ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓެއްގައި މިއަދު ރޯވެ، ކޮޓަރިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހެނދުނު ރޯވެފައިވަނީ ލޮޓް 10066 އެޕާޓްމެންޓެއްގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުނީ 08:49 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. އެގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު ކަމަށް ބުންޏެވެ.
ސިފައިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ކަމަށެވެ.
އެ އެޕާޓްމެންޓުގައި ހުރީ ކިތައް ކޮޓަރިތޯ އާއި އެއީ މީހުން ދިރިއުޅޭ އެޕާޓްމެންޓެއްތޯ "ސަން"އިން ސުވާލުކުރި ނަމަވެސް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.
މިފަދަ ހާދިސާތަކުގައި އެހީ ފޯރުކޮށްދޭ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން "ސަން"އަށް ބުނީ އެ ހާދިސާ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.
އެހެންނަމަވެސް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއާ ހަވާލާދީ އެންޑީއެމްއޭގެ އޮފިޝަލް ވިދާޅުވީ އެ އެޕާޓްމެންޓުގައި މީހުން ދިރިއުޅޭ ކަމަށާއި އަލިފާން ރޯވީ އެޕާޓްމެންޓުގެ އެއް ކޮޓަރީގައި ކަމަށެވެ. އަދި ރޯވި ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.