ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފަށައިފި

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް: އެ ތަން ވަނީ ބޭނުންކުރަން ފަށާފައި -- ފޮޓޯ/ އެމްއޭސީއެލް

ހދ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރަމުން އަންނަ އާ ޕެސެންޖާ ޓާމިނަލް ބޭނުންކުރަން އިއްޔެ ފަށައިފިއެވެ.

އެ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި، އަންނަ މަހު ހުޅުވަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހަނިމާދޫ އެއާޕޯޓު ވެސް ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އިއްޔެ ބުނީ، ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލްގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ބަދަލު ގެންނަނީ އެ ޓާމިނަލް ހުޅުވަން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންތާބޯޓުތަކަށް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމަށްވާތީއެވެ. އެހެންވެ، ރަންވޭއަށް ކްލިއަރެންސް ހޯދުމަށް މިހާރު ބޭނުންކުރާ ޓާމިނަލާއި އެ ތަނާއި އިންވެގެން ހުރި އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޮގަސްޓު މަހު ހަނިމާދުއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމާޒަކީ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު އެއްކޮށް ނިންމައި، ހުޅުވުން ކަމަށް ވިދާޅުވެފައެވެ.

https://sun.mv/210386

މި މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރަން އޮތީ ނިންމައިފައެވެ. އަދި، 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރަން ވަނީ ނިންމައިފައެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ.

ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ.

comment ކޮމެންޓް