ކަސްޓަމްސްއިން ހިފަހައްްޓައި ޕޯޓްސް ކުންފުނި (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އަންނަ ހަފުތާގައި ބާއްވަން ނިންމި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީ ފަސްކުރަން މިއަދު ނިންމައިފިއެވެ.
ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ގެއްލުނުކަން ފަޅާއެރީ މިދިޔަ ހަފުތާގައެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބުދަ ދުވަހު ސިއްރުކޮށްގެން ބޭއްވި ކޮމިޓީގައި ވަނީ އާދިއްތަ ދުވަހު އެ މައްސަލައިގައި ހޯމްލޭންޑް މިނިސްޓްރީ ހާޒިރުކުރަން ނިންމާފައެވެ. އަދި، އެއަށް ފަހު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އެމްޕީއެލްގެ އިސްވެރިން ވެސް ކޮމިޓީއަށް ހާޒިރުކުރަން އޮތީ ނިންމާފައެވެ.
އެކަމަކު، މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އެ ކޮމިޓީ އެއް ހަފުތާއަށް ފަސްކޮށްފައިވާ ކަމަށް ބުނެފައެވެ.
މަޖިލީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކޮމިޓީ އެއް ހަފުތާއަށް ފަސްކުރަން ނިންމީ އެ މައްސަލައިގައި މި ވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި ނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށެވެ. އިތުރު ތަފުސީލެއް ދެއްވާފައެއް ނުވެއެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް 13 މިލިއަން ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ހިފެހެއްޓީ އޭޕްރީލް 26 ގައެވެ.
އެކަމަކު، އެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެ ސިނގިރޭޓުތައް ވަގަށް ނެގި މައްސަލަ ވަނީ ފެންމަތިވެފައެވެ. ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު، އެ މައްސަލައިގައި މަޝްރޫއު ދެ ވިޔަފާރިވެރިން ކަމަށްވާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެ ތުހުމަތުގައި ދެން ހައްޔަރުކުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލެވެ. މުއާޒަކީ ކުރިން ކަސްޓަމްސްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
މި މައްސަލައިގައި މުއާޒް ފަސް ދުވަހަށް، ދިގަލި ވަހީދު 10 ދުވަހަށް، އަދި އާރިފާއި ޒިވާރު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ތަހުގީގާ ގުޅިގެން ކަސްޓަމަސްއިން ޒިވާރު އަދި މިފްކޯއިން މުއާޒު ވަނީ ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން، ހަމަ މި މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، ހައްޔަރުކުރި މީހުން ފިޔަވާ ޖުމުލަ 12 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.