ދިވެހި ބޭންޑު، ޓޫ އޮފް އަސްއިން މުޙައްމަދު ނަސޫހު ވަކިވެފައިވާ ކަމަށް އެ ބޭންޑުން މިއަދު ބުނެފިއެވެ.
މެލޭޝިއާގައި ޓޫ އޮފް އަސްއިން ކޮންސެޓެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ނަސޫހު މީގެ ފަހުން އެ ބޭންޑުގައި ހުށަނާޅާނެ ކަމަށް ޓޫއޮފް އަސްއިން ވަނީ ބުނެފައެވެ. އެ ގޮތަށް ނިންމާފައިވަނީ، ބޭންޑާއި ނަސޫހާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެއެވެ.
ރާއްޖޭގައި މި ވަގުތު އެންމެ މަގުބޫލު ވޯކަލިސްޓުންގެ ތެރޭގައި ހިމެނޭ ނަސޫހު ވަނީ ވަކިން ހުށަހެޅުންތައް ހުށަހަޅަން ނިންމާފައެވެ. އެގޮތުން، އޭނާ ވަނީ ކައިވެނީގެ ހުށަހަޅުންތަކާއި އަމިއްލަ ޕްރޮޖެކްޓުތަކުގައި ރާއްޖޭގައި ލަވަތައް ހުށަހަޅަން ނިންމާފައި ކަމަށް ޓޫ އޮފް އަސްއިން ބުންޏެވެ.
ޓޫ އޮފް އަސްގެ ލީޑު ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ބުނީ، ނަސޫހަކީ ރާއްޖޭގައި އެންމެ ރަނގަޅު ވޯކަލިސްޓުންގެ ތެރެއިން އެކަކު ކަމަށާއި އެކީ ސްޓޭޖެއް ހިއްސާކުރި އެންމެ ހުނަރުވެރި މީހުންގެ ތެރޭގައި ނަސޫހް ހިމެނޭ ކަމަށެވެ.

ނަސޫހު: ޓޫއޮފް އަސްގައި ނަސޫހު ދެން ހުށައެއް ނާޅާނެ
މީގެ އިތުރުން، މިއުޒިކްގެ ދާއިރާގައި ވަކިން އުޅުނަސް އެކުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށާއި ނަސޫހަކީ އަބަދު ވެސް އާއިލާ މެންބަރެއް ކަމަށް އަދުހަމް ބުންޏެވެ.
ޓޫއޮފް އަސްއިން ނަސޫހާ އެކު ހޭދަކުރި އުފާވެރި ވަގުތުތައް ފާހަގަކޮށް، އެކުގައި ހޯދައިދިން ކާމިޔާބީތަކަށް އެ ބޭންޑުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއިން ބޭރުގައި ދިވެހި ބޭންޑަކުން ރަސްމީ ގޮތެއްގައި ބާއްވާ ފުރަތަމަ ކޮންސެޓު މެލޭޝިއާގައި ބާއްވަން ޓޫއޮފް އަސްއިން އަންނަނީ ތައްޔާރުވަމުންނެވެ.
ކޮންސިއާޖް ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިސްވެ އޮވެ، ބާއްވާ މި ކޮންސަޓު އޮންނާނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ހަރަކާތްތައް ބާއްވާ މަރުކަޒެއް ކަމަށްވާ، ޕެޓަލިން ޖަޔާ ޕާފޯމިން އާޓްސް ސެންޓަރުގެ ސްޓޭޖް ވަން ތިއޭޓަރުގައެވެ.
ޓޫ އޮފް އަސްގެ ތާރީޚީ ޝޯގެ ރަސްމީ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.
މީގެ އިތުރުން، އެ ކޮންސަޓުގެ ޕާޓްނަރުންގެ ތެރޭގައި ވިޒިޓް މޯލްޑިވްސްއާއި، މީ-2 ފިލްމްސްއާއި އައިލެންޑް ޕާފިއުމްސްއާއި އަޒިޑޮން އަދި މާލެ ސިޓީ ކައުންސިލް ހިމެނެއެވެ.