އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް އުފަން، ޕްރިންސް އެންޑްރޫ ޝާހީ ލަގަބުތައް ދޫކޮށްލައިފިއެވެ.
އެންޑްރޫ ޝާހީ ލަގަބުތައް ދޫކޮށްލައިފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އެ ކުދިން ޓްރެފިކް ކުރުމުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވިކަން ހާމަވެ، އެންޑްރޫއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ފަހުންނެވެ.
'ޑޫކް އޮފް ޔޯކް' ހިމެނޭ ގޮތަށް، ޝާހީ ލަގަބު ބޭނުންނުކުރި ނަމަވެސް، އެންޑްރޫ ދެމިހުންނާނީ ޕްރިންސެއްގެ ގޮތުގައެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮ އަދި މަރުހޫމް ރާނީ އެލިޒަބަތު ދެވަނަގެ 65 އަހަރުގެ އެންޑްރޫ، ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ކުރަމުންދާ ތުހުމަތުތަކުގެ ސަބަބުން، ބޭބެ ޗާލްސްގެ މަސައްކަތާއި އިނގިރޭސި ޝާހީ އާއިލާގެ މަސައްކަތްތަކަށް ސަމާލުކަމެއް ނުދެވޭ ކަމަށެވެ.
އެހެންވެ، ލަގަބުތައް ދޫކޮށްލި ނަމަވެސް، ތުހުމަތުތައް ދޮގު ކުރާ ކަމަށް އެންޑްރޫގެ ބަޔާނުގައިވެއެވެ.
އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު އަންހެނެއް ކަމަށްވާ، ވާޖިނިއާ ޖުފްރޭ ވަނީ، އޭނާގެ އުމުރުން 17 އަހަރުގައި އެޕްސްޓީން އޭނާ ޓްރެފިކްކުރި ކަމަށާއި އެންޑްރޫ އޭނާއާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކޮށްފައެވެ.
ޖުފްރޭ 2021 ވަނަ އަހަރު އެ މައްސަލައިގައި އެންޑްރޫއާ ދެކޮޅަށް ދައުވާކުރިއެވެ. ނަމަވެސް އެންޑްރޫ ވަނީ އެ ދައުވާއަށް އިންކާރުކޮށް، ޖުފްރޭއާ ދިމާވިކަން ހަނދާން ނެތް ކަމަށް ބުނެފައެވެ.
ޖުފްރޭ، އެންޑްރޫގެ މައްޗަށް ކުރި ދައުވާގެ މައްސަލަ 2022 ވަނަ އަހަރު ސެޓުލްމެންޓަކުން ނިންމާފައިވާއިރު، ފައިސާ ދިނީ ކިހާ ވަރަކަށް ކަން ހާމަކޮށްފައެއްނުވެއެވެ.
މިދިޔަ އޭޕްރިލް މަހު ޖުފްރޭ ވަނީ މަރުވެފައެވެ. އޭނާގެ މަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށެވެ.