.

"ހެލޯ...ކިހިނެއްވެފައި ބްރޯ..ހިތްހަމަނުޖެހިފައިކަން އެނގިއްޖެ....މަށަކަށް ނުފޮރުވޭނެ....ތި ސިކުނޑި ކިޔައިލަން ދަސްވެއްޖެ...އެއީ އަހަރެންގެ މަންމަގެ ފްރެންޑެއް.ރީހެބްއަށް ފަރުވާއަށް އައުމުން މަންމަ ހެލްޕްވަނީ...އެހެންވެ މަންމަ ބުނެގެން ރެސްޓޯރެންޓަކަށް މިގެނައީވެސް...މަންމަގް ފްރެންޑަކަށްވީމަ އަހަރެން ވަރަށް ރެސްޕެކްޓްކުރަން......" ޖައިޝަން ބުނެލިއެވެ.

"ހޫމް އެއީ މަގޭ ޕޭޝަންޓެއް..."

"އެހެންތަ؟ އެހެންވެ ދޯ ފާޑަކަށް ތީނީ؟ ހަމަޖެހިބަލަ އެރިކް.އަހަރެން ޖެނީފާދައްތަ ސަލާމަތުން ގެންގޮސްދޭނަން..."ޖައިޝަން ހިނިގަނޑެއް ޖަހައިލިއެވެ.

***

އާރިކް ގެއަށް ވަދެ ވާރޭ ކޯޓު ހަރުގައި އަޅުވައިލަމުން އިސްތަށިގަނޑުން ފެންފޮޅައިލިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މާމަ ފޮތެއް ކިޔަން ސޯފާގައި އިނދެފައި އައިނު ތިރިކޮށްލިއެވެ.

"ތޫފާނަކާއި ހަގުރާމަކޮށް ބަލިވެގެން އައިހެން ހީވަނީ؟ކިހިނެއްވީ؟ މާމައަކަށް ސިއްރެއްނުވާނެ.."

އޭނަ ކައުޗްގައި އޮށޯވެ މާމަގެ އުނގުގައި ބޯ އަޅައިލިއެވެ.

"މާމާ..އެއްޗެއް އަހާލަންތަ؟މަންމަ ކީއްވެ ޑްރަގަށް ދިޔައީ؟ ކީއްވެތަ އެހާ....."

މާމަ ފޮތް އެއްފަރާތުގައި ބާއްވަމުން އިސްތަށިގަނޑުގައި ފިރުމާދޭން ފެށިއެވެ.

"މަންމަ މާލެ ގެންދިޔައީ ކާފަ...ކިޔައްވަން ގެންދިޔައީ. އެކަމަކު މަންމަ ޅައިރު މީހަކާއި އިނީ...މުއްސަދި ޝާހީ އާއިލާއެއްގެ ދަރިއަކާއި......އެއީ އާދައިގެ ކަމެއްނޫން...އެވަރުގެ ޝަރަފެއް ލިބުމުން އެންމެންވެސް އުފާކުރި....މާލޭގައި ހިނގީ ކޮން ކަމެއްކަން އެ ކައިވެނި ރޫޅުނީ ކޮން ސަބަބަކާއިހެދި ކަމެއް ނޭގޭ...އެނބުރި އައިއިރު އެހެން ޖެނީފާއެއް ހުރީ...ރުޅިގަދަ ތަފާތު...އައިއިރުވެސް ސިގްރެޓާއި މަސްތުވާ އެއްޗެހި ބޭނުންކުރޭ......ހަށިގަނޑު ހަލާކުކޮށްލާނެ ހުރިހާ ވަސީލަތެއް ބޭނުންކުރި......ހުރިހާ ރުޅިއެއް ބޭލީ ދަރިފުޅަށް...."

"އަމިއްލައަށް ހަލާކުގެ ތެރެއަށް ފުންމައިލީ ދޯ..."އާރިކް ބުނެލިއެވެ.

"މަގު އޮޅުނީ.....ހެޔޮ މަގުން ދާން މަސައްކަތްކުރަން ޖެހޭނީ......އެންމެނަށް އެހާ ފަސޭހަކަމެއްނޫން...ޚާއްސަކޮށް މަސްތުވާ އެއްޗެހީގެ ވަބާގައި ޖެހުނީމަ ސިކުނޑި މުޅިން އެފުށްމިފުށަށް ޖެހޭނީ...އެހެންވެ އެކަމާއި ދުރަށް ދުވާންވީ..ދެދުނިޔޭގެ ހަލާކު...މަންމަ އެކަމުން ސަލާމަތްކުރަން ދަރިފުޅުވެސް މަސައްކަތްކުރޭ..މާމައަށް ވިސްނޭ...އެކަމުގެ ތެރެއަށް ވަންނަނީ ނުބައިނުލަފާ ވެގެނެއްނޫން. ހާލަތު ހުންނަގޮތުން. ނަމަވެސް އެމީހެއްގެ ޒިންމާއެއް އެކަމުން ދުރުވުމަކީ.އެއީ މާމަ ގަބޫލުކުރާގޮތް..މާމަ ހާދަ ދުޢާކުރަމޭ..އެކުއްޖާއަށް ހިދާޔަތް ލިބުމަށް އެދި......އާރިކް..މަންމަގެ ހާލު ކިހިނެއް؟"

ދަރިފުޅުގެ ނުބައިނުލަފާ ކަމާއިއެކުގައި ވިޔަސް މާމަގެ ހިތުގައިވަނީ ރަހުމާއި ލޯތްބެވެ. އާރިކްއަށް ލޯ މަރައިލެވުނެވެ.އޭނަގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

***

އާރިކް ކާރަށް އަރަން ދަނިކޮށް މީހަކު ގޮވައިލިހެން ހީވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު