ވޯޓުން މުޅި އައްޑުއަށް އަސަރުކުރާއިރު، ސިޓީގެ އެންމެން ނުހިމެނުން އިންސާފުވެރިއެއްނޫން: ޖަމިއްޔާތައް

އިންތިހާބެއްގައި މީހަކު ވޯޓު ލަނީ: އައްޑޫ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަކާ ނުލާ ވޯޓަށް އެހުން އިންސާފުވެރިއެއް ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވޭ -- ފޮޓޯ/ މޫސާ ނަދީމް

އައްޑޫ ސިޓީގައި ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ވޯޓަށް އަހާއިރު، އެ ވޯޓުގައި ސިޓީގެ އެންމެން ބައިވެރިނުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ހަތަރު ޖަމިއްޔާއަކުން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 17ގައެވެ.

އެ ވޯޓު އޮންނާނީ މި މަހުގެ 25ގައިކަން އީސީން އިއުލާން ކުރީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެގޮތުން ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހާނީ، އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯއެވެ.

އެ ވޯޓާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޕްރޮޖެކްޓް ތިމާވެށްޓާއި މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނާއި ޒީރޯ ވޭސްޓް މޯލްޑިވްސްއިން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައިވަނީ، އައްޑޫގެ ވަކި ދާއިރާތަކަކަށް ވޯޓުލުން ހަނިކޮށްފައިއޮތް އޮތުމަކީ ކަންބޮޑުވުން އޮތްކަމެއް ކަމަށާއި އާންމު ވޯޓުގެ ނަތީޖާއިން މުޅި އައްޑޫ އަތޮޅުގެ ހިންގުމާއި އިދާރީ ކަންކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް، ވޯޓުގައި ހިތަދޫ، މަރަދޫ އަދި މަރަދޫފޭދުގެ ރައްޔިތުން އިސްތިސްނާކުރުމަށް ނިންމާފައިވާ ނިންމުމާއި އެކަމަށް އެކަށީގެންވާ ސަބަބުތަކެއް ސަރުކާރުން ނުދައްކާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ، މި ޖަމްއިއްޔާތަކުން ވަނީ ވޯޓު ނަގާއިރު އިންސާފުވެރިކަމާއި، ހުރިހާ ފަރާތްތަކެއް ހިމެނުމާއި، އަސަރުކުރާނެ މުޖުތަމައުތަކާއެކު މާނަހުރި މަޝްވަރާގެ މަރުޙަލާއެއް ނެތްކަމަށް ވެސް ބުނެފައެވެ. އަދި ހަމައެކަނި މާލެއާއި އައްޑޫގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައި އޮތުމުގެ ސަބަބުން، އެހެން އަތޮޅުތަކާއި ރިސޯޓްތަކާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ނުލިބި، ވޯޓުލާ އާބާދީގެ ގިނަ ބަޔަކު ވޯޓުލުމުގެ މަރުހަލާއިން ބާކީވާ ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.

މީގެ އިތުރުންވެސް، ވޯޓުގެ ނަތީޖާއަށް ހޭލުންތެރިވުމަށް އެކަށީގެންވާ ވަގުތު ނުދިނުމުން، ވޯޓުނެގުމުގެ އިންސާފުވެރިކަމާއި، ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދިއުމާއި ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯދުމާ ގުޅޭގޮތުގެ ކަންބޮޑުވުންތައް އޮތް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: އައްޑޫ ވޯޓު ނަގާ ގޮތް އިންސާފުވެރި ނޫން ކަމަށް ޖަމިއްޔާތަކުން ބުނޭ -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އެ ޖަމިއްޔާތަކުން ވަނީ ވޯޓުގެ ނަތީޖާއިން ބަދަލު އަންނާނެ ކަންތައްތަކުގެ ތެރޭގައި މުހިންމު ގިނަ ކަންތައްތަކެއް ހިމެނޭކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:

  • އައްޑޫ ސިޓީގެ ހިންގުމާއި އިދާރީ އޮނގަނޑާއި ރައްޔިތުން ތަމްސީލުކުރާނެ ގޮތް
  • ވަސީލަތްތައް ބެހިގެންދާގޮތް
  • މާލީ އިންތިޒާމުތައް
  • އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން

