މުސްލިމުންނާއި ކާފަރުންގެ ދެމެދުގައިވާ ތަފާތަކީ ނަމާދުކަން މިއަދު ހުކުރު ޚުތުބާގައި އެންމެހައި މުސްލިމުންނަށް ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށެވެ.
އިސްލާމް ދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ. އެކަން ފާހަގަކޮށް ޚުތުބާގައި ވަނީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި އެއްވެސް މުސްލިމަކަށް ނަމާދު ގާއިމުކުރުމަކީ ދޫކޮށްލެވޭނެ ފަރުޟެއް ނޫންކަން ހަނދާން ކޮށްދީފައެވެ.
"މުސްލިމް އަޚުންނޭވެ! ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ،" ޚުތުބާގައި ބުންޏެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައި މީހުން ނަމާދު ގާއިމުކުރާށެވެ. އަދި، މުޝްރިކުންގެ ތެރެއިން ތިޔަބައި މީހުން ނުވާށެވެ." ޚުތުބާގައި ބުނީ، އެއީ ނަމާދަށް ފަރުވާތެރިނުވާ މީހާ ކާފިރުވާނެކަމުގެ ދަލީލެއްގެ ގޮތުގައި އިލްމުވެރިން ގެންނަވާ އާޔަތެއް ކަމަށެވެ.
"ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތެވެ. އެ ދެމެދު ވަކިކުރާ އިމެވެ،" ޚުތުބާގައި ހަނދާންކޮށްދިނެެވެ.
މީގެ އިތުރުން، އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުން ކަމަށް މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، އެކަލޭގެފާނުގެ އުންމަތަށް ކުރެއްވި އެންމެ ފަހު ވަސިއްޔަތްޕުޅަކީ ވެސް ނަމާދުކަން ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.
ޝަރުއީ އުޒުރެއް ނެތި ނަމާދު އޭގެ ވަގުތުގައި ނުކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ. އެގޮތުން، ބައެއް މީހުން ނަމާދުކުރުން ފަސްކުރަމުން ފަސްކުރަމުން ގޮސް، ވަގުތު ފާއިތުވެދާއިރު ވެސް ނަމާދުނުކުރެވޭކަން ފާހަގަކޮށް ޚުތުބާގައިވަނީ ނަމާދަށް ރައްކާތެރިވާން ހަނދާންކޮށްދީފައެވެ.
"މުސްލިމް އަޚުންނޭވެ! الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ،" ނަމާދަކީ ކީރިތި ޤުރުއާނުގައި ވެސް އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ފާހަގަކޮށް ޚުތުބާގައި ހަނދާންކޮށްދިނެވެ.