ކާރިސާތަކަށް ހޭލުންތެރިކުރުމަށް، އިރުޝާދުތައް ހިމެނޭ ވެބްސައިޓެއް ލޯންޗުކޮށްފި

ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވުން: ކާރިސާތަކަށް ތައްޔާރުކުރުވުމަށް ޚާއްސަ "ހުޝިޔާރު" ވެބްސައިޓް ވަނީ އިފުތިތާހުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާރިސާތަކަށް ތައްޔާރުވުމާ ބެހޭ ގޮތުން މުޅި ރާއްޖޭގައި ހިންގުމަށް ޚާއްސަ ރިސްކް ކޮމިއުނިކޭޝަން ވެބްސައިޓެއް ކަމަށްވާ "ހުޝިޔާރު" ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ މި ވެބްސައިޓް ތައާރަފުކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެންނެވެ.

މި ވެބްސައިޓް ތައާރަފުކޮށްފައިވަނީ, މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގައެވެ.

އެންޑީއެމްއޭއިން ބުނީ، "ހުޝިޔާރު" ވެބްސައިޓް ތަރައްގީކޮށްފައިވަނީ ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދިން އެހީގެ ދަށުން ކަމަށެވެ.

އެ އޮތޯރިޓީން ބުނީ؛ މި ޕްލެޓްފޯމްގައި މޫސުމީ އިންޒާރުދޭ އެލާޓްތަކާއި، ނުރައްކަލަށް ޚާއްސަ ގައިޑްލައިންތައް ހިމެނޭ ކަމަށެވެ. އަދި ކާރިސާތަކުގައި އަމަލުކުރަންވީ ގޮތާއި ހޭލުންތެރިވުމަށާއި ރެސްޕޮންސް ޓޫލްކިޓްތައް މި ޕްލެޓްފޯމުން ފޯރުކޮށްދޭ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މި ޕްލެޓްފޯމުން ކާރިސާތަކާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެއެވެ.

ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި ޕްލެޓްފޯމުން ފަސް ބަހަކުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އެއީ ދިވެއްސާއި އިނގިރޭސި ބަހުގެ އިތުރުން، ސިންހަލަ، ބެންގާލީ އަދި ހިންދީ ހިމެނެއެވެ. އަދި ވެބްސައިޓް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މި ވެބްސައިޓުގެ މަގުސަދަކީ ކާރިސާތަކަށް ހޭލުންތެރި އަދި ތައްޔާރަށް ތިބި މުޖުތަމައުއެއް ބިނާކުރުން ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ވެބްސައިޓް ލޯންޗްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ޚާއްޞަ ވެބްސައިޓެއް ގާއިމުކުރުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.

ހުޝިޔާރު ވެބްސައިޓަކީ މުޖުތަމައުއަށް މަޢުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

"ވިލުންތެރި ފެސްޓު" އަކީ ކުޑަކުދިންނާއި މުޅި މުޖުތަމައުއަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެކެވެ. މި ފެސްޓުގައި ރާއްޖޭގެ ކާރިސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި މިނޫންވެސް ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި މަދަނީ ޖަމްއިއްޔާތައް ހިމެނޭގޮތަށް، 20 ފަރާތަކުން ވަނީ ރާއްޖެ ވިލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދީފައެވެ.

comment ކޮމެންޓް