މީގެ އިތުރުން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށާއި، ރަށްރަށުގެ ލޯކަލް ގަވަނަންސްގެ ފުޅާ އޮނިގަނޑަށްވެސް އޭގެ ސީދާ އަސަރު ކުރާނެ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

މިކަން ފާހަގަކުރަމުން ޖަމްއިއްޔާތަކުން ބުނީ، މި އާންމު ވޯޓުގެ މުހިއްމުކަމަށް ރިއާޔަތްކޮށް، ވޯޓުނެގުން ބާއްވަންވާނީ ވޯޓުނެގުމުގެ މާހައުލާއި އިޖުރާއަތުތައް ވީހާވެސް ހާމަކަންބޮޑުކޮށް، އަދުލުވެރި ގޮތެއްގައި, އެކަށީގެންވާ ވަގުތު ދީގެން ފުޅާ ދާއިރާއެއްގައި އާންމުން ހޭލުންތެރި ކުރުވައިގެން ކަމަށެވެ.

ހަމައެއާއެކު، އާންމުންގެ ބައިވެރިވުމާއި، އާންމު މަޝްރަހުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމާއި، ހުރިހާ އެންމެންނަށް ފަސޭހައިން ލިބެން ހުންނަ ސާފު މައުލޫމާތު ފޯރުކޮށްދީ ވޯޓުލާ ފަރާތްތަކަށް މިނިވަންކަމާއެކު ފުރިހަމަ މައުލޫމާތު ލިބިގެން ނެގޭ ވޯޓެއްކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައިވަނީ، ވޯޓު ނެގުމަށް އިއުލާނު ކުރުމާއި ވޯޓުލާ ތާރީޚާ ދެމެދު އޮތް 19 ދުވަހުގެ މުއްދަތަކީ ވޯޓު ނެގުމުގެ މަގުސަދާއި، ވޯޓުގެ ނަތީޖާއިން އަންނާނެ ބަދަލުތަކާއި، ވޯޓުގެ ނަތީޖާގެ ސަބަބުން މުސްތަގްބަލަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެފައެވެ.

އެއާއެކު، މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތުތަކަކީ އާންމުން ހޭލުންތެރިކުރުވުމަށް އެކަށިގެންވާ މުއްދަތުތަކެއްނޫންކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ. ވަކިން ޚާއްސަކޮށް ގާނޫނުގެ 19 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައިސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރަކުން ވަކި ސަރަހައްދެއްގައި ވޯޓުލުމަށް ފެންނަ ހާލަތްތަކުގައި ރެފެރެންޑަމް އިއުލާންކުރާ ދުވަހާއި ވޯޓުލާ ދުވަހާ ދެމެދު އޮންނަ މުއްދަތު ކުރުކުރުމަށް އޮންނަ ފުޅާ އިޚުތިޔާރާމެދުވެސް ކަންބޮޑުވުން ފާޅުކުރާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/212673

ޑިމޮކްރަސީގެ އަސާސީ އުސޫލުތައް ދެމެހެއްޓުމަށް ކަމާބެހޭ އިދާރާތަކަށް މި ޖަމްއިއްޔާތަކުން ގޮވާލާފައިވެއެވެ. މިކަންކަން ކަށަވަރު ނުކުރެވޭނަމަ، މި ވޯޓުގެ ސައްހަކަމަށް ބުރޫއެރުމުގެ ޖާގަ އެބައޮތް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ޖަމިއްޔާތަކުގެ އިތުރުން، އިދިކޮޅު އެމްޑީޕީން ވެސް ވޯޓު ބާއްވާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުުވުން ފާޅުކޮށްފައެވެ. އެގޮތުން ވޯޓު ނަގަނީ، ވޯޓުގެ ނަތީޖާއަށް އެކަށީގެންވާ ވަރަށް ހޭލުންތެރިނުކޮށް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެ ވޯޓާ މެދު ޚިޔާލު ތަފާތުވުން އޮތްއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ވޯޓުގައި ސަރުކާރުން ވަކި އަތަކަށް ނުޖެހޭ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